އެމްބާޕޭ ރެއާލް މެޑްރިޑަށް، މުސާރައަކީ ހަފްތާއަކު ފަސް މިލިއަން ރުފިޔާ

Advertisement

އެމްބާޕޭ ރެއާލް މެޑްރިޑަށް، މުސާރައަކީ ހަފްތާއަކު ފަސް މިލިއަން ރުފިޔާ

ފަހުމިނެޓް

ޕީއެސްޖީ ދޫކޮށް ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ގުޅިއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ، 25، އިއްޔެ ވަނީ ރެއާލްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ޕީއެސްޖީގެ އެއްބަސްވުން އާނުކޮށް އެމްބާޕޭ ރެއާލަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ ޖޫން 30 ވަނަ ދުވަހު އެވެ. އެހެންވެ ރެއާލުން އެމްބާޕޭއާ އެކު އެއްބަސްވުން ހެދީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ފަސް އަހަރު ދުވަހުގެ އެއްބަސްވުމާ އެކު 2029 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އެމްބާޕޭ ރެއާލްގައި ހުންނާނެ އެވެ. ރެއާލުން މުސާރައިގެ ގޮތުގައި އެމްބާޕޭއަށް ސީޒަނެއްގައި 16 މިލިއަން ޑޮލަރު ދޭނެ އެވެ. ދިވެހި ރުފިޔާއިން އަހަރަކަށް އެއީ 251 މިލިއަނެވެ. ހަފްތާއަކަށް ބަލާނަމަ 4.8 މިލިއަން (ހަމައެކަނި މުސާރައިގެ ގޮތުގައި ހަފްތާއަކު ގާތްގަނޑަކަށް ފަސް މިލިއަން) ދިވެހި ރުފިޔާ އެވެ.

މުސާރައިގެ އިތުރުން ސައިނިން ބޯނަސްގެ ގޮތުގައި ފަސް އަހަރަށް ބަހާލައިގެން އެމްބާޕޭ އަށް 163 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 33 މިލިއަން ޑޮލަރެވެ.

އެމްބާޕޭ މިހާރު ހުރީ ޔޫރޯ އަށް ތައްޔާރުވާ ފްރާންސް ޓީމާ އެކު އެވެ. އެކަމަކު ރެއާލުން އަންނަނީ ޔޫރޯގެ ކުރިން އެމްބާޕޭ ރަސްމީކޮށް އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލަން ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އަންނަ ހަފްތާ އެމްބާޕޭގެ ހުރިހާ ކަމެއް ފައިނަލްކޮށް ރެއާލްގެ މަޝްހޫރު ސްޓޭޑިއަމްގައި އެމްބާޕޭ ސަޕޯޓަރުންނަށް ދައްކާލާނެ އެވެ.

ފްރާންސާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އެމްބާޕޭ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އެމްބާޕޭގެ ވިދުން ގަދަވީ މޮނާކޯގައި ދައްކަން ފެށި މޮޅު ކުޅުމާ އެކު އެވެ. އެމްބާޕޭ މޮނާކޯ އިން ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ.

ޕީއެސްޖީ ދޫކޮށްލިއިރު އެމްބާޕޭއަކީ 256 ގޯލާ އެކު އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

އެމްބާޕޭއާ އެކު ރެއާލް އިތުރަށް ވަރުގަދަކުރިއިރު، އެޓީމު ވަނީ މިދިޔަ ހޮނިހިރު ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި 15 ވަނަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *