މަސް އޮޑިން މިޝަން ކާމިޔާބުކޮށް ތަށި ވެސް ހޯދައިފި

އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގައަކާ އެކު އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރި މަސް އޮޑި ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލުގައި މިއަދު ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށް ތަށި ވެސް ކާމިޔާބުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލްގައި ވިކްޓްރީއާ ވާދަކޮށް މަސް އޮޑި މޮޅުވީ 2-3 އިންނެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން މަސް އޮޑި ހޯދީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންނެވެ.
މަސް އޮޑި ދެ ވަނަ ޑިވިޝަނުގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. އެޓީމަށް ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބުނީ އެންމެ ފަހުން ކުޅުނު ތިން ވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.
ބިދޭސީ އަދި ހުނަރުވެރި ދިވެހި ކުޅުންތެރިންނާއި އެކު މަސް އޮޑިން ދެ ވަނަ ޑިވިޝަނަށް ނެރުނީ ވަރުގަދަ ޓީމެކެވެ. އެޓީމަށް ކާމިޔާބީ ހޯދައިދިނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.
މިއަދުގެ ފައިނަލުގެ ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ޖެހީ މަސް އޮޑި ޓީމުގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މަސް އޮޑީގެ ދެ ވަނަ ގޯލު 27 ވަނަ މިނެޓުގައި ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ޝަރީފް (މުޑާ) އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓްރީ އިން ވަނީ ފަރަގު ކުށްކޮށްފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ނިޔާޒު މުހައްމަދު (ބޮކުރީ) އެވެ. މެޗު ނިމެން ގާތްގަނޑަކަށް 10 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ވިކްޓްރީ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ގޯލު ޖެހީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އެވެ.
މެޗު އެއްވަރުވާން ދަނިކޮށް މަސް އޮޑި އަށް ތަށި ޔަގީންކޮށްދިން ލަނޑު އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ޖެހީ އޮޑިލީ ޗިޑީ ފިލިކްސް އެވެ. އެ ގޯލަށް ފަހު މަސް އޮޑި ޓީމާއި މެނޭޖްމަންޓް އަދި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް މަސް އޮޑީ ދަތުރުކުރީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. ސެމީ ފައިނަލުގައި މަސް އޮޑި ވަނީ ޓެންޓް ސްޕޯޓްސް ކްލަބް 1-5 އިން ބަލިކޮށްފަ އެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ސެމީގައި ބަލިވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ހަތް ލަނޑާ އެކު ރަން ބޫޓު ކަށަވަރުކުރީ ނިއުގެ ފޯވާޑް ކޯފީ އޮވޫސޫ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަސް އޮޑި ޓީމުގައި މޮޅު ކުޅުމެއް ދެއްކި އިސްލާމް ފިކުރީ އެވެ.
Advertisement


Leave a Reply