ނިއު ބަލިކޮށް ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް

Advertisement

ނިއު ބަލިކޮށް ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް

ފަހުމިނެޓް
ވިކްޓްރީގެ ފުރަތަމަ ގޯލު ޖެހި ފައިސަލް އުފާފާޅުކުރަނީ. ފޮޓޯ: ފަހުމިނެޓް

ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ވާދަވެރި ނިއު ރޭޑިއަންޓް 0-2 އިން ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުގެ ޖާގައަކާ އެކު އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ޒަމާންވީ ދެ ކްލަބުގެ މެޗުން ވިކްޓްރީ ކުރި ހޯދުމާ އެކު ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ނިއު އަށް އިތުރު އިންތިޒާރެއް ކުރަންވަނީ ޖެހިފަ އެވެ.

Advertisement

މާލީ މައްސަލަތަކާއި ހެދި އަޑިއަޅާލައި ދެ ޓީމަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ގެއްލުމަށް ފަހު، މިދިޔަ އަހަރު ދެ ޓީމު ވެސް ފުރަތަމަ ޑިވިޝަނަށް އެރޭތޯ މަސައްކަތްކުރި އެވެ. އެކަމަކު ދެ ވަނަ ޑިވިޝަނުގެ ފައިނަލާ ހަމައަށް ނުދެވުމުން ދެ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ގެއްލުނެވެ.

މިއަހަރު އަލުން ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ހޯދުމަށް ނިއު އާއި ވިކްޓްރީ އިން ވެސް ދުރާލާ ތައްޔާރުވި އެވެ. ދެ ޓީމުން ވެސް ދެ ވަނަ ޑިވިޝަނަށް ނުކުތީ ތަޖުރިބާކާރު ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ޓީމުގައި ހިމަނައިގެންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ވިކްޓްރީ ލީޑުގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި ވިކްޓްރީ އިން ބޮޑަށް މަސައްކަތްކުރީ ލީޑު ހިފަހައްޓައި ލިބޭ ފުރުސަތުގެ ބޭނުން ހިފާށެވެ. އެ ހާފުގައި ވެސް އިތުރު ގޯލެއް ޖަހައި އެޓީމުން އިތުބާރު ބޮޑުކުރި އެވެ.

މެޗުގައި ނިއު އަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވި އެވެ. އެކަމަކު ޖުމްލަކޮށް ވިކްޓްރީ ފެނުނީ ރޭވުންތެރިކަމާ އެކު ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ހިފެހެއްޓިތަނެވެ.

ވިކްޓްރީއާ އެކު އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދީ މަސް އޮޑި ސްޕޯޓްސް ކްލަބެވެ. އެޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ އިއްޔެ ކުޅުނު ސެމީ ފައިނަލްގައި ޓެންޓް ސްޕޯޓްސް 1-5 އިން ބަލިކޮށްގެންނެވެ.

މަސް އޮޑި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް އެވީ އަލަށެވެ.

ވިކްޓްރީ އާއި މަސް އޮޑި ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *