ސެމީގައި ސިފައިން ލަދުގަންނަވާލާ ދަ ގޭންގް ފައިނަލަށް
އެފް.އޭ.އެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި 0-4 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކްލަބު ލަދުގަންނަވާލާ، ދަ ގްރޭންޑޭ އަމިގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ދަ ގޭންގު) ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު ފަށައިގެން ގިނަ ހަމަލާތަކެއް ދަ ގޭންގުގެ ފަރާތުން ފެނިގެންދިއައެވެ. އެގޮތުން އެޓީމުގެ އަހުމަދު ހަލީމު (އައްމަޑޭ) އަދި ޒާހިދު އިބުރާހިމް ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒާހިދު އިބުރާހީމް ޖެހި ހިތްގައިމު ގޯލުން އެޓީމު ލީޑު ނެގިއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 އިން ދަ ގޭންގު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައިވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދީ ދަ ގޭންގުންނެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުގެ އަހުމަދު އަޖުވަދު (އަޖޭ) ޖަހައިދިން މޮޅު ގޯލަކުން ލީޑު ފުޅާކުރިއެވެ. އަދި އޭގެ 8 މިނެޓު ފަހުން އަހުމަދު ހަލީމް (އައްމަޑޭ) ނެގި ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓީމުގެ އިބްރާހީމް އަބްދުﷲ (އިއްބެ) މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކޮށްލިއެވެ. ދަ ގޭންގުގެ ފަހުގޯލް މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީ މިލަނޑު ކާމިޔާބުކުރީ ހާފުގެ މެދާހަމައިން ދިވެހި ސިފައިންގެ ކްލަބުގެ ގޯލްކީޕަރު މުޙައްމަދު ޝިފާންގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލައިގެންނެވެ.
މެޗަށް ފަހު ދަ ގޭންގުގެ ކޯޗު ފަރީދު މުހައްމަދު ބުނީ، މިއީ ކްލަބުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތްކަމަށާއި، ކުޅުންތެރިން ދެއްކި ކުޅުމަށާއި، ކުރި ހިތްވަރަށް ސާބަސް ރައްދުކުރާކަމަށާއި، މެނޭޖްމަންޓާއި ކުޅުންތެރިންގެ ވިސްނުންވެސް މިހާރު ހުރީ ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންކަން ހޯދުމަށެވެ.
ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ޖޭޖޭ ސްޕޯޓްސްއާއި ކްލަބު ޕީކޭއެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ހަވީރު 4:00 ގައެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް މިއަންނަ އަހަރު މާލޭ ލީގުން ފުރުޞަތު ލިބޭނެއެވެ.
Advertisement
Leave a Reply