ތަރިން ގިނަ އޭދަފުއްޓާއި ގާފަރު ޒޯން ފައިނަލަށް

Advertisement

ތަރިން ގިނަ އޭދަފުއްޓާއި ގާފަރު ޒޯން ފައިނަލަށް

ފަހުމިނެޓް
ކުރެންދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ފާސިރު (ވ) އާއި ސައްޓު އުފާފާޅުކުރަނީ. ފޮޓޯ: ޔުނައިޓެޑް ވީ / އޭދަފުށި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަދި ގިނަ ތަރިންތަކެއް ހިމެނޭ ބ. އޭދަފުއްޓާއި ކ. ގާފަރު ޒޯން ތިނެއްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޒޯން ތިނެއްގައި ރޭ ގާފަރުން ވަނީ 0-4 އިން ކާށިދޫ ބަލިކޮށްފަ އެވެ. އޭދަފުށި ވަނީ ކުރެންދޫއާ ވާދަކޮށް 0-3 އިން މޮޅުވެފަ އެވެ.

Advertisement

އެ ދެޓީމު ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފުރަތަމަ ދެ މެޗުން މޮޅުވެގެންނެވެ. ގާފަރުން ވަނީ ފުރަތަމަ މެޗުގައި ކުރެންދޫ 0-8 އިން ބަލިކޮށްފަ އެވެ. ޒޯން ދެ މެޗުގައި އެޓިމުން 12 ގޯލު ޖެހިއިރު ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

އޭދަފުށިން ޒޯން ފުރަތަމަ މެޗުގައި ކުރެންދޫ ބަލިކުރީ 0-3 އިންނެވެ. ދެ މެޗުގައި ހަ ގޯލު ޖެހިއިރު ޒޯން ބުރުގައި އޭދަފުށި ކޮޅަށް ވެސް އަދި ގޯލެއް ނުވަދެ އެވެ.

މުބާރާތުގައި ގާފަރާއި އޭދަފުށިން ވަނީ އަތޮޅު ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އެ ދެޓީމު ޒޯން ލީގު ބުރުގައި ވާދަކުރާ މެޗު އޮންނާނީ މާދަމާ ރެ އެވެ. ދެ ޓީމު ފައިނަލަށް ދަތުރުކޮށްފައިވާތީ އެ މެޗުގެ މުހިއްމުކަން ދެ ޓީމަށް ވެސް ކުޑަ އެވެ.

ފައިނަލުގެ ޖާގައަކާ އެކު ގާފަރާއި އޭދަފުށި ވެސް ވަނީ ގަދަ 16 އިން ފުރުސަތު ހޯދާފަ އެވެ. ދެ ޓީމު ވާދަކުރާ ޒޯން ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.

ޒޯން ފުރަތަމަ މެޗުގައި ގޯލު ޖެހުމަށް ފަހު ގާފަރު ޓީމުގެ މާއިސް (ކ) އާއި ރިމާހު އުފާފާޅުކުރަނީ. ދެ ކުޅުންތެރިންނަކީ ވެސް ފުޓްސަލްގެ ނަން މަޝްހޫރު ތަރިން. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ރޭ ކާށިދޫ ކޮޅަށް ހަތަރު ގޯލު ވެސް ޖެހީ އިބްރާހީމް ރިމާހު އެވެ. މުބާރާތުގައި ރިމާހް އަންނަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހަމުންނެވެ. ރިމާހް ވަނީ އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

ހަތަރު ގޯލާ އެކު ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ރިމާހު އެވެ.

އޭދަފުށިން ރޭ ކުރެންދޫ ބަލިކުރީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. އެޓީމުގެ ތިން ގޯލު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އާއި އަހުމަދު ޖައުޝަން އަބްދުﷲ އަދި މުހައްމަދު ފާސިރު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން އެވެ. ހައިޝަމް ވަނީ އޭދަފުށި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

ޒޯން ތިނެއްގެ ފައިނަލުގައި ގާފަރާއި އޭދަފުށި ވާދަކުރާއިރު މުބާރާތުގެ ތާރީހުގައި ދެ ރަށަކީ ވެސް ފާހަގަކޮށްލެވޭ ދެ ރަށެވެ.

ގާފަރު ވަނީ ގޯލްޑަން ފުޓްސަލްގެ ފައިނަލުގައި ދެ ފަހަރު ވާދަކޮށް ބަލިވެފަ އެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވި 2015  ވަނަ އަހަރު ގާފަރު ފައިނަލުގައި ބަލިވީ ބ. ހިތާދޫ އަތުންނެވެ. އޭގެފަހުން 2022 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހިތްދަތި ގޮތަކަށް ތ. ތިމަރަފުށި އަތުން ބަލިވީ އެވެ.

އޭދަފުށި ވަނީ 2019 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ފައިނަލުގައި ތިމަރަފުށި އަތުން ބަލިވެފަ އެވެ.

މިއަހަރުގެ މުބާރާތަށް ގާފަރާއި އޭދަފުށި ވެސް ނުކުތީ ވަރުގަދަ ޓީމެއް އެކުލަވާލައިގެންނެވެ. ދެ ޓީމުގައި ވެސް ފުޓްސަލްގެ މަޝްހޫރު ތަރިން ހިމެނެ އެވެ. އަދި، އޭދަފުށީ ޓީމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓިމުގައި ހިމެނޭ އެރަށަށް އުފަން ހަތަރު ކުޅުންތެރިން ވެސް ވަނީ ހިމަނައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *