ރަނަރަޕް ވާދޫ ކަޓައިފި، ޗެމްޕިއަން ގަން ގަދަ 16 އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ބުރުން މިދިޔަ އަހަރުގެ ރަނަރަޕް ގދ. ވާދޫ ކެޓިއިރު މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލ. ގަން ހަނިގޮތަކަށް ގަދަ 16 އިން ފުރުސަތު ހޯދައިފި އެވެ.
ރޭ ޒޯން ހަތެއްގެ ފަހު މެޗަށް ސ. ހިތަދޫއާ ދެކޮޅަށް ނުކުތްއިރު އެ މެޗު އެއްވަރުކޮށްލައިގެން ވެސް ޒޯން ފައިނަލާ އެކު ވާދޫ އަށް އަނެއް ބުރަށް ދެވުނީހެވެ. އެކަމަކު ހިތަދޫ އަތުން އެ މެޗުގައި ވާދޫ ވަނީ 1-4 އިން ބަލިވެފަ އެވެ.
އެ ޒޯންގެ އަނެއް މެޗުގައި ފުވައްމުލަކު ދަނޑިމަގު ވަނީ 0-5 އިން ގއ. ގެމަނަފުށި ބަލިކޮށްފަ އެވެ.
ޒޯން ހަތަކުން ފައިނަލުގެ ޖާގަ، އެއް ވަނަ ޓީމުގެ ގޮތުގައި ކަށަވަރުކުރީ ދަނޑިމަގެވެ. ހިތަދޫ އަށް ދެ ވަނަ ލިބުނުއިރު ވާދޫ ނިންމާލީ ތިން ވަނައިގަ އެވެ. ފުލަށް ދިޔައީ ކަނޑުހުޅުދޫ އާއި ގެމަނަފުއްޓެވެ.

ގަމާއި ތިމަރަފުށި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ
ވާދޫ ވަނީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލްގައި މޮޅު ކުޅުމެއް ދައްކައި ފައިނަލުގައި ވާދަކޮށްފަ އެވެ. ފައިނަލުގައި ބަލިވީ ލ. ގަން އަތުންނެވެ. އެކަމަކު މިއަހަރުގެ މުބާރާތުގައި ވާދޫ އަށް މިދިޔަ އަހަރުގެ މޮޅު ކުޅުން ތަކުރާރެއް ނުކުރެވުނެވެ.
ޒޯން ހައެއްގައި ރޭ ގަން ޒޯން ފައިނަލާ އެކު ގަދަ 16 އަށް ދަތުރުކުރީ އަނެއް މެޗުގައި އިސްދޫ އަށް އޮމަދޫ ބަލި ނުކުރެވުމުންނެވެ.
ފަހު މެޗުތަކަށް ނުކުތްއިރު ގަން މުބާރާތުން ކެޓުމުގެ ފުރުސަތު އޮތެވެ. ރޭ ގަން ވަނީ ތިމަރަފުއްޓާ ވާދަކޮށް 1-2 އިން ބަލިވެފަ އެވެ. އަނެއް މެޗުގައި އިސްދޫ ވަނީ އޮމަދޫއާ ވާދަކޮށް 2-3 އިން ބަލިވެފަ އެވެ.
އެ ޒޯނުގެ އެއް ވަނަ ޓީމަކީ ތިން މެޗުން މޮޅުވި ތިމަރަފުއްޓެވެ. ދެ ވަނަ ގަމަށް ލިބުނުއިރު ތިން ވަނަ ހޯދީ އޮމަދޫ އެވެ. ފުލަށް ދިޔައީ އިސްދޫ އެވެ.
ރޭ ޒޯން އެކެއްގައި އުތީމުން ވަނީ 2-5 އިން ދިއްދޫ ބަލިކޮށް ޒޯން ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. އެ ޒޯނުގެ އަނެއް މެޗުގައި ނައިވާދޫ އިން ވަނީ ހދ. ނޮޅިވަރަން 1-5 އިން ބަލިކޮށްފަ އެވެ.

ދުވާފަރާ ދެކޮޅަށް ކުޅުނު މެޗުގައި އަލިފުށި ޓީމުގެ ކެޕްޓަން ބޯޅަ ފޮނުވާލަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ
ނައިވާދޫ ޒޯން ފައިނަލުގައި ނުކުންނާނީ ދެ ވަނަ ހޯދި އުތީމާ ދެކޮޅަށެވެ. ހއ ގެ ޗެމްޕިއަންކަން ހޯދި ދިއްދޫ ވަނީ އުތީމު އަތުން ބަލިވުމުން މުބާރާތުން ކަޓައިފަ އެވެ. ފުލަށް ދިޔަ ނޮޅިވަރަން ވަނީ ޒޯން ތިން މެޗުން ވެސް ބަލިވެފަ އެވެ.
ޒޯން ދެއަކުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކެނދިކުޅުދޫ އާއި ދުވާފަރެވެ.
ރޭ ކެނދިކުޅުދޫ ވަނީ ފޭދޫ 6-2 އިން ބަލިކޮށްފަ އެވެ. މޮޅާ އެކު ކެނދިކުޅުދޫ ފައިނަލަށް ދަތުރުކުރީ ޒޯން ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޒޯނުގެ ފައިނަލުގެ އަނެއް ޖާގަ ކަށަވަރުކުރީ ރޭ 1-5 އިން އަލިފުށި ބަލިކުރި ދުވާފަރެވެ.
ޒޯން ދެއަކުން ކެޓީ ތިން ވަނަ ލިބުނު އަލިފުއްޓާއި ށ. ކަނޑިތީމު އަދި ށ. ފޭދޫ އެވެ.
Advertisement


Leave a Reply