އައްޒާމް ނުހުއްޓުވުނު، ކެނދިކުޅުދޫ އިން ދުވާފަރު ބަލިކޮށްފި

Advertisement

އައްޒާމް ނުހުއްޓުވުނު، ކެނދިކުޅުދޫ އިން ދުވާފަރު ބަލިކޮށްފި

ފަހުމިނެޓް
ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު އައްޒާމް އުފާފާޅުކުރަނީ. މުބާރާތުގައި އައްޒާމް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން. ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ބުރުގައި ރޭ ކެނދިކުޅުދޫގެ ޓީމުގެ މުހައްމަދު އައްޒާމް ދެކި ތަފާތު މޮޅު ކުޅުމާ އެކު އެޓީމުން 0-3 އިން ވަރުގަދަ ދުވާފަރު ބަލިކޮށްފި އެވެ.

ޒޯން ދޭއްގައި ހިމެނެނީ ނ. ރ. އަދި ށ އަތޮޅުގެ ޓީމުތަކެވެ. ކެނދިކުޅުދޫ އިން ނ. އަތޮޅު ޗެމްޕިއަންކަން ހޯދިއިރު ދުވާފަރަކީ ރ. އަތޮޅު ޗެމްޕިއަނުންނެވެ.

Advertisement

ރޭގެ މެޗުގައި އައްޒާމް ވަނީ ދުވާފަރާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި މޮޅު ދެ ގޯލު ޖަހައިފަ އެވެ. ކެނދިކުޅުދޫގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހަސަން ނިފްރާހް އެވެ.

އައްޒާމް ވަނީ އަތޮޅު ބުރުގައި ވެސް މޮޅު ކުޅުމެއް ދައްކައި އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ކެނދިކުޅުދޫ އަތޮޅު ފައިނަލަށް ގެންދިޔަ މެޗުގައި ހޮޅުދޫ ކޮޅަށް މޮޅުވި ގޯލު ޖަހައި ފައިނަލުގައި މާފަރު 1-3 އިން ބަލިކުރިއިރު އައްޒާމް ދެ ގޯލު ޖެހި އެވެ.

ހިތަދޫ އިން ގެމެނަފުށި ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް.އެމްވީ

ކެނދިކުޅުދޫ އަތުން ބަލިވުމާ އެކު ޒޯން ފައިނަލަށް ދިއުމަށް ދުވާފަރު ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފަ އެވެ.

ޒޯން ދޭއްގައި ރޭ ށ. ފޭދޫ އާއި ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފޭދޫ ޓީމުގެ ގޯލްކީޕަރު އަހުމަދު ނިޒާހު އެވެ.

ދަނޑިމަގު ޓީމުގެ ޝަމާލް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ރޭ އެންމެ ފަހުން ކުޅުނީ ޒޯން ހަތެއްގެ ދެ މެޗެވެ. އެ ޒޯނުގައި ހިމެނޭ ފުވައްމުލަކު ދަނޑިމަގު ޓީމުން ވަނީ، ގއ. އަތޮޅު ޗެމްޕިއަންކަން ހޯދި ކަނޑުހުޅުދޫ 1-6 އިން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަނޑިމަގު ޓީމުގެ އަލީ ޝަމާލް އަބްދުﷲ އެވެ.

އެ ޒޯނުގެ އަނެއް މެޗުގައި އައްޑޫގެ ޗެމްޕިއަން ސ. ހިތަދޫ ވަނީ 0-2 އިން ގއ. ގެމަނަފުށި ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހިތަދޫ ޓީމުގެ ހާޒިމް ފައުޒީ އެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *