ދަނޑިމަގު ޒޯން ފައިނަލަށް، ހިތްވަރުގަދަ އިސްދޫ އިން ގަން ހިފަހައްޓައިފި
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ހަތެއްގެ ފައިނަލުގެ ޖާގައެއް ފުވައްމުލަކު ދަނޑިމަގުން ހޯދައިފި އެވެ.
ދަނޑިމަގު ވެފައިވަނީ ޒޯން ފައިނަލާއި އެކު މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަށެވެ. މުބާރާތުގެ ގަދަ 16 އަށް ހޮވޭނީ ކޮންމެ ޒޯނަކުން ފައިނަލަށް ދާ ދެ ޓީމެވެ.
ޒޯން ހަތެއްގައި ރޭ ދަނޑިމަގު ވަނީ ސ. ހިތަދޫއާ ވާދަކޮށް 1-2 އިން މޮޅުވެފަ އެވެ.
ދަނޑިމަގު ޒޯން ފައިނަލަށް ދަތުރުކުރީ ފަސް ޓީމު ހިމެނޭ ގްރޫޕުގެ ފުރަތަމަ ތިން މެޗު ކާމިޔާބުކޮށްގެންނެވެ. ނުވަ ޕޮއިންޓާ އެކު އެ ގްރޫޕުގެ އެއް ވަނައިގައި އޮތީ ވެސް ދަނޑިމަގެވެ.
މެޗުގައި ދަނޑިމަގު ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ މޫސާ އަޒީމް ހަސަން އާއި އަބްދުﷲ ރަޝީދު އެވެ. ހިތަދޫގެ ހަމައެކަނި ގޯލު ޖެހީ ހާޒިމް ފައުޒީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ ޝަމާލް އަބްދުﷲ އެވެ.
ޒޯން ހަތެއްގައި ރޭ ވާދޫ ވަނީ ގއ. ކަނޑުހުޅުދޫއާ ވާދަކޮށް 0-6 އިން މޮޅުވެފަ އެވެ. މެޗުގައި ވާދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި މުހައްމަދު ނާއިލް އާއި އަޔާޒް އަހުމަދު (އަޔާ) އަދި މުސައްނިފް މުހައްމަދު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަޔާ އެވެ.
ރޭ ވަނީ ތ. ތިމަރަފުއްޓާއި ލ. ގަން ހިމެނޭ ޒޯން ހަތަރެއްގެ މެޗުތައް ވެސް ފަށައިފަ އެވެ.
ޒޯން ހަތަރެއްގައި ރޭ ލ. އިސްދޫ އިން ވަނީ ހިތްވަރާއި އެކު ކުޅެ ޗެމްޕިއަން ގަން ހިފަހައްޓައިފަ އެވެ. މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިސްދޫއާ ދެކޮޅަށް ގަން ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. އަތޮޅު ފައިނަލުގައި ވެސް އިސްދޫ އިން ގަމާ ރަނގަޅު ވާދައެއްކުރި އެވެ. އެ ފައިނަލުން ގަން ފަހު ވަގުތު މޮޅުވީ 2-3 އިންނެވެ.
މެޗުގައި އިސްދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ހުމޭޒު އާއި އަހުސަން ރަޝީދު އެވެ. ގަން ޓީމުގެ ދެ ގޯލު ޖެހީ އަބްދުﷲ ޖުނައިދު (ޖެންނެ) އާއި އަހުމަދު ހަލީމް (އައްމަޑޭ) އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިސްދޫ ޓީމުގެ ގޯލްކީޕަރު އަލީ ރިފާތު އެވެ.
ތިމަރަފުށި ވަނީ ޒޯން ހަތަރެއްގައި ރޭ ތ. އޮމަދޫއާ ވާދަކުރި މެޗު 0-5 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގައި ގޯލުތައް ޖެހީ އިސްމާއީލް މުނީޒް އާއި އަބްދުﷲ ޒިޔާން އަދި ސައިފާން އަހުމަދު މަނިކުގެ އިތުރުން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ތޯހިރު އެވެ. މެޗުގައި މުނީޒް ދެ ގޯލު ޖެހި އެވެ.
ޒޯން ދޭއްގައި ފުރަތަމަ މެޗުން ބަލިވި ރ. ދުވާފަރު ރޭ ވަނީ ށ. ފޭދޫއާ ވާދަކޮށް 0-8 ގެ ބޮޑު މޮޅެއް ހޯދައިފަ އެވެ. މެޗުގައި އިސްމާއީލް އީސާ (މެސީ) އާއި މުހައްމަދު އިޝާމް ހެޓްރިކް ހެދި އެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު ނޫހު އިބްރާހީމް އެވެ. ހެޓްރިކް ހެދި އިޝާމް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އެވެ.
ޒޯން ދޭއްގެ އަނެއް މެޗުގައި ރ. އަލިފުށި ރޭ ވަނީ ވާދަވެރި ކުޅުމަކަށް ފަހު ށ. ކަނޑިތީމް 4-5 އިން ބަލިކޮށްފަ އެވެ. މެޗުގައި އަލިފުށީގެ އާދަމް މަންސޫރު ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަނެއް ދެ ގޯލު ޖެހީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި އާދަމް އިމްރާން އެވެ. ކަނޑިތީމުގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ހުސައިން ނިހާލް އެވެ. އަނެއް ގޯލުތައް ޖެހީ އިސްމާއީލް ނިހާން އާއި އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ.
މުހިއްމު މޮޅާ އެކު އަލިފުށި ވަނީ ޒޯން ދޭއްގެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ފޭދޫ އަށް މިހާރު ފުރުސަތު ހަނިވެފައިވާއިރު ޒޯން ފައިނަލުގެ ޖާގައަކަށް ކަނޑތިމާއެކު ދުވާފަރު އަދި ކެނދިކުޅުދޫ އަންނަނީ ވާދަކުރަމުންނެވެ.
ޒޯން އެކެއްގައި ރޭ ހއ. އަތޮޅު ޗެމްޕިއަން ދިއްދޫ އިން ވަނީ ހދ. ނޮޅިވަރަން 5-3 އިން ބަލިކޮށްފަ އެވެ. މެޗުގައި ދިއްދޫގެ ދެ ގޯލު ޖެހީ ހައިސަމް ރަޝީދު އެވެ. އަނެއް ތިން ގޯލު ޖެހީ ފާއިގު އަހުމަދު އާއި ޒުނާން މުހައްމަދު ޒުހައިރުގެ އިތުރުން މުހައްމަދު ޝަނާއު ނަސީރު އެވެ.
ނޮޅިވަރަންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މުހައްމަދު އިކުރާމް އެވެ. އަނެއް ގޯލު ޖެހީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ޑިފެންޑަރު އަމްދާން އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިއްދޫގެ ހައިސަމް ރަޝީދު އެވެ.
ހދ. ނައިވާދޫ ރޭ ވަނީ ހއ. އުތީމު 0-3 އިން ބަލިކޮށްފަ އެވެ. މެޗުގައި ނައިވާދޫގެ ގޯލުތައް ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ވިސާމް އަދި މުހައްމަދު ޝާއިން އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝާއްޕެ އެވެ.
މުބާރާތުގައި މިރޭ ވެސް ޒޯން ބުރުގެ މެޗުތައް ކުޅޭނެ އެވެ.
Advertisement
Leave a Reply