ޖަޕާން ކަޓައި ސެމީގައި އީރާނާއި ގަތަރުގެ ކުރިމަތިލުމެއް

އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި އިއްޔެ އީރާން އަތުން ބަލިވެ ޖަޕާން މުބާރާތުން ކެޓިއިރު މުބާރާތް ބާއްވާ ގަތަރުން އުޒްބެކިސްތާން ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އީރާނުން ޖަޕާން ބަލިކުރީ ފަހަތުން އަރައި 1-2 އިންނެވެ. އުޒްބެކިސްތާނާއި ގަތަރު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ގަތަރު މޮޅުވީ 2-3 އިންނެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ޖަޕާނުން އައީ މިފަހަރު ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު ކުއާޓާ ފައިނަލާ ހަމައިން ވަކިވާން ޖެހުމުން އެޓީމުގެ ކުޅުންތެރިން ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެފައި ތިބިތަނެވެ.
އީރާން ކޮޅަށް ޖަޕާނުގެ ގޯލު 28 ވަނަ މިނެޓުގައި ޖެހީ ހިޑަމޭސާ މޮރީޓާ އެވެ. އީރާނުން ނަތީޖާ ހަމަހަމަކުރި ގޯލު 55 ވަނަ މިނެޓުގައި ޖެހީ މުހައްމަދު މެހެބީ އެވެ. އެޓީމު މޮޅުވީ އިތުރު ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލުންނެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީރެޒާ ޖަހަންބާޝް އެވެ.
އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ގަތަރަށް ލީޑު ލިބުނީ ފުރަތަމަ ހާފުގައި ގޯލްކީޕަރު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެ ވަނަ ހާފުގައި އުޒްބެކިސްތާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ޚަމްރޮބެކޮވް އެވެ.
އިތުރު ވަގުތުގެ ދެ ހާފަށް ފަހު ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި އުޒްބެކިސްތާނަށް މެޗުން މޮޅުވާން ފުރުސަތު ލިބުނެވެ. އެކަމަކު އެޓީމަށް ކާމިޔާބުކުރެވުނީ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ. ގަތަރަށް ދެ ޕެނަލްޓީ ވައްދާނުލެވުނު އިރު އަނެއް ތިން ޕެނަލްޓީ ކާމިޔާބުކުރި އެވެ.
އޭޝިއަން ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޖޯޑަން އާއި ދެކުނު ކޮރެއާ އެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
ދެ ވަނަ ސެމީގައި ބުދަ ދުވަހުގެ ރޭ 8 ޖަހާއިރު ގަތަރު ނުކުންނާނީ އީރާންއާ ދެކޮޅަށެވެ.
Advertisement


Leave a Reply