ބާސެލޯނާއަކީ ބޮޑު އޮޅުންގަނޑެއް، ފްލިކަށްވެސް ހިތާމަކުރަން ޖެހޭނެ: ޒަވީ

Advertisement

ބާސެލޯނާއަކީ ބޮޑު އޮޅުންގަނޑެއް، ފްލިކަށްވެސް ހިތާމަކުރަން ޖެހޭނެ: ޒަވީ

ފަހުމިނެޓް
ބާސެލޯނާގެ ކޯޗުކަމުން ވަކިކުރި ޒަވީ. ކްލަބުގެ ހާލަތާ ގުޅޭގޮތުން ޒަވީ ވާހަކަދެއްކި

އޭނާގެ ބަދަލުގައި ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާ މީހަކަށް ވެސް އެ މަގާމުގައި ހިތާމަކުރަން ޖެހޭނެ ކަމަށް ޒަވީ ބުނެފި އެވެ.

ޒަވީ، 44، ބާސެލޯނާގެ ކޯޗުކަމުން ވަކިކުރާކަން އެ ކްލަބުން ހާމަކުރީ ލީގު ފަހު މެޗުގައި ސެވިއްޔާއާ ވާދަކުރުމުގެ ކުރިންނެވެ. ޒަވީގެ ފަހު މެޗުގައި ބާސެލޯނާ ވަނީ 1-2 އިން ސެވިއްޔާ ބަލިކޮށްފަ އެވެ.

Advertisement

ބާސެލޯނާގެ ކޯޗުކަމާ ދެން ހަވާލުވާނީ ކުރިން ޖަރުމަނާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ހަންސީ ފްލިކް އެވެ.

ޒަވީ ބާސެލޯނާއާ އެކު އެއްބަސްވުން ހެދީ 2025 ވަނަ އަހަރުގެ ސީޒަން ނިމެންދެންނެވެ. އެކަމަކު ޖެނުއަރީ މަހު ޒަވީ ވަނީ ބާސެލޯނާ ދޫކޮށްލާކަން ހާމަކޮށްފަ އެވެ. އެ ނިންމުން އޭޕްރީލް މަހު ޒަވީ ކުއްލިއަކަށް ބަދަލުކުރި އެވެ. ކްލަބާ ވާހަކަދެއްކުމަށް ފަހު ޒަވީ ފަހުން ބުނީ ބާސެލޯނާގެ ކޯޗުކަމުގައި ދެމިހުންނާނެ ކަމަށެވެ. އެކަމަކު އޭގެފަހުން އަނެއްކާވެސް ބާސެލޯނާގެ މެނޭޖްމަންޓާ، ޒަވީއާ ދެމެދު ހިޔާލުތަފާތުވުން އުފެދި މަގާމުން ވަކިކުރީ އެވެ.

“އަލަށް އަންނަ މެނޭޖަރަށް އަހަރެން ބުނާނީ. ހިތާމަކުރަން ޖެހޭނޭ. މިއީ ވަރަށް އޮޅުންބޮޑު ތަނެއް. މިއީ އުނދަގޫ ވަޒީފާއެއް. ވަރަށް ކެތްތެރިވާންޖެހޭނެ” ޒަވީ ބުންޏެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ޒަވީގެ ފުރަތަމަ ފުލް ސީޒަނުގައި ސްޕެނިޝް ސުޕަ ކަޕާއި ސްޕެނިޝް ލަލީގާ ކާމިޔާބުކުރި އެވެ.

މި ސީޒަނުގައި ބާސެލޯނާ އަށް ލިބުނީ ރެއާލް މެޑްރިޑްގެ ފަހަތުން ދެ ވަނަ އެވެ. ދެ ޓީމުގެ ދެމެދުގައި 10 ޕޮއިންޓުގެ ފަރަގެއް އޮތެވެ.

ޒަވީ މަގާމުން ވަކިކުރީ ބާސެލޯނާ އަށް ޔޫރަޕްގެ މަތީ ފަންތީގެ ކްލަބްތަކާ ވާދަނުކުރެވޭނެކަމަށް ބުނެ ކްލަބަށް ފާޑުކިޔުމުންނެވެ. އެ ކްލަބުގެ މާލީ ހާލަތު ދަށްކަމަށް ބުނެ ޒަވީ ވަނީ ރެއާލް މެޑްރިޑާއި ޔޫރަޕްގެ އެހެން ބައެއް ކްލަބްތަކާ ވާދަކުރަން ބާސެލޯނާ އަށް އުނދަގޫވާނެކަމަށް ބުނެފަ އެވެ.

“އަހަރެން ކުރި މަސައްކަތް ރަނގަޅަށް ބަލައެއްނުގަނޭ. ކޯޗުކަމުން ވަކިކުރަން ނިންމީމަ އެކަން ގަބޫލުކުރުން ނޫންގޮތެއް ނެތް. ބާސެލޯނާ އަށް ކޯޗުކޮށްދޭން ވަރަށް އުނދަގޫ. މި ވޭތުކުރީ އުނދަގޫ ހަފްތާއެއް. އަހަރެން ދެން ބޭނުންވަނީ އަރާމް ކޮށްލަން ވަގުތުކޮޅެއް” ބާސެލޯނާއާ މެދު އޮތް ނުތަނަވަސްކަން ބަންޑުންކޮށްލަމުން ޒަވީ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *