ޗެމްޕިއަނުންގެ ރަށުގައި މިރޭ ވަރުގަދަ ފުޓްސަލް މުބާރާތެއް ފަށަނީ

ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަންކަން ހޯދި ބ. އޭދަފުށީގައި މިރޭ ވަރުގަދަ ފުޓްސަލް މުބާރާތެއް ފަށާނެ އެވެ.
ފުޓްބޯޅަ އާއި ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ރަށުގައި މިރޭ ފަށާނީ އޭދަފުށީ ކައުންސިލުން އިންތިޒާމުކުރާ “އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024” އެވެ.
އޭދަފުށީ ކައުންސިލުން ރަށަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތް ބާއްވަން ފެށީ މިދިޔަ އަހަރު އެވެ. ފޯރިގަދަކޮށް ފެނުނު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަފްރޯ ސްޕޯޓްސް ކްލަބެވެ.
މިއަހަރުގެ މުބާރާތުގެ ފޯރި އިތުރަށް ގަދަވެ 16 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ހުސް އެރަށުގެ ޓީމުތަކެވެ. ކޮންމެ ޓީމެއްގައި ރަށުން ބޭރުން އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ދެ އެވެ. އެހެންވެ 16 ޓީމުގައި އެރަށަށް ނިސްބަތްވާ ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ހިމެނޭނެ އެވެ.
މިރޭ މުބާރާތުގެ ތިން މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި 9:30 ގައި ބައްދަލުކުރާނީ ކީވަން އެފްސީ އާއި ނަލަ ބްރަދާސް އެވެ. ދެވަނަ މެޗުގައި އަފްރޯ ސްޕޯޓްސް ނުކުންނާނީ އެފްސީ ސަޑަންލީއާ ދެކޮޅަށެވެ. ޗެމްޕިއަން އަފްރޯގެ މެޗު ފަށާނީ 10:30 ގަ އެވެ. މިރޭ ކުޅޭ ފަހު މެޗުގައި 11:30 ގައި މުރިނގު އެފްސީ ނުކުންނާނީ ވެލާއާ ދެކޮޅަށެވެ.
މުބާރާތަށް އޭދަފުށިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ޔޫޓިއުބްނާއި ކައުންސިލް ފޭސްބުކް ޕޭޖުން ވަގުތުން ދައްކާނެ އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދި މީގެ މަހެއް ކުރިންނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އޭދަފުށިން ހޯދީ ފައިނަލުގައި ލ. ގަން 2-4 އިން ބަލިކޮށްގެންނެވެ.
މިއަހަރުގެ މުބާރާތް އޭދަފުށީގައި އިތުރަށް ފޯރިގަދަވީ ޗެމްޕިއަންކަމާ އެކު އެރަށް ފުޓްސަލްގެ އެންމެ އުހަށް އެރުމުންނެވެ. މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ވާދަކުރެ އެވެ. އަދި ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިން އެރަށުގެ އެކި ޓީމުތަކުން ފެންނާނެ އެވެ.
Advertisement


Leave a Reply