މަސް އޮޑި ސެމީ އަށް، އަމާޒް ޔަގީންކުރަން ދެން އޮތީ އެންމެ ފިޔަވަޅެއް

Advertisement

މަސް އޮޑި ސެމީ އަށް، އަމާޒް ޔަގީންކުރަން ދެން އޮތީ އެންމެ ފިޔަވަޅެއް

ފަހުމިނެޓް
މުބާރާތުގައި ވާދަކުރާ މަސް އޮޑި ޓީމް. ފޮޓޯ: މަސް އޮޑި ސްޕޯޓްސް ކްލަބް

މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު 0-5 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް މަސް އޮޑި ސްޕޯޓްސް ކްލަބް ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ކުއާޓާ ފައިނަލުގެ ބޮޑު މޮޅާ އެކު އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދަން މަސް އޮޑި އަށް ބާކީ ބޭނުންވަނީ އެންމެ މޮޅެކެވެ. ސެމީގައި މަސް އޮޑި ވާދަކުރާނީ ޓެންޓް ސްޕޯޓްސް ކްލަބާއި ލެގޫންސް ސްޕޯޓްސް ކްލަބާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. އެކަމަކު ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ހަތަރު ގޯލު ޖެހި އެވެ.

މެޗުގައި މަސް އޮޑީގެ ފުރަތަމަ ގޯލު 52 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ރާހިލް ރަޝީދު އެވެ. އޭގެ ދެ މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އަލް ސައީދު އެވެ. މުޅި މެޗު ޑޮމިނޭޓްކުރި މަސް އޮޑީގެ ތިން ވަނަ ގޯލު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ޝާމިސް (ތޮއްޕޭ) އެވެ.

ތޮއްޕޭގެ އެހީގައި 74 ވަނަ މިނެޓުގައި މަސް އޮޑީގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. މަސް އޮޑީގެ ފަހު ގޯލު ލިބުނު ޕެނަލްޓީއަކުން އިތުރު ވަގުތުގައި ޖެހީ ބިދޭސީ ކުޅުންތެރިޔާ އިސްމާއީލް ފިކުރީ އެވެ.

މަސް އޮޑި ސެމީ ފައިނަލާ ހަމައަށް ދަތުރުކުރީ ހުރިހާ މެޗަކުން މޮޅުވެ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުގެ ތެރެއިން މަހިބަދޫ ސްޕޯޓްސް ކްލަބާއި އެލްޓީ ސްޕޯޓްސް ކްލަބް އަތުން މަސް އޮޑި މޮޅުވީ 0-4 އިންނެވެ. އޭގެފަހުން ޖޭޖޭ ސްޕޯޓްސް ކްލަބާ ވާދަކޮށް 0-6 އިން މޮޅުވި އެވެ. ގްރޫޕުގެ އެއް ވަނަ ކަށަވަރު ކުރީ ކުޑަ ހެންވޭރު ޔުނައިޓެޑް 0-1 އިން ބަލިކޮށްގެންނެވެ.

މިއަހަރުގެ މުބާރާތަށް މަސް އޮޑި ނުކުތީ ވަރުގަދަ ޓީމެއް އެކުލަވާލައިގެންނެވެ. އެޓީމުގެ ކޯޗަކީ ފުރަތަމަ ޑިވިޝަނުގައި ތަޖުރިބާ ބޮޑު މުހައްމަދު އާތިފް (އާތީ) އެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ލިބިއްޖެ ނަމަ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ފަހަރަށް މަސް އޮޑި ފެންނާނެ އެވެ.

ދެ ވަނަ ޑިވިޝަނުގައި މާދަމާ ހަވީރު ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ އެވެ. އަނެއް ދުވަހު ވިކްޓްރީ އާއި ކުޑަ ހެންވޭރު ވާދަކުރާއިރު ލެގޫންސް އާއި ޓެންޓް ވާދަކުރާ ކުއާޓާގެ ފަހު މެޗު އޮންނާނީ ބުރާސްފަތި ދުވަހު އެވެ.

ގަލޮޅު ދަނޑުގައި ކުއާޓާ ފައިނަލުގެ ހުރިހާ މެޗެއް ވެސް ފަށަނީ ހަވީރު 3:50 ގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ފެބްރުވަރީ 11 އަދި 12 ވަނަ ދުވަހު އެވެ. ފައިނަލް ކުޅޭނީ ފެބްރުވަރީ 16 ވާ ހުކުރު ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *