ލެވަކޫސަން އާއި އެޓަލާންޓާ ވާދަކުރާ ޔޫރޮޕާ ލީގު ފައިނަލް މިރޭ

Advertisement

ލެވަކޫސަން އާއި އެޓަލާންޓާ ވާދަކުރާ ޔޫރޮޕާ ލީގު ފައިނަލް މިރޭ

ފަހުމިނެޓް

ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއި އިޓަލީގެ އެޓަލާންޓާ މިރޭ ވާދަކުރާނެ އެވެ.

ޔޫރަޕްގެ ދެ ވަނަ ފަންތީގެ ފައިނަލަށް ނުކުންނައިރު މެޗު ދެޓީމަށް ވެސް ހާއްސަ އެވެ. ލެވަކޫސަން މި ސީޒަނުގައި ބަލިނުވާއިރު، މުޅި ސީޒަން ބަލިނުވެ ނިންމާލަން މިރޭގެ މެޗު މުހިއްމުވާނެ އެވެ.

ލެވަކޫސަން ވަނީ މި ސީޒަނުގެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދާފަ އެވެ. ޔޫރޮޕާ ލީގު ފައިނަލުގެ އިތުރުން ޖަރުމަނު ކަޕްގެ ފައިނަލުގައި އެޓީމު ކުޅޭނެ އެވެ. ސީޒަނުގެ އެއްވެސް މުބާރާތެއްގައި ބަލިނުވެ 51 މެޗު އެޓީމު ވަނީ ހަމަކޮށްފަ އެވެ. ކުރިއަށް އޮތް ދެ ފައިނަލް ކާމިޔާބުކޮށްފިނަމަ ލެވަކޫސަން ވާނީ ޔޫރަޕް ފުޓްބޯޅައިގެ ތާރީހުގައި ވެސް މެޗަކުން ބަލިނުވެ ސީޒަން ފުރިހަމަކުރާ ފުރަތަމަ ޓީމަށެވެ.

ލެވަކޫސަންގެ ތާރީހުގައި މީގެކުރިން އެ ކްލަބަށް ލިބުނީ ދެ ތައްޓެވެ. އެއީ 1988 ވަނަ އަހަރުގެ ޔޫއެފާ ކަޕާއި 1993 ވަނަ އަހަރުގެ ޖަރުމަނު ކަޕްގެ އެވެ.

“އަހަރެމެން ބަލިނުވެ 51 މެޗު ކުޅެފިން. ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭ މި ވާނުވާ. މިއީ ހުރި ހިތްވަރެއް ލައިގެން ޔޫރޮޕާ ލީގު ކާމިޔާބުކުރަންވީ ވަގުތު” ފައިނަލުގެ ކުރިން ވާހަކަދައްކަމުން ލެވަކޫސަންގެ ކޯޗު އަލޮންސޯ ބުންޏެވެ.

މިއީ ސްޕެއިނަށް އުފަން އަލޮންސޯ ލެވަކޫސަންއާ އެކު ފުރިހަމަކުރާ ފުރަތަމަ ސީޒަނެވެ.

އަލޮންސޯ ބުނީ މުޅި ސީޒަނުގައި ވެސް ތައްޔާރުވަމުން އައީ ޔޫރޮޕާ ލީގު ފައިނަލަށް ދަތުރުކުރަން ކަމަށާއި، ކުޅުންތެރިން ތިބީ މެޗަށް ތައްޔާރަށް ކަމަށެވެ. އެޓަލާންޓާ އަށް އިހުތިރާމް އަދާކޮށް މެޗަށް ނުކުންނާނީ އިތުބާރާއެކު ކަމަށް އަލޮންސޯ ބުންޏެވެ.

އެޓަލާންޓާ ފައިނަލަށް ނުކުންނައިރު އެޓީމު ވަނީ މިދިޔަ ހަފްތާ އިޓާލިއަން ކަޕް ފައިނަލުގައި ޔުވެންޓަސް އަތުން 1-0 އިން ބަލިވެފަ އެވެ. އެޓަލާންޓާ އަށް ތައްޓެއް ނުލިބި 61 އަހަރު ވަނީ ހޭދަވެފަ އެވެ. އެޓީމަށް އެންމެ ފަހުން ތައްޓެއް ލިބުނީ 1963 ވަނަ އަހަރު އެވެ.

އެޓަލާންޓާގެ ކޯޗު ޖިއާން ޕިއޭރޯ ގަސްޕެރީނީ ބުނީ ސައިކޮލޮޖިކަލީ ވެސް ފިޒިކަލީ ވެސް އެޓީމު އޮތީ ލެވަކޫސަންއާ ވާދަކުރަން ތައްޔާތަށް ކަމަށެވެ.

“ލެވަކޫސަން އަކީ ފުރިހަމަ ޓީމެއް. އާދަޔާހިލާފަށް ރޭވުންތެރި ޓީމެއް. ރަނގަޅަށް ޑިފެންސްކޮށް މޮޅަށް ބޯޅަ ރިކަވާ ކުރާ ޓީމެއް. އެޓީމުން މި ސީޒަނުގައި ހޯދި ކާމިޔާބީއަކީ ނަސީބެއް ނޫން” ލެވަކޫސަން އަށް ތައުރީފްކުރަމުން ކޯޗު ބުންޏެވެ.

ލެވަކޫސަން އާއި އެޓަލާންޓާ ވާދަކުރާ ފައިނަލް މެޗު އަޔަލެންޑުގެ އަވީވާ ސްޓޭޑިއަމްގައި ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *