ޗެމްޕިއަންސް ލީގު މެޑަލްއާއެކު ބެލިންހަމް ވަޒަންކުރީ މައިވަންތަކަމުގެ އަގު

Advertisement

ޗެމްޕިއަންސް ލީގު މެޑަލްއާއެކު ބެލިންހަމް ވަޒަންކުރީ މައިވަންތަކަމުގެ އަގު

ފަހުމިނެޓް
ބެލިންހަމް މަންމައާ އެކު. ފައިނަލަށް ފަހު މެޑަލް އެޅުވީ މަންމަގެ ކަރުގައި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް މެޑްރިޑަށް ޔަގީންވުމާއެކު މީޑީއާގެ ސަމާލުކަން ރޭ ހުއްޓުނު އެއް ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންހަމް އެވެ.

ރެއާލް މެޑްރިޑްގެ ހުދު ޖާޒީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވުމާ އެކު ބެލިންހަމް ހުރީ އޭނާއަށް ކުރެވުނު އިހުސާސް ބަޔާންކުރަން ނޭނގިފަ އެވެ. މެޗު ނިމުމާ އެކު، ބެލިންހަމް އެޓީމުގެ ކުޅުންތެރިންނާ އެކު އުފަލުގައި ކޮންމެވެސް ވަރަކަށް ބައިވެރިވި އެވެ. އަދި، ފައިނަލުގައި ބަލިވި އޭނާގެ ކުރީގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުންތެރިން ހަމައަކަށް އަޅުވަން މަސައްކަތްކުރި އެވެ.

Advertisement

މެޗަށް ފަހު ބެލިންހަމްގެ ފަރާތުން ފެނުނު “އިމޯޝަންސް” އާ އެކު އިންޓަވިއުގައި ބެލިންހަމް އަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ބެލިންހަމް ބުނީ އޭނާ ކުރެވުނު އިހުސާސްތައް ބަޔާންކުރަން އުނދަގޫވީ ދަނޑުން މަންމަ، ޑެނީސް ބެލިންހަމް އާއި ބައްޕަ، މާކް ބެލިންހަމް ފެނުމުން ކަމަށެވެ. ބެލިންހަމްގެ ކަންކަމުގައި އަބަދުވެސް ބޮޑު ސަޕޯޓެއްދޭ މައިންބަފައިން ވެމްބްލީ ސްޓޭޑިއަމުން ފެނުމާއެކު ބެލިންހަމް ހުއްޓުން އެރީ އެވެ.

“މިކަހަލަ މެޗުތަކުގައި ކުޅެ ކާމިޔާބީ ހޯދުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް. މިއީ ވަރަށް ފުރިހަމަ ސީޒަނެއް. އަހަރެންނަށް އެންމެ އުފާވެރި ރެޔަކީ މިއީ. މިވާހަކަތައް އިތުރަށް ކިޔައިދޭނެ ގޮތެއް އަހަރެންނަށް ނޭނގޭ” މެޗަށް ފަހު އިންޓަވިއުދެމުން ބެލިންހަމް ބުންޏެވެ.

ބެލިންހަމްގެ އާއިލާ ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ. ބެލިންހަމްގެ ކާމިޔާބީގައި އޭނާގެ މައިންބަފައިންގެ ދައުރު ބޮޑު

ރެއާލުން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސީޒަނުގައި ބެލިންހަމް 23 ގޯލު ޖެހި އެވެ. ފުރަތަމަ ސީޒަނުގައި ސްޕެނިޝް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.

ތަށި ދިނުމުގެ ރަސްމިއްޔާތަށް ފަހު ބެލިންހަމް ވަނީ ސަޕޯޓަރުން ކައިރިއަށް ގޮސް އޭނާގެ މަންމައާ ބައްދަލުކޮށް މަންމަގެ ކަރުގައި ރަން މެޑަލް އަޅުވައިފަ އެވެ. ބެލިންހަމްގެ މަންމަ އާއި ބައްޕަގެ އިތުރުން މިހާރު ސަންޑަލެންޑަށް ކުޅޭ ފިރިހެން ކޮއްކޮ ޖޯބް ބެލިންހަމް ވެސް އާއިލާ އަށް ލިބުނު އެ އުފަލުގައި ބައިވެރިވި އެވެ.

މަންމަގެ ކަރުގައި މެޑަލް އެޅުވުމަށް ފަހު އާއިލާއާ އެކު ބެލިންހަމް ދަނޑުމަތީގައި ވަގުތު ހޭދަކުރި އެވެ. އަދި، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯއާ އެކު އޭނާގެ މަންމަގެ ފޮޓޯއެއް ބެލިންހަމް ނެގި އެވެ.

ބެލިންހަމްގެ ކެރިއަރުގައި އޭނާގެ މަންމަ އަދާކުރާ ދައުރު އަބަދުވެސް ފާހަގަކުރެ އެވެ. މިދިޔަ ޑިސެމްބަރު މަހު ބެލިންހަމް ބުނީ އޭނާގެ ކެރިއަރުގެ އެންމެ މުހިއްމު މީހަކީ މަންމަ ކަމަށެވެ.

“އަހަރެންގެ މަންމަ ކުޅެނީ ވަރަށް ބޮޑު ރޯލެއް. މިވަގުތު އަހަރެންގެ ކެރިއަރުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މަންމަ. ތެދަށް ބުނަންޏާ ކޯޗުންނާއި މެނޭޖަރުންނަށް ވުރެވެސް މަންމަގެ ދައުރު ބޮޑު” މަންމަ އަށް ތައުރީފް ކުރަމުން މިދިޔަ އަހަރު ބެލިންހަމް ބުންޏެވެ.

ބެލިންހަމްގެ އާއިލާ ވެމްބްލީ ސްޓޭޑިއަމްގައި. މެޗުގެ ފެށެން ފަސް ގަޑިއިރަށް ވީއިރު ބެލިންހަމްގެ މަންމަ އާއި ބައްޕަ ތިބީ ދަނޑަށް ވަދެ

އިނގިރޭސި ކްލަބް ބާމިންހަމް ސިޓީގައި ވިދާލައި ބޮރޫޝިއާ ޑޯޓްމަންޑަށް ބެލިންހަމް 2020 ވަނަ އަހަރު ބަދަލުވުމުން ބެލިންހަމްގެ މަންމަ، އޭނާގެ ދަރިފުޅު ފަހަތުން ޖަރުމަނަށް ދިރިއުޅުން ބަދަލުކުރި އެވެ. އެދުވަސްވަރު ބެލިންހަމްގެ ކަންކަން ޖަރުމަނުގައި ބެލެހެއްޓީ ލޯބިވާ މަންމަ އެވެ. ބެލިންހަމްގެ ބައްޕަ އޭރު މަޑުކުރީ ޖޯބް ބެލިންހަމްއާ އެކު އިންގްލެންޑުގަ އެވެ.

ބެލިންހަމް އަށް ލިބުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތަށި ރޭ އޭނާ އަށް ވަރަށް ހާއްސަވި އެވެ. އެހާ ޒުވާން އުމުރުގައި ދައްކަން ފެށި މޮޅު ކުޅުމާ އެކު ބެލިންހަމްގެ މައިންބަފައިން ވެސް ތިބީ އެމީހުންގެ ދަރިފުޅު އެންމެ އުހަށް ގެންދަން އަމާޒު ހިފައިފަ އެވެ.

ބެލިންހަމް އަށް ދެން އޮތީ މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ތަމްސީލު ކުރުމެވެ. ވަރުގަދަ ސްކޮޑަކާ އެކު އިންގްލެންޑަކީ ޔޫރޯގެ އެއް ފޭވަރިޓެވެ. އެ މުބާރާތް ކާމިޔާބުކޮށްފިނަމަ މިއަހަރުގެ ބެލޮންޑިއޯ ހައްގު ވާނީ ބެލިންހަމް އަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *