ގައުމީ ޓީމަށް ކުޅެން ފެށިތާ 22 އަހަރު ފަހުން ހުވަފެން ހަގީގަތަކަށް
ފީފާ ވޯލްޑް ކަޕްގައި މިފަހަރު ވާދަކުރާ މިސްރަކީ ގިނަ ބަޔަކު މިހާރުވެސް ޝައުގުވެރިކަން ހުއްޓިފައިވާ ޓީމެކެވެ. 1990 ގެ ފަހުން ފުރަތަމަ ފަހަރަށް މިސްރު ވޯލްޑް ކަޕްގައި ކުޅޭއިރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި ވަނީ އެޓީމުގެ ތަރި މުޙައްމަދު ސަލާހަށެވެ. ނިމިގެންދިޔަ ސީޒަނުގައި އިނގިރޭސި ވިލާތުގެ ލިވަޕޫލްގައި ސަލާހް ދެއްކި އާދަޔާ ހިލާފު މޮޅު ކުޅުމަށް އެތައް ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. ސަލާހުގެ އިތުރުން މިސްރު ޓީމުގެ ގޯލް ކީޕަރު އައްސަމް އަލް ހަދަރީ އަކީވެސް އެގައުމަށް މުހިއްމު ނަމެކެވެ. އުމުރުން މިހާރު 45 އަހަރުގެ އަލް ހަދަރީ މިފަހަރުގެ ވޯލްޑްކަޕްގައި ކުޅެފި ނަމަ ވެގެންދާނީ މި މުބާރާތުގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.
އަލް ހަދަރީ އަށް މި ފުރުސަތު ލިބިފައިވާއިރު، މިހާރު އެ ރެކޯޑު އޮތީ ކޮލަމްބިއާގެ ކުރީގެ ކީޕަރު ފަރީދް މޮންޑްރަގޮން އަތުގައެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކޮލަމްބިއާއި ޖަޕާން ކުޅުނު މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިރު އޭނާގެ އުމުރަކީ 43 އަހަރާ 3 ދުވަހެއެވެ. ފަރީދްގެ ކުރިން މި ރެކޯޑް އޮތީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުމުރުން 42 އަހަރުގައި ކުޅުނު ކެމަރޫން ޓީމުގެ ފޯވާޑް ރޮޖަރ މިލާ އަތުގައެވެ.
އަލް ހަދަރީ އަކީ އެންމެ ކުޑައިރުންސުރެވެސް ފުޓްބޯޅައަށް ނުހަނު ލޯބިކުރި ކުޅުންތެރިއެކެވެ. ސްކޫލް ދުވަސްވަރު ހަދަރީގެ ބައްޕަ އޭނާއަށް ދިނީ ދެ ފުރުސަތެކެވެ. އެއީ ސްކޫލަށް ގޮސް ކިޔެވުން ނުވަތަ އޭނާގެ ބައްޕައާއެކު ފަރުނީޗަރު ފަދަ ތަކެތި ޖެހުމުގައި މަސައްކަތް ކުރުމަށެވެ. ހަދަރީގެ ބައްޕަ ހިންގަމުން ދިޔަ ވޯކްޝޮޕްގައި މަސައްކަތް ކުރުމުގެ ބަދަލުގައި އާއިލާއަށް ދެއްކުމަށް ހަދަރީ އަމަލު ކުރީ މުޅިން އެހެން ގޮތަކަށެވެ. ހަދަރީގެ ޕްލޭން އަކަށްވީ ކޮންމެ ދުވަހަކު ފޮތްތައް ހިފައިގެން ޔުނީފޯމުގައި ނުކުތުމަށްފަހު ފުޓްބޯޅަ ކުޅޭ ސަރަހަށްދަށް ދިއުމެވެ. އެތަނުގައި ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅުމަށްފަހު ރީތިވެގެން އޭނާ އެނބުރި ގެއަށް ދެއެވެ. ކޮންމެ ދުވަހަކުވެސް ގެއަށް ދަނީ ކައިރީގައި އޮންނަ ކޯރަކުން ޔުނިފޯމު ދޮވުމަށްފަހު އެވެ.
