40 އަށް އެޅިޔަސް ރޮނާލްޑޯ ސައުދީ ލީގުގެ ރެކޯޑް މުގުރާލައިފި
![](https://fahuminet.com/wp-content/uploads/2024/05/Ronaldo-breaks-the-record-600x400.jpg)
ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އަލް ނަސްރުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.
ލީގުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު އަލް ނަސްރު ވަނީ 2-4 އިން އަލް އިއްތިހާދު ބަލިކޮށްފަ އެވެ. މެޗުގައި ރޮނާލްޑޯ، 39، ދެ ގޯލު ޖެހުމާ އެކު ސީޒަނުގައި ޖެހި ލީގު ގޯލުގެ އަދަދު ވަނީ 35 އަށް އަރައިފަ އެވެ.
ސައުދީ ލީގުގެ އެއް ސީޒަނުގައި މީގެކުރިން އެންމެ ގިނަ ގޯލު ޖެހީ އަލް އިއްތިހާދަށް ކުޅޭ އަބްދުއްރައްޒާގް ހަމްދުﷲ އެވެ. މޮރޮކޯގެ 33 އަހަރުގެ ފޯވާޑް ވަނީ 19-2018 ވަނަ ސީޒަނުގައި 34 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ އެ ރެކޯޑް ހެދީ ހަމްދުﷲ އަށް ވުރެ ހަތަރު މެޗު މަދުން ކުޅެގެންނެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލް ނަސްރަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 69 މެޗުގައި 64 ގޯލު ޖަހައިފަ އެވެ.
މޮޅާ އެކު އަލް ނަސްރު ލީގު ނިންމާލީ ދެ ވަނައިގަ އެވެ. ރޮނާލްޑޯއާ އެކު ދެ ސީޒަނުގައި ވެސް އަލް ނަސްރަށް ލިބުނީ ލީގުގެ ދެ ވަނަ އެވެ. ލީގު ޗެމްޕިއަންކަން ހޯދީ އަލް ނަސްރަށް ވުރެ 14 ޕޮއިންޓް ކުރި ހޯދި އަލް ހިލާލް އެވެ. ހިލާލް މިފަހަރުގެ ސައުދީ ލީގު ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. އަލް ނަސްރުގެ ފަހަތުން ތިން ވަނަ ލިބުނީ އަލް އަހްލީ އަށެވެ.
ރޮނާލްޑޯގެ 22 އަހަރުވީ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ވަނީ 765 ކްލަބް ގޯލު ޖަހައިފަ އެވެ. އަލް ނަސްރާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގައި ރޮނާލްޑޯ ގިނަ ގޯލުތަކެއް ޖެހި އެވެ. އަދި ރޮނާލްޑޯ ކެރިއަރު ފެށި ސްޕޯޓިން ލިސްބަން އަށް ވެސް ގޯލު ޖަހައިދިނެވެ.
ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 206 މެޗުގައި 128 ގޯލު ޖަހައިފަ އެވެ. އެއީ ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑެކެވެ.
ސައުދީ ލީގު ނިންމާލުމަށް ފަހު ރޮނާލްޑޯ ދެން ކުރިމަތިލާނީ ޔޫރޯ 2024 އާ އެވެ. ޔޫރޯ އަށް ނުކުންނަ ޕޯޗުގަލް ޓީމުގައި ރޮނާލްޑޯ ހިމެނެ އެވެ. ރޮނާލްޑޯ އަކީ ޔޫރޯގެ ހަ މުބާރާތުގައި ކުޅޭނެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
Advertisement
![](https://fahuminet.com/wp-content/uploads/2022/09/768px-x-300px.png)
![](https://fahuminet.com/wp-content/uploads/2022/09/370px-x-500px.png)
Leave a Reply