މިލަންދޫ ފުޓްސަލްގެ ވާދަވެރި ސެމީ ފައިނަލް މިރޭ

Advertisement

މިލަންދޫ ފުޓްސަލްގެ ވާދަވެރި ސެމީ ފައިނަލް މިރޭ

ފަހުމިނެޓް
ވޮލްކޯ ޓީމުގެ ބައްކު ބޯޅަ ހިފައިގެން. މިރޭ ވާދަވެރި ސެމީ ފައިނަލް މެޗުތައް ކުޅޭނެ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ށ. މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ބާއްވާ ކައުންސިލް ފުޓްސަލް ކަޕްގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ.

ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ސިކްސްޕެކް ސްޕޯޓްސް ކްލަބެވެ. އެ މެޗު ފަށާނީ މިރޭ 8:30 ގަ އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ވޮލްކޯ ޔުނައިޓެޑާއި ލިންކް ސްޕޯޓްސް އެވެ. އެ މެޗު ފަށާނީ 9:30 ގަ އެވެ.

Advertisement

ސެމީ ފައިނަލަށް ނުކުންނަ ހަތަރު ޓީމަކީ ވެސް ފެންވަރު ރަނގަޅު ޓީމުތަކެވެ. މުބާރާތުގައި ވާދަކުރި ވަރުގަދަ ޓީމުތަކުގެ ތެރެއިން ސެމީ އިން ފުރުސަތު ނުލިބުނީ ޑީއެސްކިއު އަށެވެ.

އީގަލްސް ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ވަނީ ތިން މެޗުގެ ތެރެއިން ޑީއެސްކިއު އާއި ޔަންގްސްޓާސް ބަލިކޮށްފަ އެވެ. ގްރޫޕުގެ ފަހު މެޗުގައި ލިންކް ސްޕޯޓްސްއާ ވާދަކޮށް އެޓީމު އެއްވަރުވީ އެވެ. އެޓީމުން ތިން މެޗުގައި 31 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 6 ގޯލެވެ. ސެމީގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހީ އެޓީމެވެ.

އީގަލްސް ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ރަށުން ބޭރުން އެޓީމުގައި ހިމެނި ކ. ގާފަރުގެ އިބްރާހީމް ރިމާހު (ރިމޭ) އާއި ށ. ކަނޑިތީމުގެ އިބްރާހީމް ނަދާދް (ކުޑައްޓޭ) ހިމެނެ އެވެ. އޭގެ އިތުރުން ވެސް މިލަންދޫގެ މަޝްހޫރު ކުޅުންތެރިން އީގަލްސް ޓީމުގައި ހިމެނެ އެވެ.

އީގަލްސްއާ ދެކޮޅަށް ނުކުންނަ ސިކްސްޕެކް ޓީމަކީ އެންމެ ފަހުން ސެމީގެ ޖާގަ ކަށަވަރުކުރި ޓީމެވެ. ސިކްސްޕެކް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެޓީމު ހަމައެކަނި ބަލިވީ ވޮލްކޯ ޔުނައިޓެޑް އަތުންނެވެ. ކަލާފާނު އެފްސީ އާއި ތޮޅި އެފްސީއާ ކުޅެގެން ބޮޑު މޮޅެއް އެޓީމު ހޯދި އެވެ. ސިކްސްޕެކް ވަނީ ގްރޫޕް ސްޓޭޖުގައި 30 ގޯލު ޖަހައިފަ އެވެ. އެޓީމު ކޮޅަށް ވަނީ 5 ގޯލެވެ.

އީގަލްސް ޓީމުގެ ރިމޭ. މިރޭ ސެމީގައި އެޓީމު ވާދަކުރާނެ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ސިކްސްޕެކް ޓީމުގައި ރަށުން ބޭރުން ހިމެނެނީ ގާފަރު ޓީމުގެ ސާމިން މުހައްމަދު ނަސީރު އާއި ހދ. ނައިވާދޫ ޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މުބާރާތުގައި ޝާއްޕެ ވަނީ ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.

މިރޭ އަނެއް ސެމީގައި ވާދަކުރާ ވޮލްކޯ ޔުނައިޓެޑާއި ލިންކް ސްޕޯޓްސްގެ ވާދަވެރިކަން އިންތިހާ އަށް ބޮޑުވާނެ އެވެ. ވޮލްކޯ ގްރޫޕް އޭގެ އެއް ވަނަ ހޯދީ ފަސޭހަކަމާ އެކު ގްރޫޕުގެ ތިން މެޗުން މޮޅުވެގެންނެވެ. އެޓީމުން ވަނީ ތިން މެޗުގައި 20 ގޯލު ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ 6 ގޯލެވެ.

ވޮލްކޯ ޔުނައިޓެޑްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީގެ އިތުރުން ބ. ފެހެންދޫ އަށް އުފަން އަހުމަދު ބައްސާމް (ބައްކު) ވެސް މިއަހަރުގެ މުބާރާތުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ލިންކް ސްޕޯޓްސް އަކީ ވެސް މިއަހަރުގެ މުބާރާތަށް ވަރުގަދަކޮށް ތައްޔާރުވި ޓީމެކެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެ މެޗުން އެޓީމު މޮޅުވި އެވެ. ގްރޫޕުގެ އެއް ވަނަ ހޯދި އީގަލްސްއާ ވާދަކޮށް 3-3 އިން ވީ އެއްވަރެވެ.

ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ލިންކް ސްޕޯޓްސް އިން 21 ގޯލު ޖެހި އެވެ. އެޓީމު ކޮޅަށް ވަނީ 6 ގޯލެވެ. އެޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އީރާންގެ ފުޓްސަލް އަލީ އަލީ ހޮދަދާދީ އެވެ. ހޮދަދާދީ އަންނަނީ މިފަހަރު މިލަންދޫގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ހޮދަދާދީއާ އެކު މުހައްމަދު އައްޒާމަކީ ވެސް އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

މިލަންދޫ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި ޓާޓާ އެފްސީ މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެ އެވެ. އޭގެ ކުރީ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވޮލްކޯ ޔުނައިޓެޑެވެ.

މިލަންދޫ ކައުންސިލް ފުޓްސަލް މުބާރާތަކީ އެންމެ މަޝްހޫރު ތަރިންނާއި އެކު މިހާރު ކުރިއަށްދާ އެއް މުބާރާތެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *