ކިންގްސް ކަޕްގެ ތަށި ނުލިބުމުން ރޮނާލްޑޯ އަށް ރޮވިއްޖެ

ސައުދީ އަރަބިއާގެ ކިންގްސް ކަޕްގެ ފައިނަލުގައި ރޭ، އަލް ހިލާލްއާ ވާދަކޮށް އަލް ނަސްރު ބަލިވުމުން ކްރިސްޓިއާނޯ ރޮނާލްޑޯ ވީދެރައިން ރޮވިއްޖެ އެވެ.
ޖިއްދާގައި ކުޅުނު ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު ހަމަހަމަވެގެންނެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ހިލާލް ކުރި ހޯދީ 4-5 އިންނެވެ.
ޕެނަލްޓީ ޖަހައިގެން ބަލިވުމާއެކު ރޮނާލްޑޯ އަށް ރޮވެން ފެށުނެވެ. އެމަންޒަރުތައް ޓީވީ އިން ދެއްކިއިރު އޭނާ ހަމައަކަށް އަޅުވަން އަލް ނަސްރުގެ ކުޅުންތެރިން މަސައްކަތްކުރި އެވެ. އެކަމަކު ރޮނާލްޑޯ ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެ ދެރަވެފައި ހުރިތަނެވެ. ދަނޑުން ފައިބަގެން ގޮސް ބެންޗުގައި އިންއިރު ވެސް ރޮނާލްޑޯ ރުޔެވެ.
ރޮނާލްޑޯ އަކީ ނިމުނު ސީޒަނުގައި ސައުދީ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ޖެނުއަރީ 2023 ގައި ރަސްމީކޮށް އަލް ނަސްރާ ގުޅުނު ރޮނާލްޑޯ، 39، މިހާތަނަށް އެ ކްލަބަށް ކުޅުނު 64 މެޗުގައި ވަނީ 58 ގޯލު ޖަހައިފަ އެވެ. އެކަމަކު އެޓީމާ އެކު ރޮނާލްޑޯ ތައްޓާ ރައްޓެއްސެއް ނޫނެވެ.
ރޮނާލްޑޯގެ ދެ ސީޒަނުގައި ވެސް އަލް ނަސްރަށް ލިބުނީ ލީގުގެ ދެ ވަނަ އެވެ. އަލް ނަސްރު ޓީމާ އެކު ރޮނާލްޑޯ އަށް ލިބުނު ހަމައެކަނި ކާމިޔާބީއަކީ މިދިޔަ އަހަރުގެ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ.
ގާތްގަނޑަކަށް 65 ހާސް ސަޕޯޓަރުން ދަނޑަށް ވަން މެޗުގެ ފުރަތަމަ ގޯލު ހަތް ވަނަ މިނެޓުގައި ޖެހީ ހިލާލްގެ އަލެކްސަންޑާ މިޓްރޮވިޗް އެވެ. ދެ ވަނަ ހާފުގައި އަލް ނަސްރަށް އުނދަގޫވީ 56 ވަނަ މިނެޓުގައި އެޓީމުގެ ގޯލްކީޕަރު ޑޭވިޑް އޮސްޕީނާ އަށް ރަތް ކާޑު ދެއްކުމުންނެވެ.
ގޯލެއް ޖަހަން އަލް ނަސްރު ކުރި މަސައްކަތް ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ އައިމަން ޔަހްޔާ އެވެ.
މެޗުގެ 90 ވަނަ މިނެޓުގައި ހިނގި ހަމަނުޖެހުމުގައި ހިލާލްގެ އަލް އަލް-ބުލާޔީ އާއި ކަލިދޫ ކުލިބާލީ އަށް ރަތް ކާޑު ދެއްކި އެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ހިލާލް އިން ނަސްރު ހިފެހެއްޓީ ދެ ކުޅުންތެރިން މަދުކޮށް ކުޅެގެންނެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އަލް ނަސްރުގެ ހަތް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދައެއްނުލެވުނެވެ. ހިލާލްގެ ހަތް ޕެނަލްޓީގެ ތެރެއިން ބޭކާރުވީ ދެ ޕެނަލްޓީ އެވެ.
ހިލާލް ވަނީ ނިމުނު ސީޒަނުގެ ލީގު ޗެމްޕިއަންކަން މެޗަކުން ބަލިނުވެ ހޯދާފަ އެވެ. ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހިލާލް އެ ހޯދީ ޖެހިޖެހިގެން ދެވަނަ ފަހަރަށެވެ. ހިލާލް އަކީ ކިންގްސް ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. ރޭ އެޓީމުން ހޯދީ ކިންގްސް ކަޕްގެ 11 ވަނަ ތައްޓެވެ.
ރޭގެ މެޗާ އެކު ސައުދީގެ ފުޓްބޯޅަ ސީޒަން ވަނީ ނިމިފަ އެވެ. ރޮނާލްޑޯ ދެން ކުރިމަތިލާނީ މި މަހު ޖަރުމަނުގައި ފަށާ ޔޫރޯއާ އެވެ.
Advertisement


Leave a Reply