އީރާންގެ ހޮދަދާދީއާ އެކު ފުޓްސަލްގެ ގިނަ ތަރިން މިފަހަރު މިލަންދޫގައި

Advertisement

އީރާންގެ ހޮދަދާދީއާ އެކު ފުޓްސަލްގެ ގިނަ ތަރިން މިފަހަރު މިލަންދޫގައި

ފަހުމިނެޓް
އީރާންގެ ފުޓްސަލް ތަރި ހޮދަދާދީ. އީދުގައި އޭނާ މިލަންދޫގައި ކުޅޭނެ. ފޮޓޯ: އަދަދު

ފިތުރު އީދާ ގުޅުވައިގެން ށ. މިލަންދޫގައި ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތުގައި ފުރަތަމަ ފަހަރަށް ބިދޭސީ ކުޅުންތެރިއަކު ހިމަނައިފި އެވެ.

މިލަންދޫ އިން މިފަހަރު ފެންނާނީ ކުރިން ކްލަބް މޯލްޑިވްސް ކަޕްގައި މޮޅު ކުޅުމެއް ދެއްކި އީރާންގެ ހުނަރުވެރި ތަރި އަލީ ހޮދަދާދީ އެވެ.

ހޮދަދާދީ އަކީ 2017 ވަނަ އަހަރު އޭޝިއާގެ 20 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް އީރާނުން ކާމިޔާބު ކުރިއިރު އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް ހޮދަދާދީ ހިމެނުނެވެ. ކްލަބް މޯލްޑިވްސް ކަޕް 2022 ގައި ހޮދަދާދީ ކުޅުނީ ކްލަބް ވެމްކޯ ޓީމަށެވެ.

ހޮދަދާދީ އީރާންގެ ޒުވާން ފުޓްސަލް ޓީމާ އެކު. އޭނާއަކީ އޭޝިއާ ލެވެލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެއް

މިލަންދޫ ކައުންސިލް ކަޕްގައި ހޮދަދާދީ ފެންނާނީ ލިންކް ސްޕޯޓްސް އިންނެވެ. ހޮދަދާދީގެ އިތުރުން ތަޖުރިބާކާރު ފުޓްސަލް ކުޅުންތެރިޔާ މުހައްމަދު އައްޒާމް ވެސް ލިންކް ސްޕޯޓްސް އިން ވަނީ ގެންގޮސްފަ އެވެ. އައްޒާމަކީ ރާއްޖޭގެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގެ އިތުރުން މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުފަން ރަށް ނ. ކެނދިކުޅުދޫގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އެހެން ތަރިންނަށް ބަލާއިރު ސިކްސްޕެކް ސްޕޯޓްސް ކްލަބުން ވަނީ ސާމިން މުހައްމަދު ނަސީރު އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ސޮއި ހޯދާފަ އެވެ. ކ. ގާފަރަށް ނިސްބަތްވާ ސާމިނު އަކީ މިހާރު ރާއްޖޭގައި ފާހަގަކޮށްލެވޭ ފުޓްސަލް ކުޅުންތެރިއެކެވެ. ހދ. ނައިވާދޫ އަށް އުފަން ޝާއްޕެ އަކީ ފުޓްސަލްގައި މަޝްހޫރު ނަމެކެވެ.

ޝާއްޕެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މިލަންދޫ މުބާރާތުގައި ފެންނާނީ ސިކްސްޕެކް ޓީމުން

ވޮލްކޯ ޔުނައިޓެޑުން ފެންނާނީ ހުސައިން ޝަރީފް (އޮންލީ) އާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. އޮންލީ އަކީ ލ. ގަމާ އެކު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތިން ފައިނަލުގައި ކުޅެ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. އޮންލީ އަކީ 2023 ވަނަ އަހަރު އެ މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓެވެ. ބައްކު އަކީ ކުޑަ ދުވަސްކޮޅެއްތެރޭ ފުޓްސަލްގައި މަގްބޫލުކަން ހޯދި ކުޅުންތެރިއެކެވެ. ބ. ފެހެންދޫ އަށް އުފަން ކުޅުންތެރިޔާ މިހާރު އަންނަނީ ފުޓްސަލް މުބާރާތްތަކުގައި ތަފާތު ދައްކަމުންނެވެ.

އީގަލްސް އިން މިއަހަރު ފެންނާނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގާފަރު ޓީމުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހީމް ރިމާހު އާއި ށ. ކަނޑިތީމު ޓީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. ރިމާހު ވަނީ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަތޮޅާއި ޒޯން ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ގާފަރު ސެމީ އަށް ކުރި ދަތުރުގައި ރިމާހު އަކީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ކުޑައްޓޭ އަކީ ށ. އަތޮޅުގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ނަމެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި މިލައުތުރު ފުޓްސަލް ޗެލެންޖް ކަނޑިތީމުން ކާމިޔާބުކުރީ ކުޑައްޓޭގެ މޮޅު ކުޅުމާއެކީ އެވެ.

އޮންލީ ގަން ޓީމާ އެކު ގޯލްޑަން ފުޓްސަލް ޗެލެންޖް މެޗެއްގައި. އޮންލީ ވެސް މިލަންދޫ މުބާރާތުގައި ކުޅޭނެ

މިދިޔަ އަހަރު މިލަންދޫ ކައުންސިލް ފުޓްސަލް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަޔާޒް އަހުމަދު (އަޔާ) މިފަހަރު ފެންނާނީ ޑީއެސްކިއު އިންނެވެ. އަޔާ ނިސްބަތްވާ ވާދޫ ޓީމަށް ކުޅޭ އިބްރާހީމް ޝައުފް މުހައްމަދު ވެސް މިއަހަރު އެޓީމުން ފެންނާނެ އެވެ. އަޔާ އަކީ ރާއްޖޭގެ އެންމެ އުހުގައި ގުނާލެވޭ ފުޓްސަލް ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ.

މުބާރާތުގައި ވާދަކުރާ ތޮޅި އެފްސީ އިން ވަނީ ށ. ފުނަދޫ އަށް ނިސްބަތްވާ އަބްދުﷲ ޒަމީން އާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ލ. އިސްދޫ ޓީމުގެ ކެޕްޓަންކަން ކުރި އަލީ ހުމޭޒު ގެންގޮސްފަ އެވެ. ހުމޭޒުގެ ކެޕްޓަންކަމުގައި އިސްދޫ ޓީމުން ވަނީ އަތޮޅު ބުރާއި ޒޯން ބުރުގައި ރަނގަޅު ވާދައެއްކޮށްފަ އެވެ.

ފުޓްސަލް ތަރި އަޔާ. މިއަހަރުވެސް އީދުގައި ފެންނާނީ މިލަންދޫ މުބާރާތުން

މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން ބާއްވާ ފުޓްސަލް މުބާރާތް ފަށާނީ މާދަމާ ރެ އެވެ. މުބާރާތުގައި 8 ޓީމު ވާދަކުރާނެ އެވެ.

ފިތުރު އީދުގައި ރާއްޖޭގައި ކުޅޭ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފުޓްސަލް ތަރިން ޒިޔާރަތްކުރި އެއް ރަށަކީ ށ. މިލަންދޫ އެވެ. އެރަށުގައި ފުޓްސަލްގެ ފޯރި ގަދަވެފައިވާއިރު މިއަހަރުގެ މުބާރާތުގައި ޓީމުތަކުގެ ވާދަވެރިކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ކައުންސިލް ފުޓްސަލް މުބާރާތުގެ އިތުރުން އެރަށުގައި ހޭންޑްބޯލް މުބާރާތެއް ވެސް ކުރިއަށްދާނެ އެވެ. އެ މުބާރާތުގައި އެރަށުގެ ހަތަރު ޓީމު ވާދަކުރެ އެވެ. ހޭންޑްބޯލް މުބާރާތް ފަށާނީ ބުރާސްފަތި ދުވަހުގެ ރެ އެވެ.

ފުޓްސަލް ކަޕާއި ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *