މިލަންދޫ ފުޓްސަލް: އަޔާ ހިމެނުނު ޑީއެސްކިއު ކަޓުވާލުމަށްފަހު ލިންކް ސްޕޯޓްސް ސެމީ އަށް

Advertisement

މިލަންދޫ ފުޓްސަލް: އަޔާ ހިމެނުނު ޑީއެސްކިއު ކަޓުވާލުމަށްފަހު ލިންކް ސްޕޯޓްސް ސެމީ އަށް

ފަހުމިނެޓް
ރޭގެ މެޗުގައި ހޮދަދާދީއާ އެކު އަޔާ. އަޔާ ކުޅުނު ޑީއެސްކިއު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައި. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ށ. މިލަންދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި މަޝްހޫރު ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ) ހިމެނޭ ޑިއެސްކިއު ކަޓުވާލުމަށް ފަހު ލިންކްސް ސްޕޯޓްސް ކްލަބް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އަޔާގެ އިތުރުން ގދ. ވާދޫ ފުޓްސަލް ޓީމުގައި ހިމެނޭ އިބްރާހީމް ޝައުފް މުހައްމަދު ވެސް ކުޅުނީ ޑީއެސްކިއު ޓީމަށެވެ. އެކަމަކު ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް އެޓީމު ބަލިވެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

Advertisement

ރޭ ކުޅުނު މެޗުން ލިންކް ސްޕޯޓްސް ކުރި ހޯދީ 2-5 އިންނެވެ. މެޗުގައި ލިންކް ސްޕޯޓްސް އަށް ގޯލުތައް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި މުހައްމަދު އައްޒާމް އާއި މުހައްމަދު ނަޖާހު އެވެ. ރޭގެ މެޗުގައި ވެސް އީރާންގެ ފުޓްސަލް ތަރި އަލީ ހޮދަދާދީ މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި އައްޒާމު އެވެ.

އަޔާ ވަނީ މިދިޔަ އަހަރު މުބާރާތުގައި ޓާޓާ އެފްސީއާ އެކު ޗެމްޕިއަންކަން ހޯދައި އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. މިއަހަރު ޑީއެސްކިއު އަޔާއާ އެކު އަމާޒުހިފީ ތައްޓަށެވެ. އެކަމަކު އެޓީމު ވަނީ ފުރަތަމަ މެޗުގައި އީގަލްސް އަތުން ފަހު ވަގުތު ބަލިވެފަ އެވެ.

ރޭގެ މެޗުގައި ޝާއްޕެ ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ރޭ ކުޅުނު އަނެއް ތިން މެޗުގެ ތެރެއިން އީގަލްސް އާއި ވޮލްކޯ ޔުނައިޓެޑް ވެސް ވަނީ ސެމީގެ ޖާގަތައް ކަށަވަރުކޮށްފަ އެވެ. ރޭ އީގަލްސް ވަނީ ޔަންގްސްޓާސް 24-0 އިން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް ރިމާހު (ރިމޭ) 6 ގޯލު ޖެހިއިރު އިބްރާހީމް ޒާހީ 5 ގޯލު ޖެހި އެވެ. އެޓީމަށް ދެން ގޯލު ޖަހައިދިނީ އަހުމަދު ޝާނީ އާއި އަލީ އީނާސް، އިބްރާހީމް ނަދާދު (ކުޑައްޓޭ)، އަލީ ސަމޫހް، އަހުމަދު ހުސާން އަދި މުހައްމަދު އިލްހާމް އެވެ. ޝާނީ އާއި އީނާސް ވަނީ ހެޓްރިކް ހަދައިފަ އެވެ. ސަމޫހު އާއި ހުސާން ދެ ގޯލު ޖެހިއިރު، އިލްހާމް އާއި ނަދާދު އެއް ގޯލު ޖެހި އެވެ.

ވޮލްކޯ ޔުނައިޓެޑް ރޭ މޮޅުވީ ތޮޅި އެފްސީއާ ވާދަކޮށް 1-4 އިންނެވެ. މެޗުގައި އަހުމަދު ބައްސާމް (ބައްކު) ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އެޓީމަށް އަނެއް ގޯލު ޖަހައިދިނީ މުހައްމަދު ނާއިލް އެވެ.

ސިކްސްޕެކް ރޭ ކުޅުނު މެޗުން ވަނީ 0-16 ގެ ބޮޑު ތަފާތަކުން ކަލާފާނު ބަލިކޮށްފަ އެވެ. މެޗުގައި ސިކްސްޕެކްގެ އަބްދުﷲ ޝާފިއު (ޝާއްޕެ) 8 ގޯލު ޖެހި އެވެ. ދެން ގޯލު ޖެހީ ސާމިން މުހައްމަދު ނަސީރު އާއި އާދަމް ނާޒިހު އަދި އިބްރާހީމް ސިވާޒް އެވެ. މެޗުގައި ސާމިން 6 ގޯލު ޖެހި އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝާއްޕެ އެވެ.

އީގަލްސް ޓީމުގެ ރިމޭ މޮޅު ކުޅުންތެރިޔާގެ މަގާމާ ހަވާލުވަނީ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ގްރޫޕް އޭގެ އެއްވަނައިގައި އޮތް އީގަލްސް އާއި ލިންކް ސްޕޯޓްސް އަށް ވަނީ 6 ޕޮއިންޓް ލިބިފަ އެވެ. ޑީއެސްކިއު ތިން ވަނައިގައި އޮތްއިރު ގޯލުގެ ތަފާތުން ފުލުގައި އޮތީ ޔަންގްސްޓާސް އެވެ. އެ ގްރޫޕުގައި މިރޭ ޑީއެސްކިއު އާއި ޔަންގްސްޓާސް ކުޅޭއިރު އީގަލްސް ކުޅޭނީ ލިންކް ސްޕޯޓްސްއާ އެވެ. އެ މެޗުން ގްރޫޕުގެ އެއް ވަނަ ކަށަވަރުވާނެ އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި މިވަގުތު އޮތީ 6 ޕޮއިންޓް ހޯދާފައިވާ ވޮލްކޯ ޔުނައިޓެޑެވެ. ދެ ވަނައިގައި އޮތް ސިކްސްޕެކް އާއި ތިން ވަނައިގައި އޮތް ތޮޅި އެފްސީ އަށް ވަނީ 3 ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ކަލާފާނު ވަނީ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

ސެމީގެ ފަހު ޖާގަ ޔަގީންވާނީ މިރޭ ސިކްސްޕެކް އާއި ތޮޅި އެފްސީ ވާދަކުރާ މެޗަށް ފަހު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ސިކްސްޕެކް އަށް ސެމީގެ ޖާގަ ލިބޭނެ އެވެ. ތޮޅި އެފްސީ އަށް ސެމީ ޔަގީންވާނީ ސިކްސްޕެކް ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު ހަތަރު މެޗު ވެސް ކުޅޭނީ މިރެ އެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *