މެސީ ނުކުޅުމުން ލާރިކޮޅު އަނބުރާ ދޭން ސަޕޯޓަރުން ގޮވައިފި
އެމެރިކާ ފުޓްބޯޅައިގެ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންޓަ މަޔާމީ އިން މިހާރު ކުރިއަށްގެންދާ ޕްރީ ސީޒަން ޓުއާގައި އިއްޔެ ހޮންގް ކޮންގް ގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ލިއޮނެލް މެސީ ނުކުޅުމުން ސަޕޯޓަރުން ރުޅިގަދަވެ، މެޗުގެ ޓިކެޓަށް ހޭދަވި ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ހޮންގް ކޮންގް އިން ހޮވާލި ތަރިން ހިމެނޭ ޓީމާ ދެކޮޅަށް ކުޅެ މެސީގެ އިންޓަ މަޔާމީ ވަނީ 1-4 އިން މޮޅުވެފަ އެވެ. އެކަމަކު މެޗުގެ އެއްވެސް ހިސާބަކުން މެސީ ފެނިފައެއްނުވެ އެވެ. މެޗު ނިމެންދެން މެސީ ބެންޗުގައި އިނުމުން ދަނޑަށް ވަދެ ތިބި ސަޕޯޓަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ.
މެޗު ބެލުމަށް ގާތްގަނޑަކަށް 40000 ސަޕޯޓަރުން ދަނޑަށް ވަނެވެ. ޓިކެޓެއްގެ އާއްމު ރޭޓް އުޅުނީ 127 ޑޮލަރުގަ އެވެ. ބޮޑު އަގުގައި ސަޕޯޓަރުން ދަނޑަށް ވަނީ މެޗުގައި މެސީ ކުޅޭނެ ކަމަށް ބުނެ އިސްތިހާރު ކުރުމުންނެވެ.
މެސީ ކުޅެން ނޭރުވުމުން ދެ ވަނަ ހާފުގައި ބައެއް ސަޕޯޓަރުން ވަނީ ޓިކެޓްގެ ރީފަންޑް ދިނުމަށް ގޮވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
މެޗުގައި މެސީ ނުކުޅުމުން އެކަމުގެ ޒިންމާ މެޗު އިންތިޒާމުކުރި ޓެޓްލާ އޭޝިއާ އިން ނަގަން ޖެހޭނެކަމަށް ހޮންގް ކޮންގް ސަރުކާރުން ވަނީ ބުނެފަ އެވެ.
“މެޗުގައި މެސީ ނުކުޅުމުން މެޗު އިންތިޒާމުކުރި ފަރާތާ މެދު ސަރުކާރާއި ސަޕޯޓަރުން ތިބީ ހިތްހަމަ ނުޖެހިފަ. މެސީ ނުކުޅުނު ސަބަބު މެޗު އިންތިޒާމުކުރި ފަރާތުން ހާމަކުރަންޖެހޭ” ހޮންގް ކޮންގް ސަރުކާރުގެ ސްޕޯޓްސް އިވެންޓް ކޮމިޓީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ހޮންގް ކޮންގް ސަރުކާރުން ބުނީ މެޗު އިސްތިހާރު ކުރިއިރު މެސީ ނުކުޅޭނެކަން އަންގާފައި ނުވާ ކަމަށެވެ.
މެސީގެ އިތުރުން ދާދިފަހުން އިންޓަ މަޔާމީ އަށް ބަދަލުވި ލުއިޒް ސުއަރޭޒް ވެސް އަނިޔާގެ ސަބަބުން އެ މެޗުގައި ކުޅެފައެއްނުވެ އެވެ.
އިންޓަ މަޔާމީގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނީ މެސީ މެޗުގައި ނުކުޅެން ނިންމީ އަނިޔާގެ ސަބަބުން މެޑިކަލް ސްޓާފުންގެ ލަފާ ހޯދުމަށް ފަހު ކަމަށެވެ.
“މެސީ އާއި ސުއަރޭޒް ނުކުޅުނީމަ ސަޕޯޓަރުން ނުތަނަވަސް ވާނެ ވަރު އެނގޭ. އެކަމަށް މާފަށް އެދެން. މެސީ ނުކުޅުވަން ނިންމީ މެޑިކަލް ސްޓާފުންގެ ލަފަޔާ އެކު. ކުޅުވޭނެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް އެކަން ކުރާނަން. އެކަމަކު ބޮޑު ރިސްކެއްގަ މެސީ އެރުވެން ނެތީ” ކޯޗު ބުންޏެވެ.
މެޗަށް ފަހު އިންޓަ މަޔާމީގެ އެއް ހިއްސާދާރު، ޑޭވިޑް ބެކަމް ވަނީ ސަޕޯޓަރުން ދިން ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ. އެކަމަކު އެވަގުތު ވެސް ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ މެސީ ނުކުޅުވީ އޮޅުވާލުމެއްގެ ތެރޭގައި ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
Advertisement
Leave a Reply