ކްރޫސް އަށް ބެލޮންޑިއޯ ލިބެން އަންޗެލޮޓީ ބޭނުންވޭ

Advertisement

ކްރޫސް އަށް ބެލޮންޑިއޯ ލިބެން އަންޗެލޮޓީ ބޭނުންވޭ

ފަހުމިނެޓް

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޮނީ ކްރޫސް އަށް ލިބުމަކީ އޭނާ އެދޭ ކަމެއްކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 0-5 އިން ޑިޕޯޓިވޯ އަލަވެސް ވަނީ ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ނޫސްވެރިން ވަނީ މިއަހަރުގެ ބެލޮންޑިއޯ ކްރޫސް އަށް ލިބުމުގެ ފުރުސަތާއި ގުޅޭގޮތުން އަންޗެލޮޓީއާ ސުވާލުކޮށްފަ އެވެ.

Advertisement

އަންޗެލޮޓީ ބުނީ ކްރޫސް އަށް އެ އެވޯޑް ލިބުމުގެ ފުރުސަތު ހަނިކަމަށާއި އެކަމު މި ސީޒަނުގައި ކަންތައް ވާގޮތަކުން އެއީ ވެސް ވެދާނެ ކަމެއް ކަމަށެވެ.

“ކްރޫސް އަށް ބެލޮންޑިއޯ؟ އަހަރެން ބޭނުންވާނެ ކަމެއް އެއީ. ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޖަރުމަނުން ޔޫރޯ ކާމިޔާބުކޮށްފި ނަމަ ކްރޫސް އަށް ބެލޮންޑިއޯ އަށް ވާދަކުރެވިދާނެ” މެޗަށް ފަހު އަންޗެލޮޓީ ބުންޏެވެ.

ކޯޗު ބުނީ މި ސީޒަނަށް ފަހު ކްރޫސް ރެއާލް މެޑްރިޑްގެ އެއްބަސްވުމަށް ހަދާނެ ގޮތަކާ މެދު އެކަކުވެސް ކަންބޮޑުނުވާ ކަމަށެވެ. އެޓީމުގެ އަމާޒަކީ ޗެމްޕިއަންސް ލީގު ފައިނަލް ކަމަށާއި ކްރޫސްގެ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކާނީ އޭގެފަހުން ކަމަށް އަންޗެލޮޓީ ބުންޏެވެ.

ރޭގެ މެޗުގައި ރެއާލްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ. އަނެއް ތިން ގޯލު ޖެހީ ޖޫޑް ބެލިންހަމްގެ އިތުރުން ފެޑެރިކޯ ވަލްވާޑޭ އަދި ތުރުކީގެ ޒުވާން ތަރި އަރްދާ ގުލާ އެވެ.

މެޗުގައި ރެއާލްގެ ގޯލު ބެލެހެއްޓީ ތިބައޫ ކޯޓުއާ އެވެ. ކޯޓުއާ ކޮޅަށް ގޯލެއް ނުވަދެ ނިންމާލިއިރު މެޗުގައި ކޯޓުއާ 10 ސޭވްކުރި އެވެ. ކޯޓުއާ އަނިޔާގައި ހުރި މުއްދަތުގައި ބަދަލު ގޯލްކީޕަރު އެންޑްރީ ލުނިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކޯޓުއާ ފިޓުވި ފަހުން ވެސް އަންޗެލޮޓީ ވަނީ ލުނިން އަށް ފުރުސަތުދީފަ އެވެ.

“ހާލަތު ވަރަށް ސާފު. ލީގުގައި ބާކީ އޮތީ ދެ މެޗު. އެއް މެޗުގައި ކުޅޭނީ ލުނިން. އަނެއް މެޗުގައި ކުޅޭނީ ކޯޓުއާ” އެޓީމުގެ އެއް ނަންބަރު ގޯލްކީޕަރާ ގުޅޭގޮތުން ސުވާލުކުރުމުން އަންޗެލޮޓީ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *