މިލަންދޫ ހޭންޑްބޯލް: ފުރަތަމަ މެޗުތަކުން ޑެޒްލިން އާއި ލޭޑީބަގްސް މޮޅުވެއްޖެ

Advertisement

މިލަންދޫ ހޭންޑްބޯލް: ފުރަތަމަ މެޗުތަކުން ޑެޒްލިން އާއި ލޭޑީބަގްސް މޮޅުވެއްޖެ

ފަހުމިނެޓް
މިލަންދޫގައި އިއްޔެ ފެށި ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ށ. މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި އިއްޔެ ފެށި ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗުތަކުން ޑެޒްލިން އާއި ލޭޑީބަގްސް މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ރަސްމީކޮށް ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ޑެޒްލިން ވަނީ 8-5 އިން ރެޑް ބީޓްލްސް ބަލިކޮށްފަ އެވެ. މެޗުގައި ޑެޒްލިން ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އާއިޝަތު ސީރާ އެވެ. ސީރާ ވަނީ އެޓީމުގެ 8 ގޯލުގެ ތެރެއިން 5 ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. އެޓީމުގެ އަނެއް ތިން ގޯލު ޖެހީ ފާތިމަތު ޒައިނާ އާއި އައިޝަތު މިންހާ އެވެ. ޒައިނާ މެޗުގައި ދެ ގޯލު ޖެހި އެވެ.

Advertisement

ހޭންޑްބޯލްގެ ދެވަނަ މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ މެޗު ލޭޑީބަގްސް ޓީމުން ކާމިޔާބުކުރީ 19-21 އިންނެވެ. މެޗުގައި ލޭޑީބަގްސް ޓީމުގެ ފާތިމަތު ފައިހާ އާއި އާމިނަތު ރިޝްތާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއިން ކޮންމެ ކުޅުންތެރިއަކު 9 ގޯލު ޖެހި އެވެ. އެޓީމުގެ ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި އާއިޝަތު ނާހިދާ އާއި އެއް ގޯލު ޖެހި އާމިނަތު ނިޝާނާ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލޭޑީބަގްސް ޓީމުގެ ފައިހާ އެވެ.

މިލަންދޫ ހޭންޑްބޯލް މުބާރާތުގެ ތެރެއިން. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ހޭންޑްބޯލް ލީގު ބުރުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ޑްރިބްލް އާއި ރެޑް ބީޓްލްސް އެވެ. އެ މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެ އެވެ. މިއަދު ފަހެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ޑެޒްލިން އާއި ލޭޑީބަގްސް އެވެ. އެއީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ މެޗެކެވެ.

ހޭންޑްބޯލް މުބާރާތުގައި މިއަހަރު ބައިވެރިވީ ހަތަރު ޓީމެވެ. މިދިޔަ އަހަރު އެ މުބާރާތް ބާއްވާފައި ނުވާއިރު 2022 ވަނަ އަހަރު އެ މުބާރާތް ވަނީ ކުޅެފަ އެވެ.

މިއަހަރުގެ މުބާރާތުގެ މެޗުތައް ކުޅެނީ މިލަންދޫ ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *