މިލިއަން ޑޮލަރުގެ މެޗުން މޮޅުވެ ސައުތެމްޓަން ޕްރިމިއާ ލީގަށް
ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ އަގުބޮޑު މެޗު، އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފް ފައިނަލްގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް ސައުތެމްޓަން އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ސައުތެމްޓަން މޮޅުވީ 1-0 އިންނެވެ.
ސައުތެމްޓަން ޕްލޭއޮފް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ދެ ލެގުގެ އެގްރިގޭޓުން ވެސްޓް ބްރޮމް ބަލިކޮށްގެންނެވެ. ލީޑްސް ސެމީގައި މޮޅުވީ ނޯވިޗް ސިޓީއާ ވާދަކޮށެވެ.
ފައިނަލުން ހޯދި މޮޅާ އެކު ސައުތެމްޓަން އަށް 178 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެ އަދަދު ލިބެނީ ޓީވީ ރައިޓްސް އާއި ޕްރިމިއާ ލީގުގެ ބޯނަސް އާއި ފައިސާގެ އިނާމް އަދި ކޮމާޝަލް ބޯނަހުގެ ފައިސާ ހިމެނޭ ގޮތަށެވެ.
މެޗުގައި ސައުތެމްޓަންގެ ހަމައެކަނި ގޯލު 24 ވަނަ މިނެޓުގައި ޖެހީ އެޑަމް އާމްސްޓްރޯން އެވެ. ސައުތެމްޓަން އަލުން ޕްރިމިއާ ލީގަށް ގެންގޮސްދިން ދަތުރުގައި އާމްސްޓްރޯން 24 ގޯލު ޖެހި އެވެ.
ސައުތެމްޓަން އާއި ލީޑްސް އަކީ ވެސް މިދިޔަ އަހަރު ލީގުން ރެލިގޭޓްވި ދެ ޓީމެވެ. ސައުތެމްޓަން ރެލިގޭޓްވީ 11 އަހަރު ޕްރިމިއާ ލީގުގައި ދެމިއޮތުމަށް ފަހު އެވެ.
ރޭގެ މެޗުން ބަލިވުމާ އެކު ވެމްބްލީގައި ލީޑްސް ބަލިވުމުގެ ރެކޯޑަށް ބަދަލެއް ނާދެ އެވެ. އެޓީމު ޗެމްޕިއަންޝިޕް ފައިނަލުގައި އެންމެ ފަހުން ކުޅުނު ތިން ފަހަރު ވެސް ފައިނަލުގައި ވަނީ ބަލިވެފަ އެވެ. ރޭގެ މެޗުން ބަލިވުމާ އެކު ލީޑްސް އަންނަ ސީޒަނުގައި އަނެއްކާވެސް ވާދަކުރާނީ ޗެމްޕިއަންޝިޕްގަ އެވެ.
ސައުތެމްޓަންގެ އިތުރުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ ލެސްޓާ ސިޓީ އާއި އިޕްސްވިޗް ޓައުން އެވެ. ލެސްޓާ އަކީ ވެސް މިދިޔަ އަހަރު ސައުތެމްޓަންއާ އެކު ރެލިގޭޓްވި ޓީމެކެވެ.
މިދިޔަ ސީޒަނުގެ ލީގުން ޗެމްޕިއަންޝިޕަށް ރެލިގޭޓްވީ ޝެފީލްޑް ޔުނައިޓެޑާއި ބާންލީ އަދި ލޫޓަން ޓައުން އެވެ.
Advertisement
Leave a Reply