އުމުރުން 17 އަހަރުގައި ހަދަރީގެ ހުނަރު ފެނި އެގައުމުގެ ދެވަނަ ޑިވިޝަންގެ ޑަމިއެއްޓާ ޓީމުން ފުރުސަތު ލިބުނެވެ. އެޓީމުގެ އެކަޑަމީގައި އެއް އަހަރު ހޭދަ ކުރުމަށްފަހު، ހަދަރީ ވަނީ ފުޓްބޯޅައަށް އޭނާގެ ހުންނަ ޝައުގުވެރިކަން އާއިލާއާ ހިއްސާ ކޮށްފައެވެ. އެއަށްފަހު އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީވެސް އެޓީމާއެކުއެވެ. އެޓީމުގައި ފުރަތަމަ ފަހަރަށް ހަދަރީ މެޗެއް ކުޅުނީ 1993 ވަނަ އަހަރު އުމުރުން އެންމެ 20 އަހަރު އެވެ. އެ އަހަރުވެސް އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު މިސްރުގެ ގައުމީ ޓީމުން ފުރުސަތު ލިބިގެންދިޔައެވެ. އޭރު ހަދަރީއަށް ފުރުސަތު ލިބުނީ އެޓީމުގެ ފަސްވަނަ ކީޕަރުގެ ގޮތުގައެވެ.
ހަދަރީގެ މޮޅު ކުޅުމާއެކު ދެން އޭނާ ފެނުނީ މިސްރުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އަލް އަހްލީންނެވެ. އެޓީމުގައި ހޭދަކުރި 12 އަހަރު ވެގެންދިޔައީ އޭނާގެ ކެރިއަރުގެ އެންމެ މުހިއްމު ދުވަސްތަކަށެވެ. އެއަށްފަހުވެސް ގިނަ ކްލަބް ތަކަކަށް ކުޅެފައިވާ ހަދަރީ މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއްޔާ ލީގުގެ އަލް ތައާވޫން އަށެވެ.
1996 ވަނަ އަހަރު މިސްރުގެ ގައުމީ ޓީމަށް ކުޅެންފެށި ހަދަރީ ވަނީ މިހާތަނަށް އެގައުމަށް 157 މެޗު ކުޅެދީފައެވެ. ގައުމީ ޓީމުގައި ހޭދަކުރި 22 އަހަރުގައި އޭނާ ވަނީ ސަރަހައްދީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިސްރާއެކު އޭނާ ވަނީ ހަތަރު ފަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ހޯދާފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވުނީ 2006 އިން 2010 އަށް ޖެހިޖެހިގެން ތިން އަހަރު މިސްރުން އެ މުބާރާތް ކާމިޔާބު ކުރިއިރު ހަދަރީ ދެއްކި މޮޅު ކުޅުމެވެ. މި ތިން މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމް ހަދަރީ ހޯދިއިރު ސަރަހައްދުގެ އެންމެ މޮޅެތި ކުޅުންތެރިންނަށްވެސް އެންމެ އުނދަގޫވީ މިސްރު ކޮޅަށް ލަނޑު ޖެހުމެވެ.
އުމުރުން 45 އަހަރުގައި ވޯލްޑް ކަޕްގެ ރެކޯޑު ހެދުމަށް ތައްޔާރުވާއިރު ހަދަރީ ބުނެފައިވަނީ މި މުބާރާތުގައި ކުޅުމަކީ އަބަދުވެސް އޭނާގެ ހުވަފެނެއް ކަމަށާއި، އުއްމީދު ކުރާ ކަމަށް އަބަދުވެސް މަސައްކަތް ކުރުމުން ކާމިޔާބު ވާނެ ކަމަށެވެ. ކޮލިފައިންގައިވެސް މިސްރު ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހަދަރީ އެޓީމާއެކު ފުރަތަމަ މެޗުގައި ނުކުންނާނީ ޖޫން 15 ވަނަ ދުވަހު އުރުގުއޭއާ ދެކޮޅަށެވެ.
Advertisement
Leave a Reply