ޗެމްޕިއަން ލެވަކޫސަން މެޗަކުން ބަލިނުވެ ލީގު ނިންމާލައިފި

Advertisement

ޗެމްޕިއަން ލެވަކޫސަން މެޗަކުން ބަލިނުވެ ލީގު ނިންމާލައިފި

ފަހުމިނެޓް

ޖަރުމަނުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އިން އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލައި، އެގައުމުގެ ރެކޯޑެއް ހަދައިފި އެވެ.

ޖަރުމަނު ލީގުގެ ތާރީހުގައި ވެސް މިހާތަނަށް މެޗަކުން ބަލިނުވެ އެއްވެސް ޓީމަކަށް ލީގު ޗެމްޕިއަންކަމެއް ނުހޯދެ އެވެ. އެގައުމުގެ އެންމެ ކާމިޔާބު ކްލަބް ބަޔާން މިއުނިކަށް ވެސް އެވަރު ނުކުރެވުނެވެ. ބަޔާން ވަނީ މީގެކުރިން ދެ ސީޒަނެއްގައި އެއް މެޗުން ބަލިވެ ލީގު ޗެމްޕިއަންކަން ހޯދާފަ އެވެ.

Advertisement

ޖަރުމަނު ލީގުގެ ފަހު މެޗުތައް ރޭ ނިމުނުއިރު ލެވަކޫސަން ރެކޯޑް ހެދީ އަމިއްލަ ދަނޑުގައި އޯސްބާގް 1-2 އިން ބަލިކޮށްގެންނެވެ.

ލެވަކޫސަން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދީ 34 މެޗުން 90 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމުން 28 މެޗު ކާމިޔާބު ކުރިއިރު އެއްވަރުވީ 6 މެޗުންނެވެ. ލީގުގައި އެޓީމުން 89 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 24 ގޯލެވެ.

ޔޫރަޕްގެ ލީގުތަކުގެ ތެރެއިން މީގެކުރިން ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދީ އިޓަލީގެ ދެ ކްލަބް، ޔުވެންޓަސް އާއި އޭސީ މިލާންގެ އިތުރުން އިނގިރޭސި ކްލަބް އާސެނަލް އެވެ.

ލީގުގެ އިތުރުން މުޅި ސީޒަނުގައި ވެސް މިހާތަނަށް ލެވަކޫސަން މެޗަކުން ބަލިވެފައެއްނުވެ އެވެ. މި ހަފްތާ ކުޅޭ ޔޫރޮޕާ ލީގު ފައިނަލުގައި ލެވަކޫސަން ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ޖަރުމަނު ކަޕް ފައިނަލުގައި ދެ ވަނަ ޑިވިޝަނުގެ ކައިސާސްލައުޓާންއާ ވާދަކުރާނެ އެވެ.

ރޭގެ މެޗާ އެކު ލެވަކޫސަން ވަނީ ސީޒަނުގައި ބަލިނުވެ 51 މެޗު ހަމަކޮށްފަ އެވެ. ބާކީ އޮތް ދެ ފައިނަލުން މޮޅުވެއްޖެ ނަމަ އެޓީމު ވާނީ ފުޓްބޯޅައިގެ ތާރީހުގައި މެޗަކުން ބަލިނުވެ ސީޒަނެއް ނިންމާލާ ޔޫރަޕްގެ ފުރަތަމަ ޓީމަށެވެ.

ލެވަކޫސަން އެންމެ މަތީ ލެވެލްގައި ނަތީޖާތައް ނެރެންފެށީ ޒަބީ އަލޮންސޯގެ ކޯޗުކަމުގަ އެވެ. އަލޮންސޯގެ ކޯޗުކަމުގައި ލެވަކޫސަން އެންމެ ފަހުން ބަލިވީ މިދިޔަ ސީޒަނުގެ ލީގު ފަހު މެޗުގައި ބޮޗުމް އަތުންނެވެ.

ޖަރުމަނުގެ ވަރުގަދަ ޓީމު ބަޔާން މިއުނިކް ވަނީ ރޭ ރަށުން ބޭރުގައި ހޮފެންހެއިމް އަތުން 2-4 އިން ބަލިވެ ތިން ވަނަ އަށް ވެއްޓިފަ އެވެ. ބަޔާންގެ މަތިން ލީގު ދެ ވަނައިގައި ނިންމާލީ ރޭ ބޮރޫޝީއާ މޮންޗެންގްލަދްބާ 0-4 އިން ބަލިކުރި ސްޓަޓްގާޑް އެވެ. ޗެމްޕިއަންސް ލީގުގެ އަނެއް ޖާގަ ހޯދި ހަތަރު ވަނައިގައި ނިންމާލި އާރުބީ ލައިޕްޒިގެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *