ބްރެޒިލްގެ ފްރެޑް މެންޗެސްޓަރ ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އަތުވެއްޖެ
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ބްރެޒިލް ޓީމުގައި ހިމެނޭ މިޑްފީލްޑަރ ފްރެޑް އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން އެއްބަސް ވެއްޖެއެވެ. ޔޫކްރޭންގެ ޝަކްތަރ ޑޮނެސްކަށް މިދިޔަ ފަސް އަހަރު މޮޅު ކުޅުމެއް ދެއްކި އުމުރުން 25 އަހަރުގެ ފްރެޑް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާނީ 52 މިލިއަން ޔޫރޯ އަށެވެ.
މިއީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. ފްރެޑްގެ އިތުރުން ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅޭ އުމުރުން 19 އަހަރުގެ ދިފާއީ ކުޅުންތެރިޔާ ޑިއޯގޯ ޑާލޯ ގެންދަންވެސް ޔުނައިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މި ހަފްތާ ތެރޭގައި ޑާލޯ ޔުނައިޓެޑާ ގުޅޭނެއެވެ.
ފްރެޑް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވިއިރު ބްރެޒިލްގެ ކޯޗު ޓިޓޭ ބުނެފައިވަނީ ކްލަބް ބަދަލުކުރަން ބޭނުންވާ ކުޅުންތެރިން ވޯލްޑްކަޕްގެ ކުރިން އެކަންކަން ހަމަޖައްސަން ބޭނުންވާކަމަށެވެ. ބްރެޒިލްގެ އިންޓަނާސިއޮނަލް އަށް ކުޅުމަށްފަހު ފްރެޑް ޝަކްތަރ ޑޮނެސްކަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. ޝަކްތާގައި ހޭދަކުރި ފަސް ސީޒަނުގައި ފްރެޑް ވަނީ ތިންފަހަރު އެޓީމާއެކު އެގައުމުގެ ލީގު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ތިންފަހަރު ޔޫކްރައިން ކަޕް ކާމިޔާބު ކުރިއިރު ހަތަރު ފަހަރު ޔޫކްރެއިން ސުޕަރ ކަޕް ކާމިޔާބު ކޮށްފައިވެއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ޝަކްތަރ ޑޮނެސްކް ގަދަ 16 އިން ޖާގަ ހޯދިއިރު ފްރެޑްގެ ދައުރު ބޮޑެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖްގައި މެންޗެސްޓަރ ސިޓީގެ މައްޗަށް ކާމިޔާބު ހޯދި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން ގަދަ 16 ގައި ރޯމާއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ލަނޑުވެސް ޖަހާފައި ވެއެވެ.
Advertisement
Leave a Reply