ބުފޮން ތިން މެޗަށް ސަސްޕެންޑް ކޮށްފި

Advertisement

ބުފޮން ތިން މެޗަށް ސަސްޕެންޑް ކޮށްފި

ޢަލީ ޝަހީމް

ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލުގައި ސްޕެއިންގެ ރިއާލް މެޑްރިޑް އަތުން ޔުވެންޓަސް ބަލިވި މެޗަށްފަހު ދާދި ފަހުން އެޓީމު ދޫކޮށްލި ތަޖުރިބާކާރު ގޯލް ކީޕަރު ޖިއޮނޮލުއިޖީ ބުފޮން އަމަލު ކުރިގޮތުން ޔޫއެފްއާ އިން ބުފޮން ތިން މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

އެމެޗުގައި 3-0 އިން ޔުވެންޓަސް މޮޅުވެފައި އޮށްވައި ލިބުނު ޕެނަލްޓީ 97 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލުމުން އެގްރިގޭޓް ނަތީޖާއިން ޔުވެންޓަސް މުބާރާތުން ކެޓިއެވެ. އެ މެޗުގައި އިނގިރޭސި ރެފްރީ މައިކަލް އޮލިވަރ ދިން ޕެނަލްޓީއަށްފަހު ބުފޮން މީޑިޔާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ ރެފްރީގެ އޮންނަނީ ހިތެއްގެ ބަދަލުގައި ކުނި ދަބަހެއް ކަމަށެވެ.

މެޗުގައި ޕެނަލްޓީ ދިނުމާ ގުޅިގެން ބުފޮން ދެކޮޅު ހެދުމުން ރެފްރީ ވަނީ ވަގުތުން ރަތްކާޑު ދައްކާފައެވެ. އެއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ބުފޮން އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ. ބުފޮން ވަނީ ޔުވެންޓަސް އަށް 17 އަހަރު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ބުފޮން ޔުވެންޓަސް ދޫކޮށްލުމުން ޔޫރަޕް ބޮޑެތި ބައެއް ކްލަބްތަކުން އޭނާ ގެންދަން މަސައްކަތް ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ. މިގޮތުން ބުފޮން ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ފްރާންސް ޕީ.އެސް.ޖީ އާއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ލިވަޕޫލުންވެސް ބުފޮން ގެންދަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ޔޫރަޕްގެ ކޮންމެ ކްލަބާ ގުޅުނަސް ޔޫރަޕްގެ މުބާރާތެއްގައި އެ ކްލަބަކުން ކުޅޭ ފުރަތަމަ ތިން މެޗަށް އޭނާ ސަސްޕެންޑް ވާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *