އެތައް ބަޔަކު މޮޅުވާން އެދުނު ލެވަކޫސަން ޔޫރޮޕާ ފައިނަލްގައި ބަލިވެއްޖެ
ސީޒަނުގެ ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައި، މުޅި ދުނިޔޭގެ ލޯބި ހޯދި ބަޔާ ލެވަކޫސަން ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލްގައި ރޭ އިޓަލީގެ އެޓަލާންޓާ އަތުން 0-3 އިން ބަލިވެއްޖެ އެވެ.
ލެވަކޫސަން ވަނީ ރޭގެ މެޗާއި ހަމައަށް މުޅި ސީޒަނުގައި ބަލިނުވެ 51 މެޗު ކުޅެފަ އެވެ. ބަލިނުވެ ސީޒަން ނިންމާލާ ޔޫރަޕްގެ ފުރަތަމަ ޓީމުގެ ޝަރަފް ލިބެން އެޓީމަށް ބާކީ އޮތީ ދެ މެޗެވެ. އެކަމަކު ރޭގެ ފައިނަލްގައި ބަލިވުމުން އެ ފުރުސަތު އެޓީމަށް ގެއްލުނީ އެވެ.
ރޭ ލެވަކޫސަން ބަލިވީ 361 ދުވަހަށް ފަހު އެވެ. ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ނުލިބުނަސް އެޓީމު ވަނީ ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމުގެ ޝަރަފް ހޯދާފަ އެވެ. އަނެއްކޮޅުން އަންނަ ހޮނިހިރު ދުވަހު ޖަރުމަނު ކަޕްގެ ފައިނަލުގައި ދެ ވަނަ ޑިވިޝަނުގެ ކައިސާސްލައުޓާންއާ ވާދަކުރާނެ އެވެ. އެ ފައިނަލް ކާމިޔާބުކޮށްދިނަމަ ލެވަކޫސަން ސީޒަން ނިންމާލާނީ “ޑޮމެސްޓިކް އަންބީޓަން” ޓީމެއްގެ ގޮތުގަ އެވެ.
އެޓަލާންޓާ އިން ރޭގެ މެޗުގައި ވަރަށް މޮޅަށް ކުޅެ ލެވަކޫސަން ހިފެހެއްޓި އެވެ. މެޗުގައި ތިން ގޯލު ވެސް ޖެހީ ކުރިން ޕްރިމިއާ ލީގުގެ އެވަޓަން، ފުލަމް އަދި ލެސްޓާ ސިޓީގައި ކުޅުން ނުދެއްކުނު އަޑެމޮލާ ލުކްމަން އެވެ. ލުކްމަން އަކީ 1975 ވަނަ އަހަރަށް ފަހު ޔޫރަޕިއަން ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ޑަބްލިންގެ އަވީވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ގޯލުތައް ލުކްމަން ޖެހީ 12، 26 އަދި 75 ވަނަ މިނެޓުގަ އެވެ.
ފުރަތަމަ ހާފުގައި ލެވަކޫސަން އަށް ގޯލު ޖަހާނެ ހުސް ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. އަދި، ދެ ވަނަ ހާފުގައި ލެވަކޫސަންގެ އެޓޭކުތައް ހުއްޓުވުމުގައި އެޓަލާންޓާގެ ގޭމްޕްލޭން ވަރަށް މޮޅެވެ. ލެވަކޫސަން ވަނީ މި ސީޒަނުގައި ދެ ގޯލު ފަހަތުގައި އޮވެ، ފަހަތުން އަރައި ހަތަރު މެޗުގައި އެއްވަރުކޮށް ނުވަތަ މޮޅުވެފަ އެވެ. އެކަމަކު ރޭ އެޓީމަށް ޖާދޫ ދެއްކޭގޮތެއްނުވި އެވެ.
ރޭގެ ކާމިޔާބީއަކީ އެޓަލާންޓާ އަށް 61 އަހަރުތެރޭ ފުރަތަމަ ތައްޓެވެ. މީގެކުރިން އެޓީމަށް ހަމައެކަނި ތަށި ލިބުނީ 1963 ވަނަ އަހަރު އެވެ. އެފަހަރު އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ.
އެޓަލާންޓާގެ ކާމިޔާބީގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ 2016 ވަނަ އަހަރު އެ ކްލަބުގެ ކޯޗުކަމާ ހަވާލުވި ޖިއާން ޕިއޭރޯ ގަސްޕެރީނީ އެވެ. ގަސްޕެރިނީ އެޓީމާ ހަވާލުވެ ބޮޑު ކުރިއެރުމެއް ގެނެސްދީ އިޓާލިއަން ކަޕްގެ ތިން ފައިނަލުގައި ކުޅެ ބަލިވި އެވެ.
މޮޅާ އެކު އެޓަލާންޓާ އަށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ވަނީ ޔަގީންވެފަ އެވެ.
Advertisement
Leave a Reply