މެސީ ގެންދަން ބާސެލޯނާއިން ސޮއިކުރި ތުންފުހި ބޮޑު އަގުގައި ވިއްކާލައިފި

Advertisement

މެސީ ގެންދަން ބާސެލޯނާއިން ސޮއިކުރި ތުންފުހި ބޮޑު އަގުގައި ވިއްކާލައިފި

ފަހުމިނެޓް
މެސީ ގެންދަން ބާސެލޯނާ އިން ސޮއިކުރި ތުންފުހި. ނީލަމުގައި ވިއްކާލީ 9 ލައްކަ ޑޮލަރަށް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ ގެންދަން ބާސެލޯނާ އިން ސޮއިކުރި ތުންފުހި ނީލަމުގައި ބޮޑު އަގުގައި ވިއްކާލައިފި އެވެ.

މެސީ ބާސެލޯނާ އަށް ކުޅެން ތުންފުހީގައި ސޮއިކުރީ 2000 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ. ތުންފުހީގައި ލިޔެފައި ހުރީ ނޫ ކުލައިންނެވެ. ތުންފުހީގެ ސައިޒަކީ 16.5 x 16.5 އެވެ. އޭރު މެސީގެ ސޮއި ހޯދުމަށް ބާސެލޯނާގެ ފަރާތުން މަސައްކަތްކުރީ ޑިރެކްޓަރު ކާލްސް ރެޒަޗް އެވެ.

Advertisement

ނީލަމުގައި މެސީގެ ތުންފުހި ވިއްކާލަން އަގުފެށީ 381،150 ޑޮލަރުންނެވެ. ވިކުނީ 968،628 (ނުވަލައްކަ ފަސްދޮޅަށް އަށްހާސް) ޑޮލަރަށެވެ.

ތުންފުހީގައި، މެސީ ގެންދިއުމުގެ މަސައްކަތުގައި އުޅުނު ބާސެލޯނާގެ ޓްރާންސްފާ އެޑްވައިޒަރު ޕެޕް މިންގުލާ އާއި މެސީ ގެންދަން ފުރަތަމަ ހިޔާލުދިން ހޮރާޗިއޯ ގަގިއޯލީ ވަނީ ސޮއިކޮށްފަ އެވެ.

ނީލަމުގައި ތުންފުހި ވިއްކަން ހުޅުވާލައި އޮންލައިކޮށެވެ. ނީލަމަށް ހުޅުވާލީ ދުނިޔޭގައި އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ނީލަމުގެ މަރުކަޒު، ބޮންހަމްސް އިންނެވެ. ބޮންހަމްސް އަކީ އިނގިރޭސި ވިލާތުގައި ނީލަމުގެ މަސައްކަތް މީގެ 231 އަހަރު ކުރިން ފެށި ގްރޫޕެކެވެ.

ބާސެލޯނާއާ އެކު ޑީލް ހަދައި މެސީ އެ ކްލަބާ ގުޅުނީ އޭގެ މަހެއް ފަހުންނެވެ. މެސީ ވެފައިވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައި، އަދި ގިނަ ބައެއްގެ ނަޒަރުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ.

މެސީ ބާސެލޯނާގެ ޖާޒީގައި. މެސީ އަކީ ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

މެސީ ބާސެލޯނާގެ ސީނިއާ ޓީމަށް ފުރަތަމަ ކުޅުނީ 16 އަހަރުގަ އެވެ. އެ ކްލަބަށް މެސީ ވަނީ 778 މެޗު ކުޅެ 672 ގޯލު ޖަހައިފަ އެވެ.

ބާސެލޯނާ ދޫކޮށްލިއިރު މެސީ ވަނީ އެ ކްލަބާ އެކު ސްޕެނިޝް ލީގު 10 ފަހަރު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދައިފަ އެވެ. އެ ކްލަބް ދޫކޮށް މެސީ 2021 ވަނަ އަހަރު ބަދަލުވީ ފްރާންސްގެ ޕީއެސްޖީ އަށެވެ. މިހާރު 36 އަހަރުގެ މެސީ ކުޅެނީ އެމެރިކާގެ އިންޓަ މަޔާމީ އަށެވެ.

މެސީ ގެންދަން ތުންފުހީގައި ސޮއިކުރުމުގެ އިވެންޓް އޮތީ މެސީގެ ބައްޕައާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުން އަވަސްކުރީ ބާސެލޯނާގެ ޓްރަޔަލް މެސީ ފުރިހަމަކުރުމަށްފަހު އެ ކްލަބާ އެކު އެއްބަސްވުމުގެ ކަންކަން ލަސްކަމަށް ބުނެ އާއިލާއިން ޝަކުވާކުރުމުންނެވެ.

ބޮންހަމްސް އިން ބުނީ ތުންފުހި ވިއްކާލަން އެ ކުންފުނިން ނިންމީ ހުއްދަތައް ހޯދުމަށް ފަހުގައި ކަމަށެވެ. އެކަން ކުރުމަށް ސްޕެއިންގެ އެއްވެސް ގާނޫނެއް ފުށޫ ނާރޭނެކަމަށް ބުނެފައިވެ އެވެ. އޮންލައިންކޮށް ހުޅުވާލި ފުރުސަތާ އެކު ދުނިޔޭގެ ސަމާލުކަން ލިބި އެތައް ބަޔަކު އަގު ހުށަހެޅި ކަމަށް ބޮންހަމްސް އިން ބުނެފައިވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *