މިލަންދޫ ހޭންޑްބޯލް: ފައިނަލުގައި ބަދަލުހިފައި ޑްރިބްލް އިން ޗެމްޕިއަންކަން ހޯދައިފި

Advertisement

މިލަންދޫ ހޭންޑްބޯލް: ފައިނަލުގައި ބަދަލުހިފައި ޑްރިބްލް އިން ޗެމްޕިއަންކަން ހޯދައިފި

ފަހުމިނެޓް
ޑްރިބްލް ޓީމުން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑްރިބްލް އިން ހޯދައިފި އެވެ.

އިއްޔެ ހަވީރު މިލަންދޫ ޓާފް ދަނޑުގައި ކުޅުނު ވާދަވެރި، ފޯރިގަދަ ފައިނަލުގައި ލޭޑީ ބަގްސްގެ މައްޗައް ޑްރިބްލް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.

Advertisement

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވީ 4-4 އިންނެވެ. ނަތީޖާ ނެރެން އޭގެ ފަހުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ. އެ ވަގުތު ނިމުނުއިރު ދެޓީމު އެއްވަރުވީ 5-5 އިންނެވެ. ދެން ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ.

ފައިނަލް މެޗުގައި ލޭޑީބަގްސްގެ ކުޅުންތެރިއަކު ބޯޅަ ފޮނުވާލަނީ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ޕެނަލްޓީގައި ލޭޑީބަގްސް ފެނުނީ ދަށްކޮށެވެ. އެޓީމުގެ ފަސް ޕެނަލްޓީގެ ތެރެއިން ވައްދާލެވުނީ އެންމެ ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކުރީ ފާތިމަތު ފައިހާ އެވެ. ޑްރިބްލް ޓީމުން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވައްދާލާފަ އެވެ. ޑްރިބްލް އަށް ޗެމްޕިއަންކަން ކަށަވަރުވީ ލޭޑީބަގްސް ޓީމުގެ އާއިޝަތު ނާހިދާ ޖެހި ޕެނަލްޓީ ވައްދާނުލެވުމުންނެވެ.

އެ ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗު 21-19 އިން ކާމިޔާބުކުރީ ލޭޑީބަގްސް އެވެ. ލޭޑީބަގްސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެގެންނެވެ. އެކަމަކު ފައިނަލުގައި ޑްރިބްލް އިން ލޭޑީބަގްސް ބަލިކުރަން ވަރަށް ހިތްވަރުކުރި އެވެ.

މެޗުގައި ގިނަ ވަގުތު ލީޑުގައި އޮތީ ލޭޑީބަގްސް އެވެ. އެޓިމު 3-4 އިން މޮޅުވާން ދަނިކޮށް ފަހު ސިކުންތުގައި އެއްވަރުކުރީ އާއިޝަތު ހާސިމާ ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ޑްރިބްލް އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. އެކަމަކު އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ލޭޑީބަގްސް އިން އެއްވަރުކުރީ އެވެ.

މުބާރާތުގެ ރަނަރަޕް ޓީމު ލޭޑީ ބަގްސް. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ގްރޫޕް ސްޓޭޖުގެ މެޗާއި ހިލާފަށް މިއަދުގެ ފައިނަލުގައި ގޯލު މަދުވީ ދެޓީމުގެ ރޭވުންތެރިކަން ރަނގަޅުވެފައި ގޯލްކީޕަރުންގެ ސޭވްތައް ގިނަވީމަ އެވެ. މެޗުގައި ލޭޑީބަގްސްގެ ގޯލްކީޕަރު 20 ސޭވް ކުރިއިރު ޑްރިބްލްގެ ގޯލްކީޕަރު 14 ސޭވްކުރި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ޑްރިބްލް ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އޭގެފަހުން ފައިނަލުގައި ބަލިވި ލޭޑީބަގްސްގެ ކުޅުންތެރިން ވަނީ ޑްރިބްލް ޓީމަށް މަރުހަބާ ކިޔައިފަ އެވެ. މެޗުގައި ވާދަވެރިކަން ފެނުނު ނަމަވެސް ފައިނަލަށް ފަހު ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ އެކުވެރިކަން ނަމޫނާ ކޮށްދީފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން. އެރަށުން ހޭންޑްބޯޅައިގެ ހުނަރު ފެނުނު. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

މިލަންދޫ ހޭންޑްބޯލް މުބާރާތް ބޭއްވީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމު ބައިވެރިވިއިރު މުޅި މުބާރާތް ދިޔައީ ފޯރިގަދަކޮށެވެ. މެޗުތައް ބެލުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ދިޔަ އެވެ.

މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ ޑްރިބްލް ޓީމުގެ އާއިޝަތު ޝާއިނާ އެވެ. ފައިނަލް މެޗާ އެކު ޝާއިނާ ޖުމްލަ 32 ގޯލު ޖެހި އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ޑެޒްލިން ހޮވުނުއިރު ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމް ލިބުނީ އެޓީމުގެ އާއިޝަތު ސީރާ އަށެވެ. އެންމެ މޮޅު ޕްރިމިސިން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޑެޒްލިން ޓީމުގެ އާމިނަތު ޔޫޝާ އަށެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޑްރިބްލް އަށް ޗެމްޕިއަންކަން ހޯދައިދިން ކޯޗު އާމިނަތު ރަޒިއްޔާ (އުޝާމާ) އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ލޭޑީބަގްސް ޓީމުގެ މަރްޔަމް ލަމްހާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ޝާއިނާ. ޗެމްޕިއަންކަން ހޯދުމުގައި ބޮޑު ދައުރެއް އަދާކުރި. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

އެންމެ މޮޅު 7 ކުޅުންތެރިން

  • އާމިނަތު ރިޝްތާ – ލޭޑީބަގްސް
  • ފާތިމަތު ފައިހާ – ލޭޑީބަގްސް
  • އާއިޝަތު ޝާއިނާ – ޑްރިބްލް
  • ފާތިމަތު މާއިޝާ – ޑްރިބްލް
  • އާމިނަތު ނޫމާ – ޑްރިބްލް
  • މަރްޔަމް ތަސްލީމާ – ޑްރިބްލް
  • އާއިޝަތު ހާޝިމާ – ޑްރިބްލް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޑްރިބްލް ޓީމުގެ ޝާއިނާ އެވެ. ޝާއިނާ ވަނީ ޑްރިބްލް ޓީމުން ޗެމްޕިއަންކަން ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ޝާއިނާ އަކީ އެ އަތޮޅު ފޭދޫ އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

ރެކްރިއޭޝަން ކްލަބުން ފިތުރު އީދާ ގުޅުވައިގެން ބާއްވާ މުބާރާތްތަކުގެ ތެރެއިން މިރޭ އޮންނާނީ ފުޓްސަލްގެ ފައިނަލެވެ. އެ ފައިނަލުގައި ވާދަކުރާނީ ސިކްސްޕެކް ސްޕޯޓްސް ކްލަބާއި ވޮލްކޯ ޔުނައިޓެޑެވެ. އެ މެޗު ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *