ފުރާވަރު ދެކުދިން މެންޗެސްޓާ ޔުނައިޓެޑަށް އެފްއޭ ކަޕް ކާމިޔާބުކޮށްދީފި
އުމުރުން 19 އަހަރުގެ ދެ ކުޅުންތެރިން ޖެހި ގޯލުތަކާ އެކު އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މިރޭ މެންޗެސްޓާ ސިޓީ 2-1 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދުމާ އެކު އެޓީމު ސީޒަން ނިންމާލީ ހިތްހަމަޖެހުމާ އެކު އެވެ. އެފްއޭ ކަޕްގެ ޗެމްޕިއަންކަމާ އެކު އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުން ޖާގަ ލިބިފަ އެވެ. މިރޭގެ މެޗުން ބަލިވި ނަމަ އަންނަ ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތަކުން އެޓީމަށް ޖާގައެއް ނުލިބުނީހެވެ.
ޔުނައިޓެޑް މި ސީޒަނުގެ ލީގު ނިންމާލީ 8 ވަނައިގަ އެވެ. މޮޅާ އެކު ޔުނައިޓެޑް ޔޫރޮޕާ ލީގަށް ދިއުމުން، ކުރިން ޔޫރޮޕާ ލީގުގެ ޖާގައިގައި އޮތް ޗެލްސީ ވަނީ ޔޫއެފާ ކޮންފަރެންސް ލީގަށް ވެއްޓިފަ އެވެ. އަނެއްކޮޅުން ލީގު ހަތް ވަނައިގައި ނިންމާލި ނިއުކާސަލް ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތަކުން ފުރުސަތެއް ނުލިބޭނެ އެވެ. ޗެލްސީ އާއި ނިއުކާސަލް އަށް ލަނޑު ލިބުނީ ޔުނައިޓެޑުން މިރޭ ސިޓީ ބަލިކުރުމުންނެވެ.
މެޗުގައި ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ސިޓީގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ފުރަތަމަ ގޯލު ޖެހީ އަލެހަންޑްރޯ ގާނާޗޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ ކޮބީ މެއިނޫ އެވެ. މެއިނޫ ގޯލު ޖެހީ ބްރޫނޯ ފެނާންޑޭސް ދިން މޮޅަ ޕާހަކުންނެވެ.
ގާނާޗޯ އާއި މެއިނޫ އަކީ މި ސީޒަނުގައި ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދެއްކި ދެކުޅުންތެރިންނެވެ.
ދެ ވަނަ ހާފު ސިޓީ އިން ވަނީ ޖެރިމީ ޑޮކޫ ކުޅެން އަރުވައި ނުރައްކާކުރަން ފަށައިފަ އެވެ. މެޗުގެ ފަހުކޮޅު ސިޓީގެ ހަމައެކަނި ގޯލު ޖެހީ ވެސް ޑޮކޫ އެވެ. ޑޮކޫ ގޯލު ޖެހުމުން މެޗުގެ ބާކީ ބައިގައި ޔުނައިޓެޑް ވަނީ ޑިފެންސްކޮށް މޮޅު ހޯދާފަ އެވެ.
މުޅި މެޗުގައި ވެސް ސިޓީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ޔުނައިޓެޑް މުޅި މެޗު ކުޅުނީ ޑިފެންސަށް ފައިބައިގެންނެވެ. އެޓީމުން ހަމަލާތައް އުފެއްދީ ލިބުނު ކައުންޓަ އެޓޭކްތަކުގަ އެވެ.
އެފްއޭ ކަޕް ޔުނައިޓެޑުން އެ ހޯދީ 13 ވަނަ ފަހަރަށެވެ. އެ މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ 14 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އާސެނަލް އެވެ.
Advertisement
Leave a Reply