ސޮންގެ ޖާދުލާ އެކު ދެކުނު ކޮރެއާ އޭޝިއަން ކަޕް ސެމީ އަށް

ގަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ސޮން ހެއުން މިން ދެއްކި މޮޅު ކުޅުމާ އެކު 2-1 އިން އޮސްޓްރޭލިއާ ބަލިކޮށް ދެކުނު ކޮރެއާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އިއްޔެ ކުޅުނު ކުއާޓާ ފައިނަލް ދެ މެޗުގެ ތެރެއިން ދެކުނު ކޮރެއާ މެޗު ފެނުނީ ފޯރިގަދަކޮށެވެ. އެ މެޗުގައި ފުރަތަމަ ލީޑު ނެގީ އޮސްޓްރޭލިއާ އިންނެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ކްރެއިގް ގުޑްވިން އެވެ.
އޮސްޓްރޭލިއާ މޮޅުވާން ދަނިކޮށް ދެކުނު ކޮރެއާ އަށް ލިބުނު ޕެނަލްޓީއަކުން މެޗު އެއްވަރުކުރީ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. ހަތް މިނެޓުގެ ގޮތުގެ ދެއްކި އިތުރު ވަގުތުގެ ފަހު ވަގުތު ދެކުނު ކޮރެއާ އަށް ޕެނަލްޓީ ލިބުނީ އޮސްޓްރޭލިއާ ކުޅުންތެރިއަކު ސޮން އަށް ކުރި ފައުލަކަށެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުވާން ހީ-ޗާން އެވެ.
އެއްވަރުވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ދެކުނު ކޮރެއާ މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ސޮން އެވެ. ޓޮޓެންހަމް ހޮޓްސްޕާގެ މުހިއްމު ކުޅުންތެރިޔާ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެ ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.
މެޗުގެ ފަހުކޮޅު އޮސްޓްރޭލިއާގެ އައިޑެން އޮނީލް އަށް ސީދާ ރަތް ކާޑު ދެއްކުމުން އެޓީމަށް ގޭމު ތެރެއަށް އަންނަން އުނދަގޫވި އެވެ.
ކުއާޓާ ފައިނަލުގެ އަނެއް މެޗުގައި ތަޖިކިސްތާނާ ވާދަކޮށް ޖޯޑަން ވަނީ 0-1 އިން މޮޅުވެފަ އެވެ. ތަޖިކިސްތާން ކުއާޓާ ފައިނަލަށް ދަތުރުކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ހައިރާން ކުރުވަނިވި ގޮތަކަށް ކަޓުވާލުމަށް ފަހު އެވެ. އަނެއްކޮޅުން ޖޯޑަން ކުއާޓާ އަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވި އިރާގް ބަލިކޮށްގެންނެވެ.
އިއްޔެގެ މެޗުގައި ޖޯޑަންގެ ހަމައެކަނި ގޯލަކީ 66 ވަނަ މިނެޓުގައި ތަޖިކިސްތާނުގެ ވަޚްދަތު ހަނޮނޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ތަޖިކިސްތާން ޓީމުގެ ކޯޗަކީ ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދުދިން ޕީޓަ ސެގާޓް އެވެ.
ކުއާޓާ ފައިނަލުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ޖަޕާން ނުކުންނާނީ އީރާންއާ ދެކޮޅަށެވެ. މިރޭ ކުޅޭ މެޗުގައި މުބާރާތް ބާއްވާ ގަތަރު ވާދަކުރާނީ އުޒްބެކިސްތާނާ އެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި ދެކުނު ކޮރެއާއާ ވާދަކުރާނީ ޖޯޑަން އެވެ. ދެ ވަނަ ސެމީގައި ވާދަކުރާ ޓީމުތައް މިއަދު ކަށަވަރުވާނެ އެވެ.
Advertisement


Leave a Reply