ލިވަޕޫލް ސަޕޯޓަރުންނާ ގުޅުން ބާއްވަން ކްލޮޕް އިންސްޓަގްރާމް ބޭނުންކުރަން ފަށައިފި
ލިވަޕޫލް ސަޕޯޓަރުންނާ އޮންނަ ގުޅުން ބަދަހިކޮށް ބާއްވަން ބޭނުންވާކަމަށް ބުނެ ކޯޗު ޔާގެން ކްލޮޕް އިންސްޓަގްރާމް ބޭނުންކުރަން ފަށައިފި އެވެ.
ކްލޮޕް އިންސްޓަގްރާމް އެކައުންޓެއް ހުޅުވައި ޕަބްލިކް ކުރީ އިއްޔެ އެވެ. ރަސްމީކޮށް އިންސްޓަގްރާމް ބޭނުންކުރަން ފެށުމާ އެކު އެތައް މިލިއަން ބަޔަކު ވަނީ ކްލޮޕް ފޮލޯކޮށްފަ އެވެ. މިހާރުވެސް އެ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު 1.4 މިލިއަނަށް ވަނީ އަރައިފަ އެވެ.
މި ސީޒަނަށް ފަހު ކްލޮޕް ލިވަޕޫލް ދޫކޮށްލާނެ އެވެ. ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް ކުޅޭ ފަހު މެޗުގައި މިއަދު ލީގުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.
ކްލޮޕަކީ މީގެކުރިން ސޯޝަލް މީޑިއާގައި އުޅުނު ކޯޗެއް ނޫނެވެ. އަދި ސޯޝަލް މީޑިއާ އަށް ކްލޮޕް އެހާ ތާއީދެއް ވެސް ނުކުރެ އެވެ. ސޯޝަލް މީޑިއާއާ ގުޅޭގޮތުން 2020 ވަނަ އަހަރު ވާހަކަދައްކަމުން ކްލޮޕް ބުނީ އެކަމަށް އޭނާގެ އުމުރުން މާ ދުވަސްވެފައިވާ ކަމަށެވެ. އެ ނިންމުން ބަދަލުކޮށް 56 އަހަރުގެ ކްލޮޕް މިހާރު އަންނަނީ އިންސްޓަގްރާމްގައި ޕޯސްޓްތައް ކުރަމުންނެވެ.
ކްލޮޕްގެ އިންސްޓަގްރާމް ޕްރޮފައިލްގައި ބުނެފައިވަނީ އޭނާއަކީ “ދަ ނޯމަލް ވަން” ކަމަށެވެ. ކްލޮޕް އެގޮތަށް ލިޔުނީ ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވި ދުވަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ދިން ޖަވާބަކާ ހަވާލާދީ އެވެ.
އެދުވަހު ނޫސްވެރިޔާ އެހީ ލިވަޕޫލްގައި ކްލޮޕް “ސްޕެޝަން ވަން” އަކަށް ވެދާނެތޯ އެވެ. ޖަވާބުގައި އެދުވަހު ކްލޮޕް ބުނީ އޭނާއަކީ “ދަ ނޯމަލް ވަން” ކަމަށެވެ.
އިންސްޓަގްރާމް ރަސްމީކޮށް ކްލޮޕް ހުޅުވީ ލިވަޕޫލް ސަޕޯޓަރުންނަށް ދޫކޮށްލި ވީޑިއޯ މެސެޖަކުންނެވެ.
“މި ކްލަބް ދޫކޮށްލުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު އަހަރެން ބޭނުންނާ ތިނ އެންމެންނާ ގުޅުން ބާއްވަން” ވީޑިއޯ މެސެޖުގައި ކްލޮޕް ބުނެފައިވެ އެވެ.
ކްލޮޕަކީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ ކްލަބް އެހެން ހަރުފަތަކަށް ގެންގޮސްދިން ކޯޗެވެ. މިދިޔަ ނުވަ އަހަރު ކްލޮޕް ގެނެސްދިން ކުރިއެރުމާއެކު ލިވަޕޫލް ސަޕޯޓަރުންގެ އާދަޔާހިލާފު ލޯތްބެއް ކްލޮޕަށް ވަނީ ލިބިފަ އެވެ.
Advertisement
Leave a Reply