ފ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް މަގޫދޫގައި މިރޭ ފަށަނީ
ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިސްނަގައިގެން ކޮންމެ އަހަރަކު އެރަށުގައި ބާއްވާ އެލް4 ކަޕް ފުޓްސަލް މުބާރާތް މިރޭ އެރަށުގައި ފަށާނެ އެވެ.
މަގޫދޫގައި ކޮންމެ ފިތުރު އީދަކާ ގުޅުވައިގެން ބާއްވާ އެ މުބާރާތަކީ އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
މިއަހަރު އެރަށުގައި ބާއްވަނީ އެ ކްލަބުން އިންތިޒާމުކުރާ 36 ވަނަ ކުޅިވަރު މުބާރާތްތަކެވެ. މިފަހަރުގެ ފުޓްސަލް މުބާރާތް ކުރިއަށްދާނީ މިރެއިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގައި ފ. އަތޮޅުގެ 10 ޓީމު ވަނީ ބައިވެރިވެފަ އެވެ. އޭގެތެރެއިން 5 ޓީމަކީ މަގޫދޫގެ ޓީމުތަކެވެ. ދެން ހިމެނެނީ ދަރަނބޫދޫގެ ހަތަރު ޓީމުގެ އިތުރުން ބިލެއްދޫ ޓީމެކެވެ. އެ އަތޮޅުގެ ބާކީ ދެ ރަށް ކަމަށްވާ ފީއަލި އަދި ނިލަންދޫ އިން މިއަހަރުގެ މުބާރާތުގައި ވާދަނުކުރެ އެވެ.
މުބާރާތް ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެޗުތައް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ކުޅޭއިރު ފައިނަލް މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ، ފަވްޒް ނިއު ޖެނެރޭޝަން، ފަވްޒް ސްޕޯޓްސް ކްލަބް، ގަޓް ސިޓީ، އެފްސީ ޒަލްޒަލާ، ސީއެސް ސްޕޯޓްސް – ސްކޯޕިއަން، ބީސީ ސްޕޯޓްސް ކްލަބް، އޭއެމްޑީ، އެޒް ސްޕޯޓްސް ކްލަބް، ޕަވަރ އެޓޭކް އަދި ބީސީ 2030 އެވެ.
އެލް4 ކަޕްގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާ ދޭނެ އެވެ.
ފުޓްސަލްގެ މަޝްހޫރު ތަރިން މަގޫދޫ މުބާރާތުގައި
މަގޫދޫގައި ބާއްވާ ފުޓްސަލް މުބާރާތަކީ އަތޮޅުތެރޭގައި ބާއްވާ އެންމެ ދުވަސްވީ އެއް ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ވެސް ހޯދީ ދަރަނބޫދޫ ބީސީ ސްޕޯޓްސް ކްލަބެވެ. މިއަހަރު އެޓީމު ނުކުންނަނީ ތަށި މިލްކުކުރާށެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ފުޓްސަލްގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެހެންވެ މި އީދުގައި އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން މަގޫދޫ އެލް4 ކަޕަކީ ރަށުން ބޭރުން އެންމެ ގިނަ ފުޓްސަލް ތަރިން ކުޅޭނެ މުބާރާތެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ބިލެއްދޫ ޓީމަކީ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ޓީމެކެވެ. ރަށުން ބޭރުން ކުޅުންތެރިއަކު ނުހިމަނައި މަގޫދޫ މުބާރާތަށް ވެސް ބިލެއްދޫ އިން ނުކުންނަނީ ހަމަ އެޓީމެވެ.
ޗެމްޕިއަން ބީސީ ސްޕޯޓްސް ކްލަބްގައި މަޝްހޫރު ފުޓްސަލް ތަރިން ކަމަށްވާ އަލީ ޝިޔާހު އާއި މުހައްމަދު ވިލްފް އަދި އިސްމާއީލް ވަޖީހް (ވައްޖެ) ހިމެނެ އެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމުގެ އިބްރާހީމް އައިސަމް ވެސް އެޓީމުން މިއަހަރުގެ މުބާރާތުގައި ފެންނާނެ އެވެ.
އެހެން ކުޅުންތެރިންނަށް ބަލާއިރު ގާފަރު ޓީމުގައި ވިދާލި ޝަނާން ރަޝީދު އާއި ވާދޫ ޓީމުގެ މުހައްމަދު އިޔާދު އަލީ، އިނގުރައިދޫ ޓީމުގެ އަހުމަދު އައިހަމް (އައިހު)، އަލިފުށީގެ އަހުމަދު ވިޖުދާން (ވިޖުއްކޮ)، ކުޑަހުވަދޫގެ އަރަމުން އަންނަ ތަރި ހާރޫން އިބްރާހީމް، ކުޑަހުވަދޫގެ ޖުމައިލް ޖަމީލް (ޖުމްބެ)، ނައިވާދޫ ޓީމުގެ ޔާމީން މުހައްމަދު އަދި ނައިވާދޫގެ އަހުމަދު ހަމީދު ވެސް މުބާރާތުގައި ކުޅޭނެ އެވެ.
މުބާރާތް ހުޅުވާ މެޗުގައި މިރޭ ވާދަކުރާނީ ފަވްޒް ނިއު ޖެނެރޭޝަން އާއި ގަޓް ސިޓީ އެވެ. އެ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ. މިރޭ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒަލްޒަލާ އާއި ސީއެސް ސްޕޯޓްސް – ސްކޯޕިއަން އެވެ. އެ މެޗު ކުޅޭނީ 9 ޖަހާއިރު އެވެ.
މިރޭ ކުޅޭ ފަހު ދެ މެޗުގެ ތެރެއިން 10 ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ ބީސީ ސްޕޯޓްސް ކްލަބާއި އޭއެމްޑީ އެވެ. މިރޭގެ ފަހު މެޗުގައި 11 ޖަހާއިރު ވާދަކުރާނީ ފަވްޒް ސްޕޯޓްސް ކްލަބާއި އެޒް ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ފ. މަގޫދޫ ޒުވާނުންގެ ކްލަބް ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ. މިއަހަރު މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
Advertisement
Leave a Reply