ފުޓްސަލްގެ އެންމެ ބޮޑު ފައިނަލުގައި އޭދަފުއްޓާއި ގަން މިރޭ ވާދަކުރަނީ

ރާއްޖޭގެ ފުޓްސަލްގައި މިހާރު ކުޅޭ އެންމެ ބޮޑު މުބާރާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. އަހަރަކަށް ވުރެ އަހަރެއް އެ މުބާރާތުގައި ވާދަކުރާ ޓީމުތައް އިތުރުވެ މުބާރާތުގެ ވާދަވެރިކަން ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭއިރު، ފައިނަލާ ހަމައަށް އައިއިރު މުބާރާތް ފެނުނީ އެހެން އަހަރުތަކާ އަޅާބަލާއިރު މާބޮޑަށް ވެސް ވާދަވެރިކޮށެވެ.
މުބާރާތުގައި 129 ޓީމު ބައިވެރިވިއިރު، މިރެއަކީ ޗެމްޕިއަންކަން ކަނޑައަޅާ ވަރުގަދަ ފައިނަލް ކުޅޭ ރެ އެވެ. ފައިނަލުގައި ވާދަކުރަނީ ވަރުގަދަ ދެ ނަމެވެ. އެއީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމާއި، ފުޓްބޯޅަ އާއި ފުޓްސަލްގައި މަޝްހޫރު ބ. އޭދަފުއްޓެވެ. ދެ ޓީމުގެ ނަމުން ވެސް މިރޭގެ ފައިނަލުގައި ފެންނާނެ ވާދަވެރިކަން ސިފަވެ އެވެ.
މިއަހަރު އޭދަފުށިން ވަރުގަދަ ޓީމެއް، އަމާޒު ހިފީ ސީދާ ތައްޓަށް
އޭދަފުއްޓަކީ ފުޓްބޯޅައިގައި ރާއްޖޭގެ އެންމެ މަޝްހޫރު ރަށެވެ. އެރަށުގައި ހުނަރުވެރި އެތައް ކުޅުންތެރިންނެއް އެބަތިއްބެވެ. މިއަހަރުގެ މުބާރާތަށް އޭދަފުށި ތައްޔާރުވީ އެހެން އަހަރުތަކާއި ހިލާފަށެވެ. އެރަށުން މިއަހަރުގެ މުބާރާތަށް ނެރުނީ ރަށުން ހޮވާލައިގެން މިއިން ދުވަހަކުވެސް ނުނަގާ ވަރުގެ ފެންވަރު ރަނގަޅު ޓީމެކެވެ. އޭދަފުށީގެ ޓީމު ވަރުގަދަވުމުގެ އެއް ސަބަބަކީ ރާއްޖޭގެ ފުޓްބޯޅައިގެ ސީޒަން ބްރޭކުގައި ފުރަތަމަ ޑިވިޝަނުގައި ކުޅޭ އެރަށަށް ނިސްބަތްވާ ކުޅުންތެރިންވެސް މިއަހަރުގެ ޓީމުގައި ހިމެނުމެވެ.
އޭދަފުށީ ޓީމުގައި ގައުމީ ޓީމުތަކުގެ ހަ ކުޅުންތެރިން އެބަތިއްބެވެ. އެއީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ އެރަށަށް އުފަން ހަތަރު ކުޅުންތެރިންނާއި ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ އެރަށަށް އުފަން ދެ ކުޅުންތެރިންނެވެ.

މުބާރާތުގައި ވާދަކުރާ އޭދަފުށި ޓީމު. މިއަހަރުގެ މުބާރާތަށް އެރަށުން އެކުލަވާލީ ވަރުގަދަ ޓީމެއް. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް
ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނެނީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަމް ހަސަން (ބިޑި) ގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. އެރަށުގެ ގޯލްކީޕަރު އަބްދުﷲ ނާސިހު އަކީ 2022 ވަނަ އަހަރު ގައުމީ ފުޓްސަލް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އިޝާން އިބްރާހީމް (ސައްޓު) އަކީ މިހާރު ވެސް ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިއެކެވެ.
ތަރިންނާއި އެކު އޭދަފުށިން ޓީމު އެކުލަވާލީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތަށް ތައްޔާރުވާން ރަށާއި މާލޭގައި އޭދަފުށިން ޓްރަޔަލް ކުރިއަށް ގެންދިޔަ އެވެ.
ސީދާ ތައްޓަށް އަމާޒުހިފައި އެކުލަވާލި ޓީމު ފައިނަލާއި ހަމައަށް ދަތުރުކުރީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. އަތޮޅު ޗެމްޕިއަންކަން ތުޅާދޫ 2-5 އިން ބަލިކޮށް އެރަށުން ހޯދި އެވެ. ޒޯން ތިނެއްގައި ވާދަކޮށް ފައިނަލަށް ދަތުރުކުރި އެވެ. ފައިނަލުގައި ކ. ގާފަރާ ވާދަކޮށް 1-1 އިން އެއްވަރުވެ ޕެނަލްޓީގައި ބަލިވީ އެވެ.

މުބާރާތުގެ މެޗެއްގައި އޭދަފުށީގެ ސައްޓު ބޯޅަ ފޮނުވާލަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް
ގަދަ 16 އިން ފެށިގެން ފައިނަލާއި ހަމައަށް އޭދަފުށި ދަތުރުކުރި ތިން މެޗު ވެސް އެއްވަރުވެ ކާމިޔާބީ ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ގަދަ 16 ގައި މާފަންނާ ވާދަކުރި މެޗާއި ކުއާޓާ ފައިނަލުގައި ތިމަރަފުއްޓާއި ވާދަކުރި މެޗު އެއްވަރުވީ 3-3 އިންނެވެ. އަދި ސެމީ ފައިނަލުގައި ގާފަރާ ވާދަކުރި މެޗު އެއްވަރުވީ 2-2 އިންނެވެ.
ގޯލްޑަން ފުޓްސަލް ތާރީހުގައި އޭދަފުއްޓަށް އެންމެ ދުރަށް ދެވުނީ 2019 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލުގައި ތިމަރަފުއްޓާ ވާދަކޮށް 2-5 އިން ބަލިވި އެވެ. މުބާރާތުގައި އޭދަފުށި ވާދަކުރަން ފެށީ 2018 ވަނަ އަހަރު އެވެ. އެ އަހަރުގެ ސެމީ ފައިނަލުގައި މާފަންނު އަތުން ބަލިވިއިރު ތިމަރަފުއްޓާ ދެކޮޅަށް ފައިނަލުގައި ކުޅުނީ ޖެހިގެން އައި އަހަރު އެވެ. ކޮވިޑް ބްރޭކުގެ ދެ އަހަރަށް ފަހު 2022 ވަނަ އަހަރުގެ މުބާރާތާއި 2023 ވަނަ އަހަރުގެ މުބާރާތުގައި އޭދަފުށި ކެޓީ ކުއާޓާ ފައިނަލާއި ހަމައިންނެވެ.
ސެމީ ފައިނަލް މެޗަށް ފަހު އޭދަފުށީ ޓީމުގެ ތަރި ހައިޝަމް ބުނީ އޭދަފުއްޓަކީ ފުޓްބޯޅަ އަދި ފުޓްސަލްގައި ކުރިއަރާފައިވާ ރަށެއް ކަމަށާއި ޓީމުގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ގަމާ ދެކޮޅަށް ކުޅޭ ފައިނަލް ކާމިޔާބުކުރަން ކަމަށެވެ.
“އޭދަފުއްޓަކީ ފުޓްސަލް އަދި ފުޓްބޯޅައިގެ ގޮތުން ވެސް ކުރި އަރާފައި އޮތް ޓީމެއް. 2019 ގަ ތިމަރަފުށި އަތުން ބަލިވި ހަނދާންތައް މިއަހަރުގެ މުބާރާތަށް ނުކުތީ މި ތަށި ނަގަން” ހައިޝަމް ބުންޏެވެ.
ޗެމްޕިއަނުންގެ ޓެގްގައި ގަން ނުކުންނަނީ އިތުބާރާ އެކު
މުބާރާތް ފަށައިގެން ފައިނަލާއި ހަމައަށް ދަތުރުކުރުމުގެ ކުރިން ގަމުން ވަނީ އުނދަގޫ ތަޖުރިބާތަކެއް ކޮށްފަ އެވެ. ހާއްސަކޮށް އެންމެ ފަހުގެ ޗެމްޕިއަނުންގެ ޓެގާ އެކު ގަމާ ދެކޮޅަށް ކޮންމެ ޓީމެއް ވެސް ނުކުންނަނީ މަރަށް ފުރާނައަށެވެ. ގަން ކޮޅަށް ގޯލެއް ޖެހުނަސް ގަން އަތުން ޕޮއިންޓެއް ލިބުނަސް އެއީ އެރަށަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އެފެންވަރުގެ ޓީމަކަށް ގަން ވީ ހަގީގަތުގައި ވެސް މޮޅެތި ފުޓްސަލް ކުޅުންތެރިން އެރަށުގައި ތިބީމަ އެވެ.
ގަން ޓީމަކީ ރާއްޖޭގައި އޮތް ފުޓްސަލްގެ އެންމެ ވަރުގަދަ އެއް ޓީމެވެ. މިދިޔަ އަހަރުތަކުގައި ގަން ވަނީ އެކަން ސާބިތުވެސް ކޮށްދީފަ އެވެ.
ގޯލްޑަން ފުޓްސަލްގެ ތާރީހަށް ބަލާއިރު ގަން ވަނީ ދެ ފައިނަލުގައި ކުޅެ އެއް ފައިނަލް ކާމިޔާބުކޮށްފަ އެވެ. ގަން ފައިނަލުގައި ބަލިވީ ވެލި ދަނޑުގައި މުބާރާތް ކުޅުނު ދުވަސްވަރު 2018 ވަނަ އަހަރު އެވެ. އެފަހަރު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ މާފަންނު އަތުންނެވެ. ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވާދޫ ބަލިކޮށް މިދިޔަ އަހަރު އެވެ.

ޕެނަލްޓީގައި މޮޅުވުމުން ގަން ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް
މިއަހަރުގެ މުބާރާތަށް ވެސް ގަން ނުކުތީ ރާއްޖޭގެ ޗެމްޕިއަންކަމުގެ ޝަރަފް ޑިފެންޑް ކުރާށެވެ. އެ ކާމިޔާބީއަށް ދިއުމަށް އެޓީމަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެކަމަކު އެއީ ފަސޭހަ ޓެސްޓަކަށް އެޓީމަކަށް ނުވާނެ އެވެ.
މިއަހަރުގެ މުބާރާތް ފަށައިގެން ގަން ޓީމުގެ ފަރާތުން ފެނުނީ ސަޕޯޓަރުން އެންމެ އުއްމީދުކުރި ކުޅުމެއް ނޫނެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން އެޓީމަށް ލިބުނީ ފަހު ވަގުތު 2-3 އިން އިސްދޫ ބަލިކޮށްގެންނެވެ. ޒޯން ބުރުގެ ފުރަތަމަ މެޗުގައި އިސްދޫއާ ވާދަކޮށް އެއްވަރުވި އެވެ. އެހެންވެ ޒޯން ބުރުން ގަދަ 16 އަށް އެޓީމު ދަތުރުކުރީ ފަނޑުވެފައިވާ އުއްމީދަކާ އެކު އެވެ.
ޒޯން ބުރުގެ ފަހު މެޗުގައި ތިމަރަފުއްޓާ ދެކޮޅަށް ގަން ނުކުތްއިރު އެ މެޗުން ބަލިވެގެން ގަން ކެޓުމުގެ ފުރުސަތު އޮތެވެ. އެއީ އެގަޑީގައި ކުޅުނު އަނެއް މެޗުގައި އިސްދޫ އިން އޮމަދޫގެ މައްޗަށް ވަކި ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ޒޯން ފަހު މެޗުގައި ތިމަރަފުށި އަތުން ގަން ބަލިވި ނަމަވެސް ނޮކައުޓް ބުރުން ގަމަށް ފުރުސަތު ލިބުނީ އެރޭ އޮމަދޫ އަތުން އިސްދޫ ބަލިވުމުންނެވެ.
ޒޯން ލީގު ބުރުގައި ގަން ކުރި އުނދަގޫ ދަތުރަށް ފަހު އެޓީމުން އައީ ކުޅުން ރަނގަޅުކުރަމުންނެވެ. ޒޯން ފައިނަލުގައި ގަމުން ވަނީ ތިމަރަފުށި އަތުން ބަދަލުހިފައި 1-2 އިން މޮޅުވެ ޒޯން ޗެމްޕިއަންކަން ހޯދާފަ އެވެ. އޭގެފަހުން ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ނައިވާދޫއާ ކުޅެ 0-0 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މޮޅުވި އެވެ. އަދި މަތިވެރިއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗު 1-1 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދީ އެވެ. ސެމީ ފައިނަލުގެ ވާދަވެރި ކުރިމަތިލުމަށް ފަހު ގަމުން ވިލިމާލެ ބަލިކުރީ 3-5 އިންނެވެ. ގަމުން ވިލިމާލެ ފަހަތުން އަރައި ބަލިކުރީ ދެ ގޯލު ފަހަތުގައި އޮވެ އެވެ.
ގަން ޓީމުގައި ތިބީ ފުޓްސަލްގައި ނަގާކިޔާ މަޝްހޫރު ކުޅުންތެރިންނެވެ. އެޓީމުގެ ރޫހަކީ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީ އަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޮންލީގެ އިތުރުން އަހުމަދު ހަލީމް (އައްމަޑޭ) އަލީ ޝާމިސް (ތޮއްޕޭ) އަދި އަބްދުﷲ ޖުނެއިދު (ޖެންނެ) ގެ އިތުރުން ހުސައިން ނާޝިދު (ނާއްޓޯ) އަކީ ވެސް ހުނަރުވެރި ތަރިންނެވެ.

މުބާރާތުގެ މެޗެއްގެ ތެރެއިން ގަން ޓީމުގެ އައްމަޑޭ ބޯޅަ ފޮނުވާލަނީ. ފައިނަލުގައި ގަން މިރޭ ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށް. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް
މުބާރާތުގެ ފައިނަލަށް ގަން ކުރި ދަތުރު އުނދަގޫވީ އެޓީމުން ގަބޫލުކުރާ ގޮތުގައި ޗެމްޕިއަނުންގެ ޓެގާ އެކު ނުކުތުމުން ޓީމުތަކުން އެޕްރޯޗް ކުރާގޮތް ތަފާތުވީމަ އެވެ.
“އަސްލު އުނދަގޫ ވަނީ މުބާރާތް ފޯރިގަދަވެފައި ކޮންމެ ޓީމެއް ވެސް ގަން ފޭވަރިޓަށް ބަލައިގެން ޗެލެންޖިންކޮށް އަންނަނީ. އެހެންވެ އަސްލު އުނދަގޫވަނީ” ސެމީ ފައިނަލް މެޗަށް ފަހު ގަން ޓީމުގެ ނާއްޓޯ ބުންޏެވެ.
ފުޓްސަލްގައި މިރޭ ކުޅޭ ވަރުގަދަ ފައިނަލުގައި ޓީމުތަކަށް ސަޕޯޓް ކުރުމަށް ގިނަ އަދަދެއްގެ މީހުން އަންނަނީ މާލެ ޖަމާވަމުންނެވެ. ގަން ޓީމަށް ސަޕޯޓް ކުރުމަށް އެތައް ސަތޭކަ ބަޔަކު މިހާރު މާލެ އައިސްފައިވާއިރު އޭދަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ ދޮޅު މަހެއްހާ ދުވަސްތެރޭ ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖް ވެގެންދަނީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރުގެ އެއް ހަރަކާތަށެވެ. އެ މުބާރާތުގައި ރަށްތަކަށް ސަޕޯޓް ދިނުމަށް އެތައް ސަތޭކަ ބަޔަކު ކޮންމެ ރެއަކު ވެސް ދަނޑު ސަރަހައްދަށް އެއްވެ އެވެ.
މުބާރާތުގައި އޭދަފުއްޓާއި ގަން ވާދަކުރާ މެޗު ވެގެންދާނީ ފުޓްސަލްގައި ފެންނާނެ ވާދަވެރި ކުރިމަތިލުމަކަށެވެ. ފެންވަރު ރަނގަޅު ދެ ޓީމު ފައިނަލަށް ނުކުންނަނީ ތަށީގައި އަތްލުމުގެ އިތުބާރާ އެކު އެވެ.
ރެހެންދި ޓާފް ފުޓްސަލް އެކެއްގައި އޭދަފުއްޓާއި ގަން ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Advertisement


Leave a Reply