ރަޝްފޯޑް އިނގިރޭސި ޓީމުން ބާކީވެއްޖެ

Advertisement

ރަޝްފޯޑް އިނގިރޭސި ޓީމުން ބާކީވެއްޖެ

ފަހުމިނެޓް
އިންގްލެންޑުގެ ރަޝްފޯޑް. ޔޫރޯ އަށް ނެގި އިނގިރޭސި ޓީމުން ވަނީ ބާކީވެފަ

ޖަރުމަނުގައި ބާއްވާ ޔޫރޯ 2024 އަށް ނެގި އިނގިރޭސި ޓީމުގެ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ބާކީވެއްޖެ އެވެ.

އާއްމުކޮށް އިނގިރޭސި ސްކޮޑުގައި ހިމެނޭ ރަޝްފޯޑް ބާކީވީ ނިމުނު ސީޒަނުގައި ޔުނައިޓެޑްގައި ދެއްކި ދަށް ކުޅުމުގެ ސަބަބުންނެވެ. މުޅި ސީޒަނުގައި ކުޅުނު ލީގު 33 މެޗުގައި ރަޝްފޯޑަށް ޖެހުނީ ހަތް ގޯލެވެ.

ރަޝްފޯޑް، 26، ވަނީ މިހާތަނަށް ގައުމީ ޓީމަށް 60 މެޗު ކުޅެ 17 ގޯލު ޖަހައިފަ އެވެ. ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދުމުގެ ކުރިން ރަޝްފޯޑަކީ އިނގިރޭސި 16 އަހަރުން ދަށުގެ ގައުމީ ޓީމުން ފެށިގެން އެކި އުމުރުފުރާތަކަށް ކުޅުނު ކުޅުންތެރިއެކެވެ.

ޔޫރޯ އަށް ނެގި 26 ކުޅުންތެރިންގެ ތެރެއިން ބާކީވި ފާހަގަކޮށްލެވޭ އަނެއް ކުޅުންތެރިއަކީ ޖޯޑަން ހެންޑަސަން އެވެ. ހެންޑަސަން އަކީ ވެސް ސައުތުގޭޓު ގަވައިދުން ފުރުސަތު ދެމުން އައި ކުޅުންތެރިއެކެވެ.

ހެންޑަސަންގެ ކުޅުން ގެއްލުނީ ލިވަޕޫލް ދޫކޮށް މިދިޔަ ސީޒަނުގައި ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިފާގަށް ބަދަލުވި ހިސާބުންނެވެ. އެޓީމު ދޫކޮށް ޖެނުއަރީ މަހު ހެންޑަސަން ބަދަލުވީ ނެދަލެންޑްސްގެ އަޔަކްސް އަށެވެ.

ލޯނު އުސޫލުން ޖެނުއަރީ މަހު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޖޭޑަން ސަންޗޯ އަށް ގައުމީ ޓީމުން ފުރުސަތެއް ނުލިބުނެވެ.

ޓީމުން ފުރުސަތު ލިބުނު އެންމެ ފާހަގަކޮށްލޭ އެއް ކުޅުންތެރިއަކީ ބްލެކްބާން ރޯވާސް އިން ފެބްރުއަރީ މަހު ކްރިސްޓަލް ޕެލެސް އަށް ބަދަލުވި އެޑަމް ވާޓަން އެވެ. އުމުރުން 20 އަހަރުގެ ވާޓަން ވަނީ ލީގުގެ ފަހުކޮޅު ޕެލެސްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކުރިން ވެސް ބެލެވުނު ގޮތަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޮބީ މެއިނޫ ވަނީ ޓީމުގައި ހިމަނާފަ އެވެ. މެއިނޫ، 19، ވަނީ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެފަ އެވެ.

ޔޫރޯ އަށް ދާ އިންގްލެންޑުގެ ފައިނަލް ސްކޮޑް އިއުލާންކުރާނީ ޖޫން ހަތް ވަނަ ދުވަހު އެވެ. ފައިނަލް ސްކޮޑް އެކުލަވާލާނީ ގާތްގަނޑަކަށް ހަތް ކުޅުންތެރިން މަދުކޮށްފަ އެވެ.

ޔޫރޯގައި އިންގްލެންޑް ގްރޫޕުގައި ހިމެނުނީ ޑެންމާކާއި ސްލޮވީނިއާ އަދި ސާބިއާ އެވެ.

އިންގްލެންޑް ވަނީ 2020 ޔޫރޯގެ ފައިނަލުގައި ވާދަކޮށް ބަލިވެފަ އެވެ. މޮޅު ކުޅުމަކާ އެކު ފައިނަލަށް ދަތުރުކޮށް އަމިއްލަ ސަޕޯޓަރުން ކުރިމަތީ ބަލިވީ އިޓަލީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *