އުއްމީދަކީ ރަޝްފޯޑްގެ ދެ ގޯލާއެކު ސިޓީ ބަލިކުރުން: އޮނާނާ

Advertisement

އުއްމީދަކީ ރަޝްފޯޑްގެ ދެ ގޯލާއެކު ސިޓީ ބަލިކުރުން: އޮނާނާ

ފަހުމިނެޓް

އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުގައި މާކަސް ރަޝްފޯޑްގެ ދެ ގޯލާ އެކު ސިޓީ ބަލިކޮށް ޗެމްޕިއަންކަން ހޯދަން އުއްމީދުކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ބުނެފި އެވެ.

ފައިނަލުގައި މިރޭ ސިޓީއާ ދެކޮޅަށް ނުކުންނައިރު ޗެމްޕިއަންކަން ހޯދައިގެން ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުން ޖާގަ ހޯދޭނެ އެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުގައި ސިޓީ އަތުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ. މި ސީޒަނުގެ ފޯމަށް ބަލާއިރު މިރޭ ސިޓީ ބަލިކުރުން ޔުނައިޓެޑަށް ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

Advertisement

ފައިނަލުގެ ކުރިން އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި އޮނާނާ ވަނީ އޭނާ ޔުނައިޓެޑްގައި ހޭދަކުރާ ފުރަތަމަ ސީޒަނާއި ގުޅޭގޮތުން ވާހަކަދައްކައިފަ އެވެ. އޮނާނާ ބުނީ ޔުނައިޓެޑްގައި އޭނާ ހަމައަކަށް އެޅެން ހަ މަސް ދުވަސް ނެގި ކަމަށެވެ.

ކުޅުންތެރިއެއްގެ ފޯމު ދަށްވިޔަސް މުހިއްމީ ސީޒަން ރަނގަޅަށް ނިންމުން ކަމަށް އޮނާނާ ބުންޏެވެ. އޮނާނާގެ ފޯމާ ގުޅުވައިގެން އޭނާ ދެއްކީ ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑްގެ ވާހަކަ އެވެ. އޮނާނާ ބުނީ ރަޝްފޯޑް މިދިޔަ ސީޒަނުގައި 30 ގޯލު ޖެހިއިރު މި ސީޒަނުގައި އެވަރަށް ގޯލު ނުޖެހުމަކީ ރަޝްފޯޑް ދަށްވުން ނޫން ކަމަށެވެ.

“އަހަރެމެން މި ދައްކަނީ ހަމަ އެއް ކުޅުންތެރިއެއްގެ ވާހަކަ. މިހާރު އެއީ ދަށް ކުޅުންތެރިއެއް؟ ނޫން. ސީޒަނެއް ދަށްކޮށް ގޮސްފާނެ އަދި ދަށްކޮށް ފެށިދާނެ. އެންމެ މުހިއްމީ ނިންމާ ގޮތް. އަހަރެން ރަޝްފޯޑް ހިމަނަނީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގަ. އެކަމަކު ރަޝްފޯޑް ގުނަމުން އެދަނީ އުނދަގޫ ދުވަސްތަކެއް. އެއީ އަހަރެން ވެސް މުޅި ކްލަބް ހޭދަކުރާ ދުވަސްތައް” ރަޝްފޯޑާ ގުޅޭގޮތުން އޮނާނާ ބުންޏެވެ.

މި ސީޒަނުގައި ރަޝްފޯޑަށް ލީގުގައި ޖެހުނީ އެންމެ ހަތް ގޯލެވެ. ފޯމު ދަށްވުމުން ރަޝްފޯޑަށް ވަނީ އަންނަ މަހު ފަށާ ޔޫރޯގައި އިންގްލެންޑް ޓީމުން ވެސް ފުރުސަތު ގެއްލިފަ އެވެ.

“ރަޝްފޯޑް އަދި އެނބުރި އަންނާނެ. އަހަރެންނަށް އިނގޭ ރަޝްފޯޑް މުހިއްމު ގޯލުތައް ޖަހައިދޭނެކަން. އުއްމީދަކީ ރަޝްފޯޑް ސިޓީ ކޮޅަށް ދެ ގޯލު ޖަހައި އެފްއޭ ކަޕް ކާމިޔާބުކުރުން” އޮނާނާ ބުންޏެވެ.

އިންޓަ މިލާނުން ޔުނައިޓެޑަށް ބަދަލުވި ކެމެރޫންގެ ގޯލްކީޕަރު ކްލަބުގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ހާއްސަކޮށް ސީޒަނުގެ ކުރީކޮޅު އޮނާނާގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނުނެވެ. އަދި، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޔުނައިޓެޑް ކެޓިއިރު އޮނާނާ ބަލަހައްޓާ ގޯލަށް އާދައިގެ ގިނަ ގޯލުތަކެއް ވަނެވެ. އޮނާނާގެ ފޯމު ކޮންމެވެސް ވަރަކަށް ރަނގަޅުވީ ޖެނުއަރީ މަހަށް ފަހު އެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ޔުނައިޓެޑާއި ސިޓީ ވާދަކުރާ މެޗު ވެމްބްލީ ސްޓޭޑިއަމްގައި ފަށާނީ މިރޭ 7 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *