ޔުނައިޓެޑް މޮޅުކޮށްދިން ގޯލާ އެކު ޒުވާން މައިނޫ އަށް ބޮޑު އުފަލެއް

Advertisement

ޔުނައިޓެޑް މޮޅުކޮށްދިން ގޯލާ އެކު ޒުވާން މައިނޫ އަށް ބޮޑު އުފަލެއް

ފަހުމިނެޓް
ފަހު ވަގުތު މޮޅުވި ގޯލު ޖެހުމަށް ފަހު މައިނޫ އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުވި ގޯލު ފަހު ވަގުތު ޖެހުމަކީ ފުޓްބޯޅައިގައި އޭނާ ދުށް ހުވަފެނެއް ކަމަށް އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ކޯބީ މައިނޫ ބުނެފި އެވެ.

ރޭ ރަށުން ބޭރުގައި ޔުނައިޓެޑް ވުލްވްސް ދަނޑުގައި މޮޅުވީ 4-3 އިންނެވެ. މެޗު އެއްވަރުވާން ދަނިކޮށް މައިނޫ ޔުނައިޓެޑް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނެޓުގެ ތެރެއިން ހަތް ވަނަ މިނެޓުގަ އެވެ.

Advertisement

ޔުނައިޓެޑްގެ އެކެޑަމީ އިން ތަމްރީނުވެ މައިނޫ މިހާރު އަންނަނީ އެޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދަމުންނެވެ. ރޭ މައިނޫ ޖެހީ ލީގުގައި އޭނާގެ ފުރަތަމަ ގޯލެވެ.

“މިއީ ހަގީގަތަކަށް ވި ހުވަފެނެއް. އަދިވެސް މިހުރީ ގަބޫލުނުކުރެވިފަ” މެޗަށް ފަހު މައިނޫ ބުންޏެވެ.

ރޭގެ މެޗަކީ ސީނިއާ ޓީމަށް މައިނޫ ކުޅުނު 11 ވަނަ މެޗެވެ. އިންގްލެންޑަށް އުފަން މިޑްފީލްޑަރަށް ސަމާލުކަން ހުއްޓުނީ ޕްރީ ސީޒަނުގައި ދެއްކި ކުޅުމުންނެވެ. އޭގެފަހުން ބޮޑު އަނިޔާއެއްވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުއްޓެވެ.

“ކުޑައިރުގެ ކްލަބަށް ޕްރިމިއާ ލީގުގައި ކުޅުމަކީ އާދަޔާހިލާފު އިހުސާސެއް. ދެން އޮތީ މަސައްކަތްކޮށްގެން ގިނަ މެޗުތަކެއް ކާމިޔާބުކުރުން” މައިނޫ ބުންޏެވެ.

މެޗުގައި މައިނޫގެ އިތުރުން ޔުނައިޓެޑްގެ ގޯލުތައް ޖެހީ މާކަސް ރަޝްފާޑާއި ރަސްމުސް ހޮއިލެންޑް އަދި ސްކޮޓް މެކްޓޮމިނޭ އެވެ.

މޮޅާ އެކު ޔުނައިޓެޑް މިހާރު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެޓީމަށް 22 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާއި ބޯންމައުތު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވެސްޓް ހޭމް ހަ ވަނައިގައި އޮތްއިރު ބޯންމައުތު އޮތީ 12 ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *