އަމިއްލަ ގައުމުގަ ކުޅުނަސް ރަޝިޔާ އަށް މާޔޫސްކަން

Advertisement

އަމިއްލަ ގައުމުގަ ކުޅުނަސް ރަޝިޔާ އަށް މާޔޫސްކަން

ޢަލީ ޝަހީމް

އަމިއްލަ ގައުމުގައި ވޯލްޑްކަޕް ބޭއްވުމުގެ ޝަރަފާއެކު ރަޝިޔާއަށް މިފަހަރުގެ މުބާރާތަކީ އުއްމީދީ މުބާރާތެކެވެ. އެޓީމު މިފަހަރު ހިމެނުނު ގްރޫޕަކީ މުބާރާތް ބާއްވާ ގައުމެއް މިހާތަނަށް ވާދަކުރާ އެންމެ ފަސޭހަ އެއް ގްރޫޕެވެ. ގްރޫޕް “އޭ” ގައި އެޓީމުގެ އިތުރުން ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި މިސްރުގެ އިތުރުން އުރުގުއޭ އެވެ.

ވޯލްޑްކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު މިފަހަރުގެ ރަޝިޔާ ޓީމަކީ ފަހަކަށް އައިސް އެގައުމުން ފެނުނު އެންމެ އާދައިގެ ޓީމެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ކޮލިފައިން ކުޅެން ނުޖެހޭތީ ވާދަވެރި މެޗެއް އެޓީމަށް ކުޅެން ލިބުނީ މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ބައްރު ތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވުނު ކޮންފެޑެރޭޝަންސް ކަޕް ގައެވެ. އަމިއްލަ ގައުމުގައި އެ މުބާރާތް ބޭއްވި ނަމަވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން އެޓީމު ބަލިވެ މުބާރާތާ ވަކިވާން ޖެހުނެވެ. ގްރޫޕް ސްޓޭޖުގައި މެކްސިކޯ އަދި ޕޯޗުގަލް އަތުން ބަލިވިއިރު އެޓީމަށް މޮޅެއް ލިބުނީ ހަމައެކަނި ނިއުޒީލޭންޑް އަތުންނެވެ.

Advertisement

ވޯލްޑްކަޕްގެ ތާރީޚް

ވޯލްޑްކަޕްގައި ރަޝިޔާ ވަނީ މީގެ ކުރިން 10 ފަހަރު ވާދަކޮށްފައެވެ. މި މުބާރާތުގައި އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނައެވެ. އެގައުމަށް މި ކާމިޔާބީ ލިބުނީ “ސޯވިއެޓް ޔޫނިއަން” ގެ ނަމުގައި މުބާރާތުގައި ވާދަކުރި އިރުއެވެ.  އޭގެފަހުން އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތިންވަނައެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް އެޓީމު ކޮލިފައިވެސް ނުވެއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ މުބާރާތުގައި އެޓީމުން ވަނީ ވާދަކޮށްފައެވެ. ބްރެޒިލްގައި ބޭއްވި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން މޮޅު ނުވެ އެޓީމުން މުބާރާތާ ވަކިވީ ގްރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.

ވަންނަ ގޯލު ގިނަވުން: ކޯޗަށް އޮތް އެންމެ ބޮޑު ބޮލުގަ ރިހުން

ރަޝިޔާ ޓީމުގެ އެންމެ އާދައިގެ ޑިޕާޓްމަންޓަކީ އެޓީމުގެ ފަހަތެވެ. އެންމެ ފަހުން ކުޅުނު ރަހްމަތްތެރިކަމުގެ ހަތަރު މެޗުގައި އެޓީމު ކޮޅަށް ވަނީ 10 ލަނޑު ވަދެފައެވެ. އޮކްޓޯބަރ 2017 ގެ ފަހުން އެއްވެސް މެޗަކުން އެޓީމު މޮޅުވެފައި ނުވާއިރު، ޓީމުގެ ކޯޗު ސްޓަނިސްލޯ ޗާޗެސޯވް އަށް ވަނީ ޓީމުގެ ފަހަތް މިހާރަށްވުރެ ވަރުގަދަ ކުރަން ޖެހިފައެވެ. ރަޝިޔާގެ ކޯޗުކަމާ ހަވާލުވުމަށްފަހު ސްޓަނިސްލޯ ވަނީ އެޓީމުގެ ފަހަތުގައި ފަސް ޑިފެންޑަރުން ބޭނުން ކުރަން ފަށާފައެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ ވިކްޓޯރ ވަސިން އަދި ޖިއޯޖީ ޒިކިޔާ އަށް ލިބުނު އަނިޔާއާއެކު ފަހަތް ބެލެހެއްޓުމަށް އިތުރު ކުޅުންތެރިންތަކެއް ތަޖުރިބާ ކުރަން ކޯޗަށް ވަނީ މަޖުބޫރު ވެފައެވެ. ޓީމުގައި އެއްފެންވަރެއްގެ މާގިނަ ކުޅުންތެރިންތަކެއް ނެތުމުން މުބާރާތުގައި ޒުވާން އިތުރު ކުޅުންތެރިންނަށް ކޯޗު ފުރުސަތު ދޭނެކަމަށް ބެލެވެއެވެ.

ޓީމުގެ ތަރި

ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނުހިމެނުނު ނަމަވެސް ރަޝިޔާ ލީގުގެ އެފްސީ ރަސްނޮޑާ އަށް ކުޅޭ އުމުރުން 28 އަހަރުގެ ފެޑޯ ސްމޮލޮވް އަކީ އެޓީމުގެ އުއްމީދުތަކާއި ގުޅިފައިވާ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. ރަޝިޔާ ޓީމަށް މިހާތަނަށް ކުޅުނު 30 މެޗުގައި އޭނާ ވަނީ 12 ލަނޑު ޖަހާފައެވެ.

ޔޫރަޕްގެ ބޮޑު ކްލަބަކަށް ކުޅުމުގެ އުއްމީދުގައި ހުރި މި ކުޅުންތެރިޔާ އަމާޒަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ކުޅުމެއް ދައްކައި ކޯޗުންގެ ސަމާލުކަން ހޯދުމެވެ. ރަޝިޔާ ލީގުގައި ފެޑޯ ވަނީ މިދިޔަ ދެ ސީޒަނުގައިވެސް 20 ލަނޑު ޖަހާ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. ޖެހިޖެހިގެން 2 ސީޒަނުގައި ހޯދި މި ކާމިޔާބިއާއެކު ރަޝިޔާ ސަޕޯޓަރުންގެ އެންމެ ބޮޑު އުއްމީދަކީވެސް މި ކުޅުންތެރިޔާގެ ވިދުން މިފަހަރުގެ މުބާރާތުގައި ގަދަވުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *