ފަލަސްތީނުން ދެއްކީ އާދަޔާހިލާފު ހިތްވަރެއް، މިހާރު އޮތީ ގަދަ 16 ގައި

Advertisement

ފަލަސްތީނުން ދެއްކީ އާދަޔާހިލާފު ހިތްވަރެއް، މިހާރު އޮތީ ގަދަ 16 ގައި

ފަހުމިނެޓް
ގްރޫޕް ސްޓޭޖުގެ މެޗެއްގައި ގޯލު ޖެހުމަށް ފަހު ފަލަސްތީނުގެ ކުޅުންތެރިން އުފާފާޅުކުރަނީ. އެޓީމު ގަދަ 16 ގައި ނުކުންނާނީ ގަތަރާ ދެކޮޅަށް

އޭއެފްސީ އޭޝިއަން ކަޕްގެ ނޮކައުޓް ބުރުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދި ފަލަސްތީން ގަދަ 16ގެ މެޗުގައި ޗެމްޕިއަން ގަތަރާ ވާދަކުރަން ޖެހިއްޖެ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތާލާނެ ކަމަށްބުނެ އިޒްރޭލުން ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 25000 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ. ގައުމު ބިރުވެރިކަމެއްގައި އޮތްއިރު ފަލަސްތީނުގެ ފުޓްބޯޅަ ޓީމުން މިފަހަރުގެ އޭޝިއަން ކަޕްގައި ނެރެމުން އަންނަ ނަތީޖާތަކަށް އަންނަނީ ތައުރީފް އޮހެމުންނެވެ.

ފަލަސްތީނުން މީގެ ކުރިން ވާދަކުރި އޭޝިއަން ކަޕްގެ ދެ މުބާރާތުގައި ވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭޝިއަން ކަޕްގެ ނޮކައުޓް ބުރުން ފުރުސަތު ހޯދީ ގްރޫޕް ސީގެ ތިން ވަނަ ހޯދައިގެންނެވެ.

ފަލަސްތީނަށް ގްރޫޕުގެ ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، އަނެއް ބުރުން ފުރުސަތު ހޯދީ ތިން ވަނައިގައި ނިންމާލި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފަލަސްތީން ވަނީ އީރާން އަތުން 1-4 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ 1-1 އިން އެއްވަރުކުރި އެވެ. އަނެއް ބުރު ޔަގީންކުރީ ފަހު މެޗުގައި ހޮންގްކޮން 3-0 އިން ބަލިކޮށްގެންނެވެ.

ފަލަސްތީނާއި ގަތަރުގެ އިތުރުން ގަދަ 16 އިން ފުރުސަތު ހޯދީ ތަޖިކިސްތާން، ޔޫއޭއީ، އިރާގް، ޖޯޑަން، އޮސްޓްރޭލިއާ، އިންޑޮނީޝިއާ، ސައުދީ އަރަބިއާ، ދެކުނު ކޮރެއާ، އީރާން، ސީރިޔާ، ބަހްރޭން، ޖަޕާން، އުޒްބެކިސްތާން އަދި ތައިލެންޑް އެވެ.

ނޮކައުޓް ބުރުގައި ފަލަސްތީނު ގަތަރާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ އަންނަ ހޯމަ ދުވަހުގެ ރޭ 10 ޖަހާއިރު އެވެ.

ގަދަ 16 ގެ މެޗުތައް

ތަޖިކިސްތާން – ޔޫއޭއީ

އިރާގް – ޖޯޑަން

އޮސްޓްރޭލިއާ – އިންޑޮނީޝިއާ

ސައުދީ އަރަބިއާ – ދެކުނު ކޮރެއާ

އިރާން ސީރިޔާ

ބަހްރޭން – ޖަޕާން

ގަތަރު – ފަލަސްތީން

އުޒްބެކިސްތާން – ތައިލެންޑް

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *