ފުޓްބޯޅައިގައި ވިދާލި އޭދަފުށިން ފުޓްސަލްގެ ރަސްކަން ވެސް ހޯދައިފި

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު ރަށް ބ. އޭދަފުށިން ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަންކަމާ އެކު އެ ކުޅިވަރުގެ ރަސްކަން ހޯދައިފި އެވެ.
އޭދަފުށި ފުޓްސަލްގެ ރަސްކަމަށް އައީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލުގައި ރޭ 2-4 އިން އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން ބަލިކޮށްގެންނެވެ.
އޭދަފުށިން ގޯލްޑަން ފުޓްސަލްގެ ރަސްކަން ހޯދި މިއީ ފުރަތަމަ ފަހަރެވެ. މީގެކުރިން 2014 ވަނަ އަހަރު އެރަށުން ވަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން މާލޭގައި ބޭއްވި ހާފް އައިލެންޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެކަމަކު ގޯލްޑަން ފުޓްސަލްގެ ހައިބަތާ އެކު އެ މުބާރާތް ވެފައިވަނީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތަށެވެ.
އޭދަފުށިން ވަނީ މީގެކުރިން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އެފަހަރު ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލުގައި އޭދަފުށި ޗެމްޕިއަންކަން ހޯދީ ތިމަރަފުށި 0-1 އިން ބަލިކޮށްގެންނެވެ.
މިއަހަރުގެ މުބާރާތުގައި 129 ޓީމު ބައިވެރިވިއިރު އޭދަފުށި ޗެމްޕިއަންކަމަށް ކުރި ދަތުރުގައި ބަލިވީ ދެ މެޗުންނެވެ. އެއީ ޒޯން ލީގު ބުރުގައި ގާފަރާ ވާދަކޮށް 0-2 އިން ބަލިވި މެޗާއި ޒޯން ތިނެއްގެ ފައިނަލުގައި ގާފަރާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗެވެ.

މުބާރާތަށް ނެރުނު އޭދަފުށީ ޓީމް. އެޓީމުގައި ތަރިން ގިނަ. ފޮޓޯ: ޔުނައިޓެޑް ވީ
ރޭގެ ފައިނަލުގައި އޭދަފުށިން ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. މެޗު ފަށައިގެން ފުރަތަމަ ތިން މިނެޓު ތެރޭ އެޓީމުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭގެފަހުން ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. އޭދަފުށި ދެ ގޯލުގެ ލީޑެއް ނެގިތާ އިރުކޮޅެއް ފަހުން ގަންގެ އަބްދުﷲ ޖުނެއިދު (ޖެންނެ) ވަނީ ފަރަގު ކުޑަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި އޭދަފުށީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ގަމަށް ލިބުނު ދުރު ޕެނަލްޓީއަކުން އެޓީމުގެ އަހުމަދު ހަލީމް (އައްމަޑޭ) 2-3 އަށް ނަތީޖާ ބަދަލުކޮށްލި އެވެ. އެކަމަކު ޖެހިގެން އައި ބޯޅައިގައި އޭދަފުށީގެ ސެންޓޭ އެޓީމުގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އޭދަފުށިން ނެރުނީ ވަރުގަދަ ޓީމެކެވެ. އެޓީމުގައި އެރަށަށް ނިސްބަތްވާ ގައުމީ ފުޓްބޯޅަ ޓީމުގެ ހަތަރު ކުޅުންތެރިންނާއި އެރަށަށް ނިސްބަތްވާ ގައުމީ ފުޓްސަލް ޓީމުގެ ދެ ކުޅުންތެރިން ހިމެނުނެވެ. މުޅި މުބާރާތުގައި އެންމެ ވަރުގަދަ ސްކޮޑަކާ އެކު ނުކުތީ އެރަށުންނެވެ.
ފައިނަލް މެޗު ބެލުމަށް ދެ ރަށުގެ އެތައް ސަތޭކަ ބަޔަކު ދަނޑަށް ދިޔަ އެވެ. ފުރިފައި އޮތް ދަނޑުގައި ލިބުނު ޗެމްޕިއަންކަމާ އެކު އޭދަފުށީގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
Advertisement


Leave a Reply