ގޯލްޑަން ފުޓްސަލްގެ ކުއާޓާ ފައިނަލް މިރޭ: ރަށްތަކުން ތިބީ ނޭވާ ހިފަހައްޓާލައިގެން އިންތިޒާރުގައި
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ވާދަވެރި ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ.
މިއަހަރުގެ މުބާރާތުގައި 129 ޓީމު ބައިވެރިވިއިރު މިހާރު ވަނީ އެންމެ މޮޅު 8 ޓީމު ކަނޑައެޅިފަ އެވެ. ކުއާޓާ ފައިނަލުގައި ހިމެނޭ ޓީމުތަކަށް ބަލާއިރު ރާއްޖޭގެ ނަން މަޝްހޫރު ރަށްތައް ހިމެނެ އެވެ. އަދި، މާލެ ސަރަހައްދުގެ ވިލިމާލެ ވެސް މިއަހަރުގެ މުބާރާތުގައި ފެންނަނީ ވަރުގަދަކޮށެވެ.
ގަން – މަތިވެރި
ލ. ގަމަކީ ގޯލްޑަން ފުޓްސަލްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިއަހަރު ވެސް އެޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކައި މެޗަކަށް ވުރެ މެޗެއްގައި ކުރިއެރުން ހޯދަމުންނެވެ. އަތޮޅު ޗެމްޕިއަންކަން އެޓީމު ހޯދީ ފައިނަލުގައި އެ އަތޮޅު އިސްދޫ 2-3 އިން ބަލިކޮށްގެންނެވެ. އޭގެފަހުން ޒޯން ބުރުގައި ވާދަކޮށް ޒޯން ފައިނަލުން އެޓީމަށް ފުރުސަތު ލިބުނީ ފަހު މެޗުންނެވެ. ހަނި ގޮތަކަށް ޒޯން ފައިނަލުން ފުރުސަތު ލިބުނަސް ފައިނަލުގައި ވަރުގަދަ ތިމަރަފުށި އަތުން 1-2 އިން މޮޅުވި އެވެ. އެ މޮޅާ އެކު މުބާރާތުގައި ކުރިއަށްދާން އެޓީމަށް އިތުބާރު ބޮޑުވި އެވެ.
ގަދަ 16 ގައި ގަން ވާދަކުރަން ޖެހުނީ ހދ. ނައިވާދޫއާ އެވެ. ނައިވާދޫ އަކީ ކުޅުންތެރިންގެ ފެންވަރާއި މުބާރާތުގެ ތާރީހަށް ބަލާއިރު ވަރުގަދަ ޓީމެކެވެ. ނައިވާދޫއާ ވާދަކޮށް 0-0 އިން އެއްވަރުވި މެޗު ގަން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުގައި ޗެމްޕިއަނެއްގެ ޕްރެޝަރު ގަން ޓީމުން ނަގަންޖެހުނުކަން ފާހަގަކުރެވުނެވެ. އެހެންނަމަވެސް އަނެއް ބުރަށް ދެވުމާ އެކު އެޓީމަށް ލިބުނީ ބޮޑު އުފަލެކެވެ. މިރޭ އެޓީމު މަތިވެރިއާ ދެކޮޅަށް ނުކުންނަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއްގެ ވަރުގަދަ އަޒުމެއްގަ އެވެ.
ގަމާ ދެކޮޅަށް ނުކުންނަ މަތިވެރިއަކީ އާދައިގެ ހިތްވަރެއް ނެރޭ ޓީމެއް ނޫނެވެ. މަތިވެރި ވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދާފަ އެވެ. ޒޯން ފައިނަލުގައި މާމިގިލި ބަލިކުރުމަށް ފަހު ގަދަ 16 ގެ މެޗުގައި ފ. ބިލެއްދޫގެ މައްޗަށް ކުރި ހޯދީ 0-2 އިންނެވެ.
މަތިވެރިއަކީ ގޯލްޑަން ފުޓްސަލް ތާރީހުގައި ކުރިއެރުން ހޯދަމުން އަންނަ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ދަނޑުމަތީގައި ދައްކާ ހިތްވަރު އެންމެން ވެސް ފާހަގަކުރެ އެވެ. އަދި، ރަށުގައި ތިބެފައި އެރަށުގެ ސަޕޯޓަރުން މެޗުތައް ބަލަން އައުމަކީ ޓީމަށް އިތުރު ހިތްވަރެއް ލިބޭ ސަބަބެކެވެ. ކޮންމެއަކަސް މަތިވެރި މިރޭ ކުއާޓާ ފައިނަލުގައި ވާދަކުރަން ޖެހެނީ ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަނުންނާ އެވެ. ގޯލްޑަން ފުޓްސަލްގައި މިރެއަށް ވުރެ ވަކި އުނދަގޫމެޗެއް މަތިވެރިއަކަށް ނުޖެހޭނެ އެވެ. އެކަމަކު އެޓީމުގެ ހިތްވަރާއި ޖޯޝު ދެގުނަކޮށް މިރޭ އެ ތައްޔާރުވަނީ ގަމަށް ސިހުން ގެނުވާށެވެ.
ހިތަދޫ – ވިލިމާލެ
މިއަހަރުގެ މުބާރާތުގައި އެންމެންގެ ލޮލުގައި އަޅައިގަތް ޓީމަކީ ހިތަދޫ އެވެ. ފުރަތަމަ ފަހަރަށް މުބާރާތުގައި ވާދަކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދުމަކީ އެޓީމަށް ބޮޑު ކާމިޔާބީއެކެވެ. އެކަމަކު ހިތަދޫ ފުޓްބޯޅައިގެ ހުނަރާއި އެޓީމު މިއަހަރު ދައްކަމުން އަންނަ ކުޅުމާ އެކު ހިތަދޫ އަކީ މުބާރާތުގެ ތައްޓަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ހިތަދޫ ޒޯން ބުރަށް ކޮލިފައިވީ އަތޮޅު ބުރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފޭދޫ ބަލިކޮށްގެންނެވެ. އޭގެފަހުން ވަރުގަދަ ޒޯނެއްގައި ވާދަކޮށް ރަނަރަޕް ވާދޫ ކަޓުވާލައިގެން ޒޯން ފައިނަލުން ޖާގަ ހޯދި އެވެ. ޒޯން ފައިނަލުގައި ފުވައްމުލަކު ދަނޑިމަގު އަތުން ހިތަދޫ ހޯދި މޮޅަކީ އެޓީމުގެ ހަގީގީ ފެންވަރު ދައްކުވައިދިން މެޗެވެ. އެންމެން ދަނޑިމަގުން ޗެމްޕިއަންކަން ހޯދާނެކަމަށް ގަބޫލުކޮށްގެން ތިއްބައި ހިތަދޫ އިން ދަނޑިމަގު ޒޯން ފައިނަލުގައި ބަލިކުރީ 1-4 ގެ ބޮޑު ނަތީޖާއަކުންނެވެ.
ބޮޑު ކާމިޔާބީއަށް ފަހު ގަދަ 16 ގެ މެޗުގައި ހިތަދޫ ވަނީ 1-2 އިން އދ. މާމިގިލި ބަލިކޮށްފަ އެވެ. ކޮންމެ ބުރެއްގައި ހޯދަމުން އަންނަ ކުރިއެރުމާ އެކު ހިތަދޫ މިހާރު އޮތީ ތަށީގެ ރޭހަށް ފައްކާވެފަ އެވެ. އެރަށުގެ ސަޕޯޓަރުންނާއި މުޅި އައްޑޫ އެދެނީ ހިތަދޫ އަށް މިރޭ ކާމިޔާބީ އެވެ. އެޓީމުން ގަބޫލުކުރާ ގޮތުގައި ވިލިމާލެ އަކީ ތަރިން ގިނަ މޮޅު ޓީމެކެވެ. އެކަމަކު ހިތަދޫގެ އަސްލު ފެންވަރުގައި ކުޅެފިނަމަ އެއީ ބަލިނުކުރެވޭނެ ޓީމެއް ކަމަކަށް އެޓީމުން ނުދެކެ އެވެ.
ހިތަދޫއާ ދެކޮޅަށް ވިލިމާލެ ނުކުންނައިރު އެޓީމުގެ ކަޅި އަމާޒުވެފައިވަނީ މުބާރާތުގެ ތައްޓަށެވެ. މާލޭގެ މާފަންނުންނާއި ހެންވޭރުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު ވިލިމާލެއަށް އަދި ފައިނަލާ ހަމައަށް ނުދެވެ އެވެ. ވިލިމާލޭގައި ތިބީ ފުޓްސަލްގެ ތަރިންނެވެ. އެހެންވެ ވިލިމާލެއަކީ މިއަހަރު ފޭވަރިޓުންގެ ޓެގު އަޅުވަން އުނދަގޫ ޓީމަކަށް ނުވެ އެވެ.
ވިލިމާލެ މުބާރާތް ފެށީ މާލޯ ސަރަހައްދުގެ ޓީމުތައް ނިސްބަތްވާ ޒޯން ބުރުންނެވެ. ޒޯން ބުރުގެ ފައިނަލުގައި ވާދަކޮށް މާފަންނު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި އެވެ. އެކަމަކު ގަދަ 16 ގެ މެޗުގައި ވަރުގަދަ ދުވާފަރާ 1-1 އިން އެއްވަރުވެ ޕެނަލްޓީގައި މޮޅު ހޯދި އެވެ. މިހާރު ވިލިމާލޭގެ އަމާޒަކީ ވަރުގަދަ ހިތަދޫގެ މައްޗަށް ކުރި ހޯދުމެވެ. ޔަގީނުންވެސް ވިލިމާލޭގައި ތިބީ ސެމީ ފައިނަލަށް ޓީމު ގެންދެވޭނެހާ މޮޅެތި ހުނަރުވެރި ކުޅުންތެރިންނެވެ.
ގާފަރު – ކުޑަހުވަދޫ
ގާފަރާއި ކުޑަހުވަދޫ އަކީ މުބާރާތުގެ ރަނގަޅު ތާރީހެއް އޮތް ދެ ރަށެވެ. މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ނުކުންނައިރު ކުޑަހުވަދޫ ވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިފަ އެވެ. ހަގީގަތުގައި އަތޮޅު ފެންވަރުގަޔާއި ޒޯން ލެވެލްގައި ކުޑަހުވަދޫ އަކީ އެ ސަރަހައްދުގެ އެއްވަނަކަން އެންމެންވެސް ގަބޫލުކުރެ އެވެ. އަތޮޅު ޗެމްޕިއަންކަން ފަސޭހައިން ހޯދިޔަސް ޒޯން ފައިނަލުގައި ކުޑަހުވަދޫ އިން ބިލެއްދޫ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު ގަދަ 16 ގެ ބުރަށް ނުކުމެ އެންމެ ރަނގަޅު ނަތީޖާ ހޯދީ ކުޑަހުވަދޫ އިންނެވެ. އެ މެޗުގައި ނ. ކެނދިކުޅޫގެ މައްޗަށް 0-4 އިން ކުޑަހުވަދޫ ކުރި ހޯދި އެވެ.
މުބާރާތުގެ ތާރީހުގައި މިދިޔަ ދެ އަހަރު ވެސް ކުޑަހުވަދޫ ސެމީގައި ވާދަކުރި އެވެ. އެޓީމުން މިއަހަރުގެ މުބާރާތަށް ނުކުތީ އެއްގިޔަރު މައްޗަށް ޖައްސާލައި ސީދާ ފައިނަލަށް އަމާޒު ހިފައިގެންނެވެ. އެކަމަކު އެހެން އަހަރުތަކާއި ހިލާފަށް ސެމީ ނުވަތަ ފައިނަލާ ހަމައަށް މިއަހަރު އެޓީމަށް އޮތީ އުނދަގޫ ދަތުރެކެވެ. އޭގެ އެއް ސަބަބަކީ މިރޭ ގަދަ 16 ގައި ވަރުގަދަ ގާފަރާ ވާދަކުރަން ޖެހުމެވެ. އެކަމަކު ރަނގަޅު ޓީމު ރޫހެއްގައި ކުޅެމުން އަންނަ ކުޑަހުވަދޫ އަށް މިރޭ ގާފަރަށް ސިހުން ގެނުވިދާނެ ފެންވަރު އެޓީމުގައި އެބަހުއްޓެވެ. އެޓީމުގެ ހުނަރާއި ތަޖުރިބާއިން ވެސް މިހާތަނަށް އެކަން ވަނީ ސާބިތުކޮށްދީފަ އެވެ.
ގާފަރަކީ މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ދެޓީމު ލިސްޓެއް ހެދިޔަސް އެ ލިސްޓުގައި ހިމެނޭނެ ޓީމެކެވެ. މިއަހަރުގެ މުބާރާތުގެ ހުރީ މެޗަކުން އެޓީމު އަންނަނީ މޮޅުވަމުންނެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ފަސޭހަކަމާ އެކު ކާށިދޫ ބަލިކޮށް ހޯދިއިރު ޒޯން ފައިނަލުގައި ވަރުގަދަކޮށް ކުޅެ އޭދަފުއްޓާ އެއްވަރުވި މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އޭގެފަހުން ގަދަ 16 ގައި އެޓީމަށް ލައްވާލީ ފަސޭހަ މެޗެއް ނޫނެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ދަނޑިމަގާ ވާދަކޮށް ގާފަރު ކުރި ހޯދީ ޕެނަލްޓީގަ އެވެ. ޒޯން ފައިނަލާއި ގަދަ 16 ގެ މެޗުގައި ޕެނަލްޓީގައި ކުރި ހޯދިއިރު ބަދަލު ގޯލްކީޕަރުގެ މޮޅެތި ޕެނަލްޓީ ސޭވްތައް ފެނުނެވެ. އަދި އެޓީމުގެ ކުޅުންތެރިންގެ ހުރި ޕެނަލްޓީ ޖެހުމުގެ މޮޅު ހުނަރު ފެނިގެންދިޔަ އެވެ.
ގާފަރުން ވަނީ 2015 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް އާއި 2022 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލްގެ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. ގޯލްޑަންގެ ފުރަތަމަ މުބާރާތުގެ ފައިނަލުގައި ބަލިވީ ބ. ހިތާދޫއާ ވާދަކޮށެވެ. އޭގެފަހުން 2022 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ތިމަރަފުށި އަތުން ބަލިވި އެވެ.
ތިމަރަފުށ – އޭދަފުށި
ތިމަރަފުއްޓާއި އޭދަފުއްޓަކީ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ދެ ރަށެވެ. ފުޓްބޯޅައިގެ މަޝްހޫރު ބަހުރުވައިން ބުނާނަމަ ފުޓްބޯޅައިގެ ބްރެޒިލް އަކީ އޭދަފުއްޓެވެ. އެކަމަކު ފުޓްސަލްގައި ބްރެޒިލްގެ މަގާމް ލިބެނީ ތިމަރަފުއްޓަށެވެ. ތިމަރަފުއްޓަކީ މުބާރާތުގެ ރަސްގެފާނުންނެވެ. މުބާރާތުގެ ތާރީހަށް ބަލާއިރު ތިން އަހަރު ޗެމްޕިއަންކަން ހޯދައި ކާމިޔާބީގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް އެރަށެވެ.
ތިމަރަފުށިން ވަނީ 2016، 2019 އަދި 2022 ގައި ގޯލްޑަން ފުޓްސަލް ޗެމްޕިއަންކަން ހޯދާފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުން އެޓީމަށް ފުރުސަތު ގެއްލުނީ ގަން އަތުން ސެމީ ފައިނަލުގައި ބަލިވުމުންނެވެ. ތިމަރަފުށި މުބާރާތުގެ ކުއާޓާ ފައިނަލަށް ކުރި ދަތުރުގައި މެޗަކަށް ފަހު މެޗެއްގައި އެޓީމުގެ ކުޅުމާއި ކުޅުންތެރިންގެ ގުޅުން ފެނުނީ ވަރުގަދަކޮށެވެ. އަތޮޅު ޗެމްޕިއަންކަން ފަސޭހައިން ހޯދިޔަސް ޒޯން ބުރުގައި އެޓީމަށް އުނދަގޫ މެޗުތަކެއް ލައްވާލި އެވެ. ހާއްސަކޮށް ޒޯން ލީގު ބުރުގައި ލ. އިސްދޫ އަތުން އެޓީމަށް ލިބުނު އުނދަގޫ މޮޅާއި ޒޯން ފައިނަލުގައި ގަން އަތުން ބަލިވި މެޗު ފާހަގަކޮށްލެވެ އެވެ. އެކަމަކު ގަދަ 16 ގެ މެޗުގައި ހއ. އުތީމާ ވާދަކޮށް މޮޅު ކުޅުމެއް ދައްކައި އެޓީމު 1-4 އިން މޮޅުވި އެވެ.
ކުއާޓާ ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ތިމަރަފުށި ނުކުންނަނީ ފުޓްބޯޅައިގައި އޭދަފުއްޓަށް ލިބިފައިވާ ވަރުގަދަ ނަމާއެކު ފުރިހަމައަށް އިހުތިރާމް ކޮށްގެންނެވެ. މުބާރާތް ތިމަރަފުށިން 2019 ވަނަ އަހަރު ކާމިޔާބުކުރީ އޭދަފުށި 2-5 އިން ބަލިކޮށްގެންނެވެ. އެކަމަކު އެ އަހަރާއި އަޅާބަލާއިރު އޭދަފުށި ޓީމު މިއަހަރު މާބޮޑަށް ވެސް ވަރުގަދަ އެވެ.
އޭދަފުއްޓަކީ ފުޓްބޯޅައިގެ އެންމެ މަޝްހޫރު ރަށެވެ. ގޯލްޑަން ފުޓްސަލްގައި ވެސް އެރަށުން އަންނަނީ ރަނގަޅު ވާދައެއް ކުރަމުންނެވެ. މިހާތަނަށް ކުޅުނު ހަތަރު މުބާރާތުގެ ތެރެއިން އެއްފަހަރު ފައިނަލުގައި އަނެއް އަހަރު ސެމީގައި އަދި އެންމެ ފަހުގެ ދެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ. އޭދަފުއްޓަކީ އަބަދުވެސް ގަދަ 8 ގައި ހިމެނޭ ޓީމެކެވެ. އެޓީމަށް މަދުވަނީ ތައްޓެކެވެ.
މިދިޔަ އަހަރުތަކުގައި އޭދަފުށިން އެކުލަވާލި ޓީމާ މިއަހަރު އެކުލަވާލި ޓީމުގައި ތަފާތުތަކެއް އެބަހުއްޓެވެ. މިއަހަރު އެރަށް ގޯލްޑަން ފުޓްސަލް އަށް ނުކުތީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ އެރަށުގެ ހަތަރު ކުޅުންތެރިން ހިމަނައިގެންނެވެ. އަނެއްކޮޅުން ފުޓްސަލް ގައުމީ ޓީމުގެ ދެ ކުޅުންތެރިން ވެސް އެޓީމުގައި ހިމެނެ އެވެ. އެހެންވެ، އޭދަފުށިން މިއަހަރު ގޯލްޑަން ފުޓްސަލްގައި ވާދަކުރާ ޓީމުން ފެންނަނީ އެއް ޓީމަކުން ފެންނާނެ އެންމެ މަޝްހޫރު ކުޅުންތެރިންނެވެ.
އޭދަފުށި ވަނީ އަތޮޅު ޗެމްޕިއަންކަން ފަސޭހަކަމާ އެކު ހޯދައި ޒޯން ފައިނަލުގައި ގާފަރު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ. ގަދަ 16 ގެ މެޗު މާފަންނާ ވާދަކޮށް 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން އޭދަފުށި މޮޅުވި އެވެ.
މިދޔަ ދެ އަހަރު ވެސް އޭދަފުށި ކުއާޓާ ފައިނަލުގައި ބަލިވީ ކުޑަހުވަދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. އެޓީމުގެ މުޅި ފޯކަސް މިވަގުތު އޮތީ މިރޭ ތިމަރަފުށި ބަލިކުރުމަށެވެ. އެޓީމުން ގަބޫލުކުރާ ގޮތުގައި ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަމާ ހަމައަށް ތިމަރަފުށި ބަލިނުކޮށް އެއްވެސް ޓީމަކަށް ނުދެވޭނެ އެވެ.
މިރޭ ފޯރިގަދަ މެޗުތައް ކުޅޭއިރު ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗު ފަށާނީ 8 ޖަހާއިރު އެވެ. ފަހު ދެ މެޗު ފަށާނީ 9:30 ގަ އެވެ.
Advertisement
Leave a Reply