މަޝްހޫރު ކުޅުންތެރިންނާއެކު މިލަންދޫ އަށް ކުޅިވަރުގެ އީދެއް އަންނަނީ

Advertisement

މަޝްހޫރު ކުޅުންތެރިންނާއެކު މިލަންދޫ އަށް ކުޅިވަރުގެ އީދެއް އަންނަނީ

ފަހުމިނެޓް
ފުޓްސަލް މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރި ޓާޓާ އެފްސީ. މިއަހަރު އެރަށުގައި އޮތީ އާދަޔާހިލާފު ފޯރިއެއް. ފޮޓޯ: މިލަންދޫ ރެކްރިއޭޝަން ކްލަބް

ށ. މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ކުޑައީދާ ދިމާކޮށް ކުޅިވަރުގެ ދެ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އީދުގައި ބާއްވަން ތައްޔާރުވަމުން އަންނަނީ މިލަންދޫ ކައުންސިލް ފުޓްސަލް ކަޕާއި މިލަންދޫ ކައުންސިލް ހޭންބޯލް މުބާރާތެވެ.

“މި މުބާރާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވާލުން އަދި ވާދަވެރި މާހައުލެއްގައި ކުޅިވަރުގެ ހުނަރު ތަރައްގީކުރުން” މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުގެ އޮފިޝަލް ބުންޏެވެ.

ފުޓްސަލްގެ ތަރުހީބު ބޮޑު، މިއަހަރު އިތުރަށް ވާދަވެރިވާނެ

ދެ މުބާރާތުގެ ތެރެއިން ކައުންސިލް ފުޓްސަލް ކަޕަށް އާދަޔާހިލާފު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެރަށުގެ ޓީމުތަކަށް ހުޅުވާލި މުބާރާތުގައި މިއަހަރު 8 ޓީމު ވާދަކުރެ އެވެ.

ގްރޫޕް އޭގައި ހިމެނެނީ ޑީއެސްކިއު، އީގަލްސް، ލިންކް ސްޕޯޓްސް އަދި ޔަންގްސްޓާސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ޗޮލްކޯ ޔުނައިޓެޑް ސިކްސްޕެކް ސްޕޯޓްސް ކްލަބް، ތޮޅި އެފްސީ، ކަލާފާނު އެފްސީ އެވެ.

މުބާރާތް ފަށާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޑީއެސްކިއު އެވެ. އެ މެޗު ރޭގަނޑު 8:30 ގައި ފަށާއިރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.

މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓާޓާ އެފްސީ މިއަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ. އޭގެ ކުރީ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވޮލްކޯ ޔުނައިޓެޑެވެ.

ފުޓްސަލް ކޮންމެ ޓީމެއްގައި ރަށުން ބޭރު ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ލިބެ އެވެ. މިއަހަރުގެ މުބާރާތުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޓީމުތަކުގައި ވަނީ ހިމަނައިފަ އެވެ. އޭގެތެރޭގައި ހުސައިން ޝަރީފް (އޮންލީ) އާއި ސާމިން މުހައްމަދު ރަޝީދު، މުހައްމަދު އައްޒާމް، އިބްރާހީމް ރިމާހު، އިބްރާހީމް ނަދާދޫ އަދި އަޔާޒް އަހުމަދު (އަޔާ) މިއަހަރުގެ މުބާރާތުގައި ކުޅޭނެ އެވެ. އަޔާ އަކީ މިދިޔަ އަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

ދިވެހި ކުޅުންތެރިންގެ އިތުރުން، ކްލަބް މޯލްޑިވްސް ކަޕްގައި ކުރިން ކުޅުނު އީރާންގެ އަލީ ހޮދާދީ ވެސް މިއަހަރު މިލަންދޫ މުބާރާތުން ފެންނާނެ އެވެ.

ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ކުރިއަށްދާނެ އެވެ. ސެމީ ފައިނަލް ދެ މެޗު އާދީއްތަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ 8 ޓީމުގެ ތެރެއިން ހުރިހާ ޓީމެއް ވެސް ވަނީ ވަރުގަދައަށް ތައްޔާރުވެފަ އެވެ. ކައުންސިލް ރެކްރިއޭޝަން ކްލަބުން ބުނީ ފެންވަރު ރަނގަޅު ކުޅުންތެރިންނާއި ގިނަ ޓީމުތަކެއް އޮތުމުން ތައްޓާއި ހަމައަށް ކުރާ ދަތުރު ވަރަށް ފޯރިގަދަވާނެ ކަމަށެވެ.

މިދިޔަ އަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން. މިއަހަރުގެ މުބާރާތް މާ ފޯރިގަދަވާނެ. ފޮޓޯ: މިލަންދޫ ރެކްރިއޭޝަން ކްލަބް

މެދުކެނޑުމަކަށް ފަހު މިއަހަރު ހޭންޑްބޯލް މުބާރާތް

ހޭންޑްބޯލް މުބާރާތުގައި ހަތަރު ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ، ޑެޒްލިން، ރެޑް ބީޓަލްސް، ލޭޑީބަގްސް އަދި ޑްރިބްލް އެވެ. ހޭންޑްބޯލް މުބާރާތް ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. ފުރަތަމަ މެޗުގައި އެދުވަހު ހަވީރު ރެޑް ބީޓަލްސް ނުކުންނާނީ ޑެޒްލިންއާ ދެކޮޅަށެވެ. ލީގު ބުރުގެ މެޗުތައް ނިމޭނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. ހޭންޑްބޯލް ޓީމުތަކުގައި ވެސް ރަށުން ބޭރުން ދެކުޅުންތެރިން ޖެހުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ލިބޭނެ އެވެ.

ހޭންޑްބޯލް ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުގެ ހަވީރު އެވެ.

ހޭންޑްބޯލް މުބާރާތް ބާއްވަނީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ އަހަރު މުބާރާތް ބާއްވާފައި ނުވާއިރު 2022 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނަލަމަލަ ޓީމެވެ. އެފަހަރު ރަނަރަޕް ޓީމަކީ މަންޓާ އެވެ. އެ ދެޓީމުގެ ކުޅުންތެރިން މިއަހަރުގެ މުބާރާތުގައި ވެސް ފެންނާނެ އެވެ.

މިލަންދޫ އަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެވެ. ފުޓްސަލްގައި ގައުމީ ފެންވަރުގެ ބޮޑު ކާމިޔާބީއެއް ލިބިފައި ނުވިނަމަވެސް ފުޓްބޯޅައިގައި އެރަށް ވަނީ ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ވާދަކޮށްފަ އެވެ. އެގޮތުން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މުޅި ރާއްޖޭގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި މިލަންދޫ އިން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އެވެ. އެއީ ފުޓްބޯޅައިގައި އެރަށަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

މިލަންދޫގައި ބާއްވާ ފުޓްސަލް މުބާރާތާއި ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުން އެ ދެމުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދޭނެ އެވެ.

ދެ މުބާރާތުގެ މެޗުތައް ވެސް ކުޅޭނީ މިލަންދޫ ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *