ދީމާ އަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަން

ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަމަށް ރާއްޖޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޓޭބަލް ޓެނިސް ގައުމީ ޓީމުގެ ފާތިމަތު ދީމާ އަލީ ހަމަޖައްސައިފި އެވެ.
ދީމާ، 16، އެމްބެސެޑަރުކަމަށް ހަމަޖެއްސުމުގެ އިވެންޓް އޮތީ އިއްޔެ ދިރާގު ހެޑް އޮފީހުގަ އެވެ. ދިރާގުގެ ފަރާތުން ދީމާ އަށް ބްރޭންޑް އެމްބެސެޑަރުކަން ހަވާލުކޮށްދިނީ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު އެވެ.
ދިރާގުން ބުނީ ދީމާ އެމްބެސެޑަރުކަމަށް ހަމަޖެއްސީ، ކުރިއަރަމުން އަންނަ ޒުވާން އެތުލީޓެއްގެ އިތުރުން ދީމާ އަކީ އެހެން ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރިއަކަށް ވުމުން ކަމަށެވެ.
ދީމާ އަކީ އޮލިމްޕިކް ކޮލިފައިންގައި ބައިވެރިވެ، އެ މުބާރާތަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓެވެ. ދީމާ އެ ކާމިޔާބީ ހޯދީ މިދިޔަ ހަފްތާ ނޭޕާލުގައި ނިމުނު ދެކުނު އޭޝިއާގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ދިރާގުން ވަނީ ދީމާ އެ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔައިފަ އެވެ.

ދީމާ އަށް ބްރޭންޑް އެމްބެސެޑަރުކަން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދިރާގު
މިއަހަރުގެ ޖުލައި މަހު ފްރާންސްގައި ފަށާ އޮލިމްޕިކްސްގައި ދީމާ ދިވެހި ގައުމު ތަމްސީލުކުރާނެ އެވެ.
އިވެންޓުގައި ދީމާ ބުނީ ދިރާގުގެ ބްރޭންޑް އެމްބެސަޑަރުކަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
Advertisement


Leave a Reply