ތިމަރަފުއްޓާއި ނައިވާދޫ ޒޯން ފައިނަލާ އެކު ގަދަ 16 އަށް

Advertisement

ތިމަރަފުއްޓާއި ނައިވާދޫ ޒޯން ފައިނަލާ އެކު ގަދަ 16 އަށް

ފަހުމިނެޓް
ނައިވާދޫ ފައިނަލުގެ ޖާގަ ކަށަވަރުކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޒޯން ހައެއްގެ ފައިނަލުގެ ޖާގައެއް ތ. ތިމަރަފުށި ހޯދިއިރު ޒޯން އެކެއްގެ ފައިނަލުގެ ޖާގަ ހދ. ނައިވާދޫ ހޯދައިފި އެވެ.

ތިމަރަފުއްޓާއި ނައިވާދޫ އަކީ މިދިޔަ އަހަރު ވެސް ޒޯން ޗެމްޕިއަންކަން ހޯދި ދެ ޓީމެވެ.

ރޭ ޒޯން ހައެއްގައި ތިމަރަފުށި ވަނީ ލ. އިސްދޫއާ ވާދަކޮށް 2-3 ގެ އުނދަގޫ މޮޅެއް ހޯދައިފަ އެވެ. ގަމާ ދެކޮޅަށް ކުޅެ އެއްވަރުކުރި ގޮތަށް ރޭ ވެސް އިސްދޫ އިން ވަނީ ތިމަރަފުއްޓާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށްފަ އެވެ. އެ ގްރޫޕުގައި ރޭ ގަމުން ވަނީ ތ. އޮމަދޫ 0-3 އިން ބަލިކޮށްފަ އެވެ.

ޒޯން ހައެއްގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދާފައިވާ ތިމަރަފުއްޓެވެ. ދެ ވަނައިގައި އޮތް ގަމަށް ތިން ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތީ އެއް ޕޮއިންޓް ލިބިފައިވާ އިސްދޫ އެވެ. އޮމަދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އެ ޒޯނުގެ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދަން ގަމަށް ވަނީ ޕްރެޝަރުވެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޒޯން ފަހު މެޗުގައި ޖެހޭނީ ތިމަރަފުއްޓާ ވާދަކުރާށެވެ. ފަހު މެޗުގައި އިސްދޫ އިން އޮމަދޫ ބަލިކޮށްފި ނަމަ ޒޯން ފައިނަލުގެ ޖާގައެއް އެޓީމަށް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ރޭ ތިމަރަފުށި މޮޅުވި މެޗުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ޒޯން އެކެއްގެ ފައިނަލަށް ނައިވާދޫ ދަތުރުކުރީ 1-4 އިން ދިއްދޫ ބަލިކޮށްގެންނެވެ. އެ ޒޯންގެ އަނެއް މެޗުގައި އުތީމު ވަނީ 1-3 އިން ނޮޅިވަރަން ބަލިކޮށްފަ އެވެ. ރޭގެ މެޗުން ބަލިވުމުން ނޮޅިވަރަން ވަނީ މުބާރާތުން ކަޓައިފަ އެވެ.

އެ ޒޯނުގެ ފައިނަލުގެ ދެ ވަނަ ޖާގައަށް ވާދަކުރާނީ އުތީމާއި ދިއްދޫ އެވެ. ދިއްދޫ އާއި އުތީމަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޒޯން ހަތެއްގައި ރޭ ސ. ހިތަދޫ އިން ވަނީ 3-1 އިން ކަނޑުހުޅުދޫ ބަލިކޮށްފަ އެވެ. އަނެއް މެޗުގައި ގެމަނަފުއްޓާއި ވާދަކޮށް 0-5 އިން ވާދޫ ވަނީ މޮޅުވެފަ އެވެ.

އެ ގްރޫޕުން ޒޯން ފައިނަލަށް ދަތުރުކުރީ ފުރަތަމަ ތިން މެޗުން މޮޅުވި ފުވައްމުލަކު ދަނޑިމަގެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ހިތަދޫ އާއި ވާދޫ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ޒޯން ހަތެއްގައި ވާދޫ ހޯދި މުހިއްމު މޮޅުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ޒޯން ދޭއްގައި ރޭ ކެނދިކުޅުދޫ އިން ވަނީ ފުރަތަމަ ދެ މެޗުން މޮޅުވި އަލިފުށި 1-3 އިން ބަލިކޮށްފަ އެވެ. އެ ޒޯނުގެ އަނެއް މެޗުގައި ކަނޑިތީމާއި ދުވާފަރު ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޒޯން ފައިނަލަށް ދިއުމުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އެ ޒޯނުގަ އެވެ. މިވަގުތު އެއް ވަނައިގައި އޮތް ކެނދިކުޅުދޫ އާއި އަލިފުއްޓަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކަނޑިތީމަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ދުވާފަރަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ފޭދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ގޯލްޑަން ފުޓްސަލްގައި މިރޭ ވެސް ވަރުގަދަ މެޗުތަކެއް ކުޅޭނެ އެވެ. މިރޭ ކުޅޭ މެޗުތަކަށް ފަހު ޒޯން ފަހެއް، ޒޯން އަށެއް އަދި ޒޯން ހަތަރެއްގެ ފައިނަލްގައި ވާދަކުރާ ޓީމުތައް ކަށަވަރުވާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *