ސައުދީ އަރަބިއާ ހިތްދަތި ގޮތަކަށް އޭޝިއަން ކަޕުން ކަޓައިފި

Advertisement

ސައުދީ އަރަބިއާ ހިތްދަތި ގޮތަކަށް އޭޝިއަން ކަޕުން ކަޓައިފި

ފަހުމިނެޓް

ދުނިޔޭގެ މަޝްހޫރު ތަރިންނާއި އެކު ވަރުގަދަ ލީގެއް އުފައްދާފައިވާ ސައުދީ އަރަބިއާ އޭޝިއަން ކަޕްގެ ދެ ވަނަ ބުރުގައި ދެކުނު ކޮރެއާ އަތުން ބަލިވެ ކަޓައިފި އެވެ.

ރޭ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅެ މޮޅުވާން ދަނިކޮށް ސައުދީ ކޮޅަށް ދެކުނު ކޮރެއާ އިން ގޯލު ޖެހީ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. މެޗުގެ 90 މިނެޓާއި އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފު ނިމުނުއިރު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ސައުދީ ބަލިވީ 2-4 އިންނެވެ.

މެޗުގައި ސައުދީގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޖެހީ އަބްދުﷲ ރާދިފް އެވެ. ކޮރެއާ އެއްވަރުކުރި ގޯލު އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި ޖެހީ ޗޯ ގީ ސަން އެވެ.

ހަތަރު ޕެނަލްޓީގެ ތެރެއިން ސައުދީގެ ފަހު ދެ ޕެނަލްޓީ ވައްދައެއް ނުލެވުނެވެ. ދެކުނު ކޮރެއާ އިން ވަނީ އެޓީމުގެ ހަތަރު ޕެނަލްޓީ ވެސް ވައްދާލާފަ އެވެ.

ދެކުނު ކޮރެއާ އަށް އޭޝިއަން ކަޕްގެ ޗެމްޕިއަންކަން އެންމެ ފަހުން ލިބުނީ މީގެ 64 އަހަރު ކުރިންނެވެ. ފުޓްބޯޅައިގެ ގަދަ ބާރަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ސައުދީ މިފަހަރުގެ މުބާރާތަށް ނުކުތީ އުއްމީދާ އެކު އެވެ. އެކަމަކު ހިތްދަތި ގޮތަކަށް ބަލިވުމާ އެކު އެޓީމު ކުޅުންތެރިން ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެފައި ތިބި ތަނެވެ.

އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން މިހާތަނަށް ޖާގަ ހޯދީ ދެކުނު ކޮރެއާގެ އިތުރުން، އޮސްޓްރޭލިއާ، ތަޖިކިސްތާން، ޖޯޑަން، މުބާރާތް ބާއްވާ ގަތަރު އަދި އުޒްބެކިސްތާން އެވެ.

ދެ ވަނަ ބުރުގެ ފަހު ދެ މެޗު ކުޅޭނީ މިއަދު އެވެ. ފުރަތަމަ މެޗުގައި ބަހްރޭން އާއި ޖަޕާން ވާދަކުރާއިރު ފަހު މެޗުގައި އީރާން ނުކުންނާނީ ސީރިޔާއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *