ގޯލްޑަން ފުޓްސަލް: ކަނޑިތީމް، މަތިވެރި އަދި މަހިބަދޫ އަތޮޅު ޗެމްޕިއަންކަން ހޯދައިފި

Advertisement

ގޯލްޑަން ފުޓްސަލް: ކަނޑިތީމް، މަތިވެރި އަދި މަހިބަދޫ އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ފަހުމިނެޓް
އދ. އަތޮޅު ޗެމްޕިއަންކަން ހޯދި މަހިބަދޫ އިން ތަށި އުފުލާލަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން ށ. ކަނޑިތީމާއި އއ. މަތިވެރި އަދި އދ. މަހިބަދޫ އިން ހޯދައިފި އެވެ.

ރޭ ކުޅުނު އަތޮޅު ފައިނަލްތަކުގެ ތެރެއިން ކަނޑިތީމް ޗެމްޕިއަންކަން ހޯދީ ށ. ފޭދޫ ބަލިކޮށްގެންނެވެ. އެ ދެޓީމު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ކަނޑިތީމް ކުރި ހޯދީ 3-5 އިންނެވެ.

ށ. އަތޮޅު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަނޑިތީމް ޓީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ.

ށ. އަތޮޅު ޗެމްޕިއަންކަން ހޯދި ކަނޑިތީމުން ތަށި އުފުލާލަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

އއ. އަތޮޅު ފައިނަލުގައި ބޮޑުފޮޅުދޫއާ ވާދަކޮށް މަތިވެރި މެޗު ކާމިޔާބުކުރީ 5-2 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަތިވެރި ޓީމުގެ އަލީ އަލްސަން އެވެ. އެ އަތޮޅުން އެންމެ ގިނަ ގޯލު ޖެހީ ބޮޑުފޮޅުދޫ ޓީމުގެ މުހައްމަދު ޝިރުހާން އެވެ.

އދ. އަތޮޅު ޗެމްޕިއަންކަން މަހިބަދޫ ހޯދީ ފައިނަލުގައި 2-0 އިން މާމިގިލި ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަހިބަދޫގެ އިބްރާހީމް އުސާމާ ހަސަން މަޖީދު އެވެ.

އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އދ. ދަނގެތި ޓީމުގެ އަހުމަދު ސުދައިސް އަލީ އެވެ. އދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ.

އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވަރެިން އުފުލާލަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބ. އަތޮޅު ބުރުގައި ތުޅާދޫ ވަނީ 2-6 އިން ކެންދޫ ބަލިކޮށްފަ އެވެ. ކެންދޫ ބަލިވުމާ އެކު އެ އަތޮޅު ފައިނަލުގެ ޖާގަ ތުޅާދޫ އާއި އޭދަފުއްޓަށް ވަނީ ކަށަވަރުވެފަ އެވެ.

ޅ. އަތޮޅު ބުރުގައި ނައިފަރާއި އޮޅުވެލިފުށި ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެ އަތޮޅުގެ އަނެއް މެޗުގައި ހިންނަވަރާއި ކުރެންދޫގެ މެޗު ނިމުނީ 1-1 އިންނެވެ.

އައްޑޫ ސިޓީގެ ހިތަދޫ ވަނީ މަރަދޫފޭދޫއާ ވާދަކޮށް 2-3 އިން ބަލިވެފަ އެވެ. އަނެއް މެޗުގައި ފޭދޫއާ ވާދަކޮށް މަރަދޫ ވަނީ 1-2 އިން މޮޅުވެފަ އެވެ.

އައްޑޫގެ ގްރޫޕް މެޗުތައް ނިމުނުއިރު ހަތަރު ޓީމަށް ވެސް ޕޮއިންޓް ލިބުނީ ހަމަހަމަކޮށެވެ. ކޮންމެ ޓީމަކަށް ހަތަރު ޕޮއިންޓް ލިބުނުއިރު ޖެހި ގޯލުގެ ތަފާތުން މޮޅުވެ ފައިނަލުގެ ޖާގަ ހޯދީ ހިތަދޫ އާއި ފޭދޫ އެވެ.

މުބާރާތުގައި މިއަދު 8 މެޗު ކުޅޭނެ އެވެ. ހަވީރު ކ. އަތޮޅުގެ މެޗުތައް ކުޅޭއިރު ރޭގަނޑު ކުޅޭނީ މ. އަތޮޅުގެ މެޗުތަކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *