އެފްރިކަން ކަޕްގައި މޮރޮކޯ އަށް ކުރިއަކަށް ނުދެވުނު

ގަތަރުގައި 2022 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކުރި މޮރޮކޯ އެފްރިކަން ކަޕް އޮފް ނޭޝަންސް 2023 ގެ ދެ ވަނަ ބުރުން ކަޓައިފި އެވެ.
އައިވަރީ ކޯސްޓުގައި ކުރިއަށްދާ މުބާރާތުގެ ގަދަ 16 ގެ މެޗުގައި ރޭ ދެކުނު އެފްރިކާއާ ވާދަކޮށް މޮރޮކޯ ބަލިވީ 0-2 އިންނެވެ.
މޮރޮކޯ ދުނިޔޭގެ ސަމާލުކަން ހޯދި ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމުންނެވެ. މޮރޮކޯ ވޯލްޑް ކަޕް ސެމީ ފައިނަލަށް ކުރި ދަތުރުގައި ވަރުގަދަ ސްޕެއިން އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ބަލިކުރި އެވެ. ސެމީގައި ބަލިވީ ފްރާންސް އަތުންނެވެ.
ރޭ ދެކުނު އެފްރިކާ އަތުން ބަލިވެ ކެޓުމަކީ މޮރޮކޯ އަށް ބޮޑު ހައިރާން ކަމެކެވެ.
މެޗުގައި ދެކުނު އެފްރިކާގެ ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު އެވިޑެންސް މަކްގޯޕާ ޖެހިއިރު ދެ ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހީ ޓެބޯހޯ މޮކޭނާ އެވެ.
މޮރޮކޯ އަށް ރޭ ވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕެނަލްޓީއެއް ލިބިފަ އެވެ. އެކަމަކު އެޓީމުގެ އިތުބާރު ކުޅުންތެރިޔާ އަޝްރަފް ހަކީމީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި މޮރޮކޯގެ ސޮފްޔަން އަމްބަރާތަށް ރަތް ކާޑު ދެއްކުމުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއި އެކު އެވެ.
އެފްރިކަން ކަޕްގައި 2019 ވަނަ އަހަރު ވެސް މޮރޮކޯ ކެޓީ ދެ ވަނަ ބުރުންނެވެ. އެފަހަރު ކެޓީ ބެނިން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ.
ދެކުނު އެފްރިކާގެ އިތުރުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ނައިޖީރިއާ، އެންގޯލާ، ކޭޕް ވާޑް، ކޮންގޯ، ގިނީ، މާލީ އަދި މުބާރާތް ބާއްވާ އައިވަރީ ކޯސްޓެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ ފެބްރުއަރީ 2. 3 އަދި 4 ވަނަ ދުވަހު އެވެ.
Advertisement


Leave a Reply