ފޯޑެން ހެޓްރިކް ހަދައި ސިޓި ދެ ވަނަ އަށް އުފުލާލައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފިލް ފޯޑެންގެ ހެޓްރިކާ އެކު ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
މޮޅާ އެކު ސިޓީ ދެ ވަނައިގައި އޮތީ 22 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އާސެނަލަށް ވެސް ވަނީ އެވަރަށް ޕޮއިންޓް ލިބިފަ އެވެ. ސިޓީ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތީ 23 މެޗުން 51 ޕޮއިންޓް ލިބިފައިވާ ލިވަޕޫލް އެވެ.
ރޭގެ މެޗަށް ސިޓީ އިން ނެރުނު ފުރަތަމަ އެގާރައިގައި ކެވިން ޑި ބްރޭނާ އާއި އާލިން ބްރައުޓް ހާލަންޑް ވަނީ ހިމަނައިފަ އެވެ. އެ ދެކުޅުންތެރިން ލީގުގެ ފުރަތަމަ އެގާރައިގައި އެންމެ ފަހުން ހިމެނުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އަނިޔާގެ ސަބަބުން މިދިޔަ މުއްދަތުގައި ގިނަ މެޗުތަކެއް ދެކުޅުންތެރިންނަށް ވެސް ގެއްލުނެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ބްރެންޓްފޯޑުންނެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ނީލް މައުޕޭ އެވެ.
ސިޓީގެ ފުރަތަމަ ގޯލު ފޯޑެން ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އޭގެފަހުން ދެ ވަނަ ހާފުގައި ފޯޑެން ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކުރީ 53 ވަނަ މިނެޓާއި 70 ވަނަ މިނެޓުގަ އެވެ.
ފޯޑެންގެ ހެޓްރިކަކީ ލީގުގައި އޭނާ ހެދި ދެ ވަނަ ހެޓްރިކެވެ. މީގެކުރިން ފޯޑެން ހެޓްރިކް ހެދީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
Advertisement
Leave a Reply