ރޮނާލްޑޯ އާއި ކެންޓޯނާ ހިމެނޭ ލަނޑު ލިސްޓަށް ހޮއިލެންޑް

Advertisement

ރޮނާލްޑޯ އާއި ކެންޓޯނާ ހިމެނޭ ލަނޑު ލިސްޓަށް ހޮއިލެންޑް

ފަހުމިނެޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން 2-1 އިން ބަލިކުރި މެޗުގައި ފޯވާޑް ރަސްމުސް ހޮއިލެންޑް ޖެހި ދެ ގޯލާ އެކު ލެޖެންޑުން ހިމެނޭ ލަނޑު ލިސްޓުން ޖާގައެއް އޭނާ ހޯދައިފި އެވެ.

ލީގުގައި ހޮއިލެންޑް މިހާރު ވަނީ ޖެހިޖެހިގެން ހަ މެޗުގައި ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑްގެ ތާރީހުގައި ޖެހިޖެހިގެން ލީގު ހަ މެޗުގައި ގޯލު ޖެހުމުގެ ރެކޯޑް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކުރީގެ މަޝްހޫރު ފޯވާޑް ނެދަލެންޑްސްގެ ރޫޑް ވަން ނިސްޓެލްރޫއީ އަދި ނުފޫޒު ގަދަ ކެޕްޓަން އެރިކް ކެންޓޯނާ އަތުގަ އެވެ.

Advertisement

އިޓަލީގެ އެޓަލާންޓާ އިން ޑެންމާކްގެ ފޯވާޑް ހޮއިލެންޑް، 21، ޔުނައިޓެޑަށް ބަދަލުވީ މި ސީޒަނުގަ އެވެ. ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ލީގު ފުރަތަމަ ކޮޅު ގޯލު ޖަހަން ހޮއިލެންޑަށް އުނދަގޫވި އެވެ.

ފޯމަށް އެޅި މި ސީޒަނުގައި ލީގުގައި ހޮއިލެންޑް މިހާރު ވަނީ ލީގު 20 މެޗުގައި ހަތް ގޯލު ޖަހައިފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޖެހި ފަސް ގޯލާ އެކު ސީޒަނުގައި ހޮއިލެންޑް ޖެހި ޖުމްލަ ގޯލުގެ އަދަދަކީ 12 އެވެ.

ރޭގެ ގޯލުތަކާ އެކު ހޮއިލެންޑް ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ހަ މެޗުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ކުރިން އެ ރެކޯޑް އޮތީ 21 އަހަރުގައި ޖެހިޖެހިގެން ހަ ލީގު މެޗުގައި ގޯލު ޖެހި ނިއުކާސަލްގެ ޖޯ ވިލޮކް އަތުގަ އެވެ.

ރޭގެ މެޗުގައި ހޮއިލެންޑް ފުރަތަމަ ގޯލު ޖެހީ 37 ވަނަ ސިކުންތުގަ އެވެ. އެއީ ޕްރިމިއާ ލީގުގެ ތާރީހުގައި ޔުނައިޓެޑް ރަށުން ބޭރުގައި ޖެހި އެންމެ އަވަސް ލީގު ގޯލެވެ. ހޮއިލެންޑް ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ ހަތް ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.

ދެ ގޯލުގެ ލީޑެއްގައި ޔުނައިޓެޑް އޮއްވައި ލޫޓަންގެ ކާލްޓަން މޮރިސް ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ ބާކީ ބައިގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

މޮޅާ އެކު ޔުނައިޓެޑް އޮތީ 44 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ޔުނައިޓެޑްގެ މަތިން ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 47 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތީ 49 ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާ އެވެ.

ލީގުގައި ރޭ ބްރައިޓަން ވަނީ ރަށުން ބޭރުގައި 5-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ބްރައިޓަން ހަތް ވަނައިގައި އޮތީ 38 ޕޮއިންޓާ އެކު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